Support Us

ކޮލަމް ގާދޫކޮލުން ބޭރުން

ކުޑައީ ރާއްޖޭގެ ބިން؛ ރާއްޖެއެއް ނޫން!

"އިންޑިއަން އޯޝަން" އަށްވުރެ އައުލާކަން ބޮޑު ނަމަކީ "މޯލްޑިވިއަން އޯޝަން"

މުތްތަކެއްގެ ހާރެކެވެ. ކުޑަ ޖަޒީރާ ޤައުމެކެވެ. އަސްލު މިންގަނޑަށް ކުރަހާފައި ހުންނަ ދުނިޔޭގެ ޗާޓުތަކުން ނުވެސް ފެނެއެވެ. ބިމުގެ ބޮޑުމިނުން ހަމަވަނީ އެންމެ 300 އަކަ ކިލޯމީޓަރެވެ. އެންމެ ބިން ބޮޑު ޤައުމުކަމުގައިވާ ރޫސީވިލާތަށް މިދިވެހިރާއްޖެ 54،500 ފަހަރު ފެތެއެވެ. އަވަށްޓެރި ސިލޯނުވެސް 200 ގުނަ ބިން ބޮޑެވެ.

މީސްކޮޅުވެސް، ދުނިޔޭގެ ނިސަބަތުން، މިރާއްޖޭގައި އެހާމެ މަދެވެ. އާބާދީގެ ނިސްބަތުން ދުނިޔޭގައި ލިބެނީ، 235 ޤައުމުގެ ތެރެއިން 173 ވަނަ ދަރަޖައެވެ.

ބުނެވެނީ މިޤައުމުގައި ޤުދުރަތީ ވަޞީލަތްތައްވެސް މަދުކަމަށެވެ. އަދި، ތަރައްޤީވުމަށް ބޭރުގެ ހިލޭ އެހީ ކޮންމެހެން ބޭނުންކަމަށް ބެލެވިގެން ޚާރިޖީ ސިޔާސަތު ބައްޓަންކުރަމުން އަންނަތާ ބައި ޤަރުނުވީއެވެ.

އެވޭލާ ޒަމާނުގައި އިނގިރޭސިން އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ކަނޑި ބަޑި ހިފައިގެން ވެރިވެގެން އުޅުނުއިރު، މިރާއްޖެއަށް މާބޮޑު ސަމާލުކަމެއް ނުދޭތާއެވެ. ނުފޫޒުގެ ދަށުގައި އޮތް އިރުވެސް މިއީ "ކޮލަނީ" އެއް ނޫނެވެ. "ޕްރޮޓެކްޓްރޭޓް" އެކެވެ. ބުނާތީ އަޑު އަހަމެވެ. ދިވެހިން ހިލާ ބޮލި މެނުވީ އެވެރިން ވަގަށްނަގާނެ، ކަމުދާ، އަގުހުރި އެއްޗެއް ނެތީމައެވެ.

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވަނީ

އަދުގެ ދުނިޔޭގައި ޤައުމެއްގެ މުހިންމުކަން ރަމްޒުކޮށްދެނީ އެބައެއްގެ އަސްކަރީ އާރާއިބާރުން ކަމަށްވެސް ވަކާލާތު ކުރެއެވެ. މިރާއްޖޭގައި ދިފާއީ ބާރަކަށް މިއޮންނަނީ ސިފައިންނެވެ. ޕެރަމިލިޓަރީ ފޯހެކެވެ. ވަކި އާމީއަކާއި ނޭވީއެއް، އަދި އެއަރފޯހެއް ނޯވެތާއެވެ.

މިވަރުން ނުފުދޭ ނަމަ، ބާކީއޮތް ހަމައެކަނި މިންގަނޑަށް ބަލާލަމާތޯއެވެ. އިޤްތިޞާދަށެވެ. އުފެއްދުންތެރިކަމުގެ ތަފާސްހިސާބަށް ނަޒަރު ހިންގާލީމައި ރާއްޖޭ ފެންނަން އޮންނަނީ 148 ވަނައިގައެވެ. ހަ ބިލިއަން އެމެރިކާ ޑޮލަރުގެ އިޤްތިޞާދެކެވެ. ދުނިޔޭގެ އެންމެ ބޮޑު ވިއްސަކަށް އިޤްތިޞާދު ގުނެނީ ބިލިއަނަކުން ނޫނެވެ. ޓްރިލިއަނުންނެވެ.  އަދި، ފޯބްސްއިން ނެރޭ ބިލިއަނަރުންގެ ލިސްޓު ބަލާލީމާ، މުޅި ދިވެހި ބައިތުލްމާލަށްވުރެ މުއްސަނދި 300 އެއްހާ މީހުން އެބަ ފެނެއެވެ.

ކޮންމެއަކަސް، ޢާންމު ހުރިހާ މިންގަނޑަކުން ބަލާއިރުވެސް، މިހާ ކުޑަކުޑަ އަދި މީސްކޮޅު މަދު ޤައުމެއް، ބައިނަލްއަޤްވާމީ ބޮޑު މަންޒަރުގައި މުހިންމުވެގެން ނުވާނެތާއެވެ. ބައްޕަ ގެނެސްދެއްވާ ކުޅޭ އެއްޗަކާ ދެބެއިން ހިފާ ފަދައިން، ދުނިޔޭގެ އެންމެ ބައިބޯ ދެ ޤައުމުން މިރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަން ހިފާގަދަވާން މިޖެހެނީ ކީއްވެބާއެވެ؟

މިރާއްޖޭގައި އޮންނަ ނިޒާމާމެދު ޔޫރަޕްގެ އިއްތިހާދުގައި ދޭތެރެދޭތެރެއިން ބޮޑެތި ބަހުސްކުރެވެނީ ކޮން ސަބަބަކާހުރެ ބާވައެވެ؟ މިރާއްޖޭގައި ޑެމޮކްރަސީ އޮތްތޯ އަދި ޙައްޤުތައް ކަށަވަރުވޭތޯ ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުން ދުރުމިއަޅާ ބަލަން މިޖެހެނީ ކޮންކަމެއް އޭގެ ފަހަތުގައި އޮތުމުންތޯއެވެ؟

މިއީ މިއަދު ފުންކޮށް ވިސްނާލަންޖެހޭ ކަމެއްކަމަށް ދެކެމެވެ. މިރާއްޖެއާ އެއް ސައިޒުގެ އެހެން ޤައުމުތައްވެސް އެބަ ހުއްޓެވެ. އެބަޔަކާ އަޅާލާތަކެއް ނުފެނެއެވެ. މިއަށްވުރެ މީސްކޮޅު މަދު ތަންތައް ހުރިއިރު، އެބަޔަކަށް ކުޑަވެސް ސަމާލުކަމެއް ނުދެއެވެ. އަދި، ވެރިކަމުގެ ހަރުދަނާ ނިޒާމެއްނެތް އަދި އަސާސީ ޙައްޤުތަކުގެ ކަންފުޅެއްވެސް ލިބިފައިނުވާ މީހުން މަދެއްނޫނެވެ. އެބަޔަކު ފަހާދުވާތަނެއްވެސް ނުފެނެއެވެ.

ޤަބޫލުކުރައްވާށެވެ. އެދުމެއް ނެތްނަމަ، ވެދުމެއް ނުކުރާނެއެވެ. ޚާރިޖީ ގުޅުންތަކުގައިވެސް ކަން އޮންނަނީ ހަމަ މިބީދައިންނެވެ. އަޅުގަނޑުމެން މުހިންމުވަނީ ހަމަ މުހިންމުވާތީތާއެވެ. މުހިންމުވާ ކަމެއް އޮތީމަތާއެވެ. މުހިންމު އެއްޗެއް އަޅުގަނޑުމެންގެ އަތްމަތީގައި އޮތީމައެވެ.

ފެށުމުގައި ދެންނެވި ފަދައިން، މިރާއްޖެއަކީ ބިމުގެ ގޮތުން ތަނަވަސް ޤައުމެއް ނޫނެވެ. ނަމަވެސް، މަދަރުސީ މަންހަޖުގައި މިރާއްޖެ ކުޑަކަމަށް ލިޔެވިފައި އޮންނަ އޮތުން ހަޤީޤަތުގައި ޞައްޙައެއް ނޫނެވެ. ބިން ކުޑަ ނަމަވެސް މިރާއްޖެ ކުޑައެއް ނޫނެވެ. އަސްލު ސައިޒަކީ 90،000 އަކަ މީޓަރެވެ. ރާއްޖޭގެ 1190 ރަށުގެ ބިމުގެ ސައިޒާ އަޅާ ބަލާއިރު ޤައުމުގެ ސައިޒު 300 ގުނަ ބޮޑެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، ޤައުމުގެ ބިމުގެ ނިސްބަތަކީ އެންމެ 0.3 އިންސައްތައެވެ.

އަވަށްޓެރި ސިލޯނުގައި ސަފީރެއްގެ މަޤާމުގައި އަޅުގަނޑު ހުރި ދުވަސްވަރު އަޅުގަނޑު ތަކުރާރުކޮށް ފާހަގަކޮށް އުޅުނު ހަޤީޤަތެކެވެ. "ތިޔަ ބޭފުޅުންނަށްވުރެ އަޅުގަނޑުމެން ބޮޑެވެ!" ސިލޯނުގެ ސައިޒަކީ 65،610 އަކަ މީޓަރު ވިއްޔާއެވެ.

އިންޑިޔާގެ އެކުވެރިން ގާތު އަޅުގަނޑު ބުނެއުޅޭ ވާހަކައެއްވެސް ދަންނަވާލާނަމެވެ. މިސަރަޙައްދުގެ ބިޔަ މާސިންގާ ކަނޑަށް "އިންޑިއަން އޯޝަން" ކިޔާތީ ދެރަތާއެވެ. އެންމެ އައުލާކަން ބޮޑީ "މޯލިޑިވިއަން އޯޝަން" މިނަން ނޫންތޯއެވެ؟ އިންޑިޔާގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދަށްވުރެ ދިވެހިރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދު ބޮޑެވެ.

މިހެން ބުނުމުން، ބަޔަކު ރައްދުގައި ބުނާނެއެވެ. ތިޔައީ ހަމައެކަނި ތަފާސް ހިސާބެވެ. ބޭނުން ހިފޭނެ އެއްޗެއް ނޫނެވެ.

އަޅުގަނޑުގެ ނުކުތާއަށް މިއާދެވުނީއެވެ. ބަޔަކަށް ރާއްޖެ މުހިންމު ވަނީ މިސަބަބާހުރެއެވެ. ހިފާގަދަވަނީ މިއާއެވެ. ބޭނުންވަނީ މިތަނެވެ.

"މެރިޓައިމް ސިލްކް ރޯޑް" އަކީ މިއަދު ދިވެހިންނަށް އާ އެއްޗެއް ނޫނެވެ. ޗައިނާގެ ޒައީމުގެ ތަޞައްވުރެވެ. އެވޭލާ ޒަމާނުގައި ޗައިނާއާ ދުނިޔޭގެ އެހެން ހިސާބުތަކާ ގުޅާލެވުނު އިޤްތިޞާދީ އަދި އިޖްތިމާއީ ރާސްތާއެވެ. މިޤަރުނަށް ރަހަ ހެޔޮވަރުކޮށްލައިގެން އަލުން އިޔާދަކުރުމުގެ ޕްލޭނެކެވެ. "މެރިޓައިމް ސިލްކް ރޯޑް" ގައިވެސް އެންމެ މުހިންމު އެއް މަންޒިލަކީ ރާއްޖެކަމަށް ޚުދު އެމަނިކުފާނު ވިދާޅުވި ދެއްތޯއެވެ؟ މި މާލެއަށް 2015 ގައި ޒިޔާރަތްކުރެއްވިއިރުއެވެ. އަދި، އެމަނިކުފާނުގެ ތަޞައްވުރުގެ ތެރެއިން ރާއްޖެއަށް ދީލަތި އެހީތަކެއްވެސް ދެއްވި ނޫންތޯއެވެ؟

ހަމަ އެއާއެކު، އެކަން ވެގެންދިޔައީ އަވަށްޓެރި އިންޑިޔާއަށް ބަލައިގަންނަން އެހާ ފަސޭހަކަމަކަށް ނޫންތާއެވެ. ފުރަތަމަ އަންނަންވާނީ އިންޑިޔާ ތާއެވެ. ކައިރީ އިންޑިޔާ ވީމައެވެ. ސަޤާފީގޮތުން ވައްތަރުކަމެއްވެސް މިހުންނަ ކަމަށްވަނީ އެވެރިންނާ ވީމައެވެ. ބޮޑަށް ގާތްވެވެނީ ކާކަށްތޯ ދެއްކުމުގެ ވާދަވެރިކަން އެއޮތީ ފެށިފައެވެ. އެވާދަވެރިކަން އަދިވެސް މިދަނީ ހަމަ ކުރިއަށެވެ.

ޗައިނާއަށް "މެރިޓައިމް ސިލްކް ރޯޑް" ކަމަށްވިއްޔާ، ޖަޕާނަށް އެއީ "ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް ސްޓެޓަޖީ" އެވެ. ތަފާތީ ނަމެވެ. މަޤްސަދު ހަމަ އެކައްޗެކެވެ. އެޤައުމުގައިވެސް ސަފީރަކަށް ހުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. މިދެންނެވި އިސްތިރާޖީ ޓޯކިޔޯގައި އިފްތިތާހު ކުރެވުނު ދުވަހު އެތާނގައި ހުރީމެވެ. މަޤްސަދު ސާފުވެގެންދިޔައެވެ. "އިންޑިޔާ" ކަނޑުގައި އެޤައުމުގެ ނުފޫޒު އޮންނަންޖެހޭ ކަމަށް އެވެރިންވެސް ދެކެއެވެ. ކުޅިފަސް ލިބެނީ މިހިސާބުގައި ގަދަ ބަޔަކަށް ކަމަށްވެއެވެ. އެންމެ ވަރުގަދަ އެމެރިކާގެ ވިސްނުންވެސް ވަކި ތަފާތެއް ނޫނެވެ. ރާއްޖެއާ އަޅާބަލާއިރު، ދުނިޔޭގެ ދިމާ އަނެއް ފަރާތުގައި އޮތަސް ހެޔޮތާއެވެ.

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރަނީ، އަޅުގަނޑުމެންގެ ކަނޑަކީ ހަމައެކަނި މާތް ﷲ ރޯދި ކުރެއްވި މަހުގެ ވަޞީލަތުގެ ގޮތުގައެވެ. ނަމަވެސް، މިބޮޑު ކަނޑުގެ އެހެން ބޭނުންތަކެއް ދުރުތިބީންނަށް ސާފުކޮށްފެނެއެވެ. ޤުދުރަތީ އެހެން ވަޞީލަތްތަކެއް ހުރިކަން އިނގެއެވެ. ތެލެވެ. ގުދުރަތީ ގޭހެވެ. އަގުހުރި އެކި މައުދަނުތަކެވެ. އަދި، އިރުމައްޗާއި ހުޅަނގު އެންމެ ކުރުކޮށް، ފަސޭހައިން އަދި ޚަރަދު ކުޑަކޮށް ގުޅުވާދޭ ރާސްތާގައިވެސް ރާއްޖެ ކަޑައްތުކުރަން އެބަޖެހެއެވެ.

މިވާހަކައަށް ބޮޅެއް އިތުރުކޮށްލާފައި ނިންމާލާނަމެވެ. ގިނަ ބަޔަކަށް ނޭނގޭނެ ކަމަކަށް ވީތީއެވެ. އިސްވެ ދެންނެވި ފަދައިން މިބޮޑު ދިވެހިރާއްޖެ މާލަހެއްނުވެ އަދި އިތުރަށްވެސް ބޮޑުވާނެއެވެ. ހައިރާން ނުވާށެވެ. މިއީ ކަންއޮތްގޮތެވެ.

ރާއްޖޭގެ ދެކުނުން މިއޮންނަނީ ފޯޅަވައްސެވެ. ނުވަތަ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އެވެ. އެންމެ ބޮޑު ރަށަކަށް އޮންނަނީ ޑިއެގޯ ގާސިއާއެވެ. އައްޑޫ ސިޓީން ދެކުނަށް ކޯސް ނެގީމައި ދެވޭނީ އެޖަޒީރާއަށެވެ. މިއަދު އެއީ މީހުން އުޅޭ މިނިވަން ދައުލަތެއް ނޫނެވެ. އެޖަޒީރާގެ އަސްލު ވަޒަންވެރިން ފައްސާލުމަށްފަހު، އިނގިރޭސިން ވެރިވެގަނެ، އެމެރިކާއަށް ވިއްކާލާފައި އޮންނަ އަސްކަރީ މަރުކަޒެކެވެ.

ފޯޅަވަހި ހިމެނޭ ކަނޑުގެ ސަރަޙައްދު ކުޑައެއް ނުވާނެއެވެ. ދުރު ނޫން ހިސާބެއްގައި ދެން އޮންނާނީ އޭގެ އިރު ދެކުނުން އޮންނަ މޮރިޝަސްއެވެ. ބައިނަލްއަޤްވާމީ ޤާނޫނުގެ ތެރެއިން މިދެންނެވި ބިޔަ ބޮޑު ސަރަޙައްދުގެ ބެލެނިވެރިކަމާމެދު އަދި ގޮތެއް ނުނިމެއެވެ. މިކަމާމެދު ފައިސިލާކުރަމުންދަނީ ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނާބެހޭ އިދާރާ ނުވަތަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އެވެ. ދައުވާ އުފުލާފައިވާނީ ދިވެހިރާއްޖެއާއި މޮރިޝަސްއިންނެވެ. އައްޑޫ ސިޓީއާއި ފޯޅަވައްސާ ދެމެދުގެ ކަނޑުގެ ސަރަޙައްދު ހޯދުމުގެ ނިޔަތުގައެވެ.

އިޓްލޮސްގެ އުޞޫލުތައް އޮންނަ ގޮތުން، ދައުވާ ކުރާ ދެފަރާތުން ކުރެ ފަރާތަކުން ދޫނުދޭނަމަ، ވަކި މުއްދަތަކަށްފަހު ކަނޑައަޅާނީ އެސަރަޙައްދު ދެބައިކޮށް، ދެޤައުމާ ޙަވާލުކުރާށެވެ. އެހެންކަމުން، މިސަރަޙައްދުގެ ކޮންމެވެސް ބައެއް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް، ކޮންމެވެސް ދުވަހަކުން، ވަދެގެންދާނެތާއެވެ. އެހިސާބުން ހަމަ ހަޤީޤަތުގައިވެސް އިންޑިއަން އޯޝަން އަކީ މޯލްޑިވިއަން އޯޝަން ނޫންތޯއެވެ؟ އަދި، މިހާރު މިސަރަޙައްދަށް ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ޝައުޤުވެރިކަންވެސް ދާނީ އެތައް ގުނައަކުން ބޮޑުވެގެންނޫންތޯއެވެ؟

ކޮންމެއަކަސް، ދިވެހި ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި، އަދި ސިޔާސީ ވާދަވެރިކަމުގައިވެސް، މިހިރަ ކަންކަން މިދަނީ ފެންނަމުންނެވެ. ބޮޑު ދެގެރި ތަޅަންޏާ ކަށްގަލަށް ދަނީ ބާރުކުރަމުންނެވެ. ކުރާ ބާރު ދާނީ ގަދަވަމުންވެސްމެއެވެ. ދިވެހިން ފާރަވެރިވެ، ސަމާލުވާން ޖެހެއެވެ. ކޮންމެވެސް ދުވަހަކުން، ފޯޅަވަހީގައި ކުރިން އުޅުނު ޙައްޤު ވަޒަންވެރިންނަށް ދިމާވިފަދަ ހާލަތެއް އަޅުގަނޑުމެންނަށް ދިމާވިޔަ ނުދިނުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1431

2 Responses

  1. މިނިވަން ދުވަހު ގައުމުގެ މިނިވަން ކަމާ މެދު ވިސްނާލަން ފުރުޞަތު ލިބުނު ފިލާވަޅެއް. ރާއްޖޭގެ އެތެރޭގައި ރައްޔިތުން ލައްވައި މިހިންގާހާ ހަމަ ނުޖެހުމާއި ބޭރު މީހުންނާ ހުރި ގުޅުން ދޭހަވެއްޖެ. އަޅުގަނޑު މި ލިޔުން މި ކިޔާލީ އަޅުގަނޑަށް ބުރަވެވެވިފައި އޮންނަ ސިޔާސީ ވިސްނުން އެއްފަަރާތްކޮށްފާ. މިނިވަން ދުވަހު މިނިވަންކޮަށް ވިސްނާލަން ހިތަށް އަރުވައިގެން ހުރެ. ލިޔުން ކިޔަމުން ވަކި އަތަކަށް ނުޖެހި ވިސްނީމާ ވިސްނުނު ގޮތް ވަރަށް ތަފާތު. ސުބުޙާނަﷲ. މި ގައުމުގެ މިނިވަންކަމަށް ވުރެ އިސްކަން ދޭންވި އެއްކަމެއް ނެތް. ދިވެހި އާންމު ރައްޔިތުން ހޭރަން ވެއްޖެ. މާ ލަސްވެއްޖެ. ޝުކުރިއްޔާ މޮންދު.

  2. އަރަބި ކަނޑުގަ މި ރާއްޖެ އޮންނަނީ އިންޑިއަން އޯޝަންއަކީ އަދި އޭގެފަހަށް އަންނަކަމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *