Support Us

ކޮލަމް: ފަގުޑި

ސިޔާސީ ވާހަކައެއްތަ؟ ނޫނީ ދީނީ ވާހަކައެއްތަ؟

ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ދީނާއި ސިޔާސަތަކީ ވަކިނުކުރެވޭނެ ދެއެއްޗެކެވެ. މި ބުނުމުގައި އެބޭފުޅުން ވަރަށް ރަނގަޅަށް ހިފަހައްޓަވާވެސް މެއެވެ. ތަފާތު ދާއިރާތަކުން މަސައްކަތް ކުރުމުގައެވެ. ތަފާތު ޙާލަތްތަކުގައެވެ. ދިމާވާ އެކި ތަފާތު ކަންކަމުގައި ދީނުގައި އެކަން އޮންނަގޮތް ބުނެދެއްވުމުގައެވެ.

ކުޑަތަންކޮޅެއް ކުރީގެ ކަމެކެވެ. މީހެއްގެ ރަނގަޅު ވާހަކަ ދައްކަމުން އެމީހާ ޔޫސުފުގެފާނާ ހަމަހަމަ ކުރިއެވެ. އެކަން އެގޮތަށް ކުރާނީ ދީނީގޮތުން ބަލާއިރު، އެކަން އެގޮތަށް ކުރެވޭނެތީއެވެ. ނުވަތަ ދީނުގައި އެކަން އެގޮތަށް ކުރާތީއެވެ. އެހެނީ އެއީ ތަންދޮރުފިލާ ދީނީ ޢިލްމުވެރިންނެވެ. ނަމަވެސް އެދުވަސްވަރު މިކަމާ ގުޅިގެން އެކިމީސްމީހުން ތަފާތު ވާހަކަތައް ދައްކައި އުޅުނެވެ. ކޮންމެއަކަސް ޔޫސުފުގެފާނަކީ ނަބީއެކެވެ. ރިވެތި ނަމޫނާއެއް ދެއްކެވި މޫރިތި ބޭފުޅެކެވެ. ވީމާ، އާދައިގެ އިންސާނަކާ ތަފާތުތަކެއް ހުންނާނެއެވެ. މިކަން ޒަމާނުއްސުރެ ދިވެހިން ޤަބޫލުކުރަނީވެސް މިގޮތަށެވެ. އެހެންވެ، ދަރަޖަ ކުރުމުގައިވެސް ހެއްދެވި ފަރާތާއި، ރަސޫލުންނާއި، އެހެނިހެން ފަރާތްތައް ދިވެހިން ތަފާތު ކުރެއެވެ. މިސާލަކަށް ދަންނަވާނަމަ، ﷲ ވަޙީކުރައްވާނީއެވެ. ރަސޫލާ ހަދީސްކުރައްވާނީއެވެ. ރަސްގެފާނު ވިދާޅުވާނީއެވެ. އެހެނިހެން މީހުން ބުނުއްވާނީ ނުވަތަ ބުނާނީއެވެ.

ޙަދީސް ޢިލްމުގައިވެސް ޞައްޙަ ޙަދީސާއި އެހެނިހެން ދަރަޖައިގެ ޙަދީސް ވަކިކޮށް އެނގޭނެ ގޮތަށް ލިޔެފައިވާ ފަދައިން، ޙަދީސާއި މައުޘޫރު ބަސްފުޅުތަކާއި، އެހެނިހެން ވާހަކަތައްވެސް ވަކިކޮށް ގެންނަވާފައިވަނީ ހަދީސަކީ ނަބަވީ ބަސްފުޅު ކަމަށް ވެފައި ހަދީސާއި އެހެނިހެން ބަސްފުޅުތަކާ ހަމަހަމަ ނުވާނެތީއެވެ. އެއަށް ޢަމަލުކުރުމުގެ ޙުކުމްވެސް ތަފާތުވާނެތީއެވެ. ކަންމިހެން ހުރީތީ ސިޔާސީގޮތުން ނަމަވެސް އެފަދަ ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު އެކަމަކަށް ޢާއްމުންގެ ފާޑުކިއުން އަމާޒުވެއެވެ. ނޫސްތަކުގެ ފަލަސުރުޚީގައި ފެވެން ފަށައެވެ. ކޮފީމޭޒުތަކުގައި އެވާހަކައެއް ތަރަތަރަ ޖަހައެވެ.

މިދެންނެވި ފަދަ އަނެއް ވާހަކައަކީ، އިންތިޚާބެއްގައި ކެންޑިޑޭޓަކު ރަސޫލަކާ އެއްފަދަ ކުރުމެވެ. ރަސޫލުންނަކީ މައުސޫމު ބައެކެވެ. ﷲގެ ޢިނާޔަތާއި ޙިމާޔަތް ލިބިގެންވާ ބައެކެވެ. އެބޭކަލުންނަށް ޚާއްޞަ ކަންކަންވެސް ހުންނާނެއެވެ. ވީމާ، އަމުދުން އިންތިޚާބުފަދަ ކަންކަމުގައި ރަސޫލުންނާއި ކެންޑިޑޭޓުން ހަމަހަމަ ކުރުމުން ފާޑުކިއުންވެސް އަންނާނެއެވެ. ދީނީ ބަޔަކު ކުރިއަސް އެޒާތުގެ ކަންކަން އެކުރަނީ މިކަން ނޭނގިގެނެއްނޫނެވެ. ސަމާލުކަން ޔަޤީން ކުރުމަށެވެ. މަޝްހޫރުކަން އިތުރު ކުރުމަށެވެ. އެއްބަޔަކު ބުނާ ގޮތުގައި ދީން ހަތިޔާރަކަށް ހަދަނީއެވެ. އެބުނުމަކީ ވަކިމަރުކާއެއްގެ ޕްރޮޑަކްޓަކަށްވީމާ އެއްމެނަށް ކަމުދާނެކަމަށް ބަލައިގެންނެވެ. ޝެފަކީ ކާކުކަން އެނގުނީމާ ލޮނުހެޔޮވަރުކަމަށް ބަލައި، އެއްމެނަށްވެސް މީރުވާންވީ ޔޯލައެވެ! ކަންވަނީވެސް އެހެންނެވެ. މިއީވެސް ހަމަ ދީނާއި ސިޔާސަތު ވަކިނުކުރުމުގެ ތެރެއިން ހިނގާ ކަންކަމެވެ.

މިކަހަލަ ކަންކަން ހިނގަނީ ތިމަންމެން ބޭނުންވާ ކަމެއް ޙާޞިލުކުރުމަށް ކަމަށްވާތީ، އެކަމަކަށް ފާޑުކިއުމެއް އަމާޒުވެއްޖެނަމަ މުޅިޓީމު ޑިފެންސަށް ފައިބައިގެން ނަމަވެސް އެބުނުމެއް ޙިމާޔަތް ކުރެއެވެ. ހަމައެފަދަ އެހެން ބުނުމެއް ތިމަންމެން ނޫން މީހަކު ބުނެފިނަމަ، އޭގެ ބައްޓަމަށް ބަލައި މުޅިޓީމު އެޓޭކަށް އަރައިގެން ނަމަވެސް އެބުނުމެއް ހަވަރަށްދޭ ފަހަރުވެސް އާދެއެވެ. އެއީވެސް ހަމަ ދީނާއި ސިޔާސަތު ވަކިނުކުރުމުގެ ތެރެއިންނެވެ.

މިބާވަތުގެ އެހެން ކަމެކެވެ. ހުޅުމާލެ ދެވަނަ ފޭސް އަށް ދިއުމަށް ބްރިޖު ހުޅުވައިލި ފުރަތަމަ ހުކުރު ދުވަސް ކަމަށްވާތީ ހުޅުމާލޭ މަގުތައް ފެންނަނީ ހަލަބޮލިކޮށެވެ. މީހުންތަކުގެ ތެރެއިން ބްރިޖު ހުރަސްކޮށް މަގުހުރިގޮތަށް ދެވުނީ ހަތްހާސް ފްލެޓް ޢިމާރާތްތަކާ ހަމައަށެވެ. އެއްގަމުން ފެންނަން ހުރި، ކުންފުނިތަކުން އަޅާ ޢިމާރާތްތަކާ ދިމާއަށް ދާންއޮތް މަގުތައް އޮތީ ބަންދުކޮށްފައެވެ. އަނބުރާ ފޭސް އެކަކަށް އައިސް ރަށްޓެއްސަކާއެކު ކޮފީމޭޒެއްގައި މަޑުކޮށްލީމެވެ. ޖެހިގެން ހުރިމޭޒުގައި ތިބީ ފޭސްޓޫ ބަލައިލަން މާލެއިން އައި ޒުވާން ގުރޫޕެއްކަން ދައްކަމުންދިޔަ ވާހަކަތަކުން އެނގުނެވެ. ބައެއް ކުދިންގެ ތުނބުޅި ޢާއްމުކޮށް ފެންނަ ތުނބުޅިތަކަށްވުރެ ދިގެވެ. ތަންކޮޅެއް ތުނިކޮށް ބޯކޮށާފައިވާ ޒުވާނަކުވެސް އިނެވެ.

"އޭނަގެ ވެރިކަމުގައި އަހަރެމެން ހައްޔަރުކޮށް ބައިތިއްބާނެ ތަންތަން ހެދުމުގެ ބަދަލުގައި ހެދީ އަހަރެމެން ނުކުމެ ރަށްޓެހިންނާއި ޢާއިލާއާއެކު މަޑުކޮށްލައިގެން ތިބޭނެ ޕާކުތައް. ކަމެއް ދިމާވީމާ ގޮސް ފަރުވާހޯދާނެ ހޮސްޕިޓަލްތައް. ފޭސްޓޫ ބަލައިލަން އަމިއްލަ ވެހިކަލްގައި ކަނޑު ހުރަސްކޮށްލާނެ ބްރިޖު،" މިހިސާބަށް އެއްކުއްޖަކު ބުނިތަނާ "އޭނަ މިހާރު ކޮބާ؟" ހީނގެންފައި އަނެއްކުއްޖަކު ސުވާލުކޮށްލިއެވެ. މިފަހަރު މިބުނުމަށް ރައްދުދިނީ އެހެން ކުއްޖެކެވެ. "އޭނަ އޮތްތަން ބަލާނެ ކަމެއް ނެތް. ބަލަންވީ އޭނަ ކޮށްދިން ކަންތައްތައް. އަޑުއަހާބަލަ! އެއްދުވަހަކު ޢުމަރުގެފާނު ހޯދަން މީހަކު ދިޔައިރު، އިސްތަށިފުޅު ދަށަށް އަތްޕުޅު ލައްވައިގެން ގަހެއްގެ ދަށުގައި އަވަހާރަފުޅަށް އޮންނަވަނިކޮށް ފެނިގެން އެމީހާ ބުނި "ރަށުގައި އަމާންކަން ޤާއިމުކުރައްވައި، ތިޔައޮންނެވީ އަރާމުގައި އަވަހާރަފުޅަށްތާއެވެ!" އެމީހާ ބެލީ އެކަލޭގެފާނު އޮންނެވި ތަނެއްނޫން. ކޮށްދެއްވި ކަންތައްތައް." މިހިސާބަށް ވާހަކަ ދިޔަތަނާ އެވާހަކަ މެދުކަނޑާލައި ތަންކޮޅެއް ބާރަށް އެހެން ކުއްޖަކު ބުންޏެވެ. "ތިޔަބުނަނީ އަމާންކަން ޤާއިމުކުރައްވާފައި ޢުމަރުގެފާނު އަވަހާރަފުޅަށް އޮންނެވި ގޮތަށް، މިޤައުމުގައި ކަންކަން ކޮށްދީފައި ކުރީގެ ރައީސް ޖަލުގައި އޮންނެވި ވާހަކަ ދޯ؟" ހުރިހާ ކުދިން އެއްފަހަރާ ބާރަށް ހީނގަތެވެ.

މިފަހަރު މި އެއްފަދަ ކުރީ ނަންހުރި ޚަލީފައަކާއެވެ. އާނއެކެވެ! މަޝްހޫރު ޢުމަރުލްފާރޫޤު އެވެ.  "ތިމަންކަލޭގެފާނަށްފަހު ނަބީބޭކަލަކު ފޮނުއްވޭނަމަ އެބޭކަލަކީ ޢުމަރެވެ." މިހެން ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ނަން މަޝްހޫރު ޞަޙާބީއެވެ. އެހެންވީމާ ސުވާލަކީ މިގޮތަށް އެއްފަދަ ކުރުމަކީ އަދި، ވަކިން ޚާއްޞަކޮށް އިންތިޚާބު ފަދަ ސިޔާސީ ހަރަކާތްތަކުގައި ދީނީ ކުލަވަރުގެ އަނދުނެއްގެ ގޮތުން، ބައެއްފަހަރު ރަސޫލުންނާ، އަނެއްބައިފަހަރު ޞަޙާބީން ނުވަތަ ޚަލީފާއިންނާ އެއްފަދަ ކޮށް ބުނާބުނުމަކީ، ދީނީ ވާހަކައެއް ހެއްޔެވެ؟ ނޫނީ ސިޔާސީ ވާހަކައެއް ހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. އެފަދަ އަނެއް ވާހަކައަކީ ތިމާގެ ޕާޓީއަކީ ނޫހުގެފާނުންގެ ނައުކޮޅޭ ބުނުމެވެ. ތިމާގެ ޕާޓީ ނޫހުގެފާނުންގެ ނައުކޮޅަށް ވާނީ ތިމާ ނޫހުގެފާނަށް ވެގެންތާއެވެ. އަމިއްލައަށް ވެސް ބައެއް މީހުން ނަބީންނާ އެއްފަދަވެގަންނަނީއެވެ.
    މިކަހަލަ އަނެއް ވާހަކައަކީ ތިމާގެ ފަތުރުވަޒީރު/ނައިބަކީ ޚާލިދު ބުނުލްވަލީދު ކަމުގައި ބުނުމެވެ. އަދި އޭނާއަށް ފަސް ސަތޭކަ އިންސައްތަ އިތުބާރު ވެސް ދިނީއެވެ. އެންމެ ފަހުން މި ނައިބަކު ދައުލަތް ދަވާލި މައްސަލާގައި އޭނާގެ ސާހިބާ ވެސް ގޮވައިގެން ދިގު މުއްދަތަކަށް ޖަލަށް ވަންނާންޖެހުނީއެވެ. ސުލައިމާން ސާ ބައެއް ވާހަކަތައް ދޫޮކޮށްލެއްވީ ގަސްތުގައިތޯއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *