Support Us

އިސްތިޚާރާ އަކީ ކަންޒެއް

އިންސާނާއަކީ ކުރިމަގު އެނގުމަށް ވަރަށް ޝައުޤުވެރިވާ މަޚްލޫޤެކެވެ. އެއީ އޭނާއާ ބެހޭ ކަމެއްނަމަ އެ ކަމެއް އެނގުމަށް އޭނާގެ ޝައުޤުވެރިކަން މާ އިތުރުވެގެން ދެއެވެ. މިހެންވެ މީސްތަކުން ބޮޑު ކަމެއް ކުރަން އުޅޭއިރު ، މަޝްރޫޢެއް ރާވާ ހިންގަން ފެށުމުގެ ކުރިން އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ޓަކައި އެތައް ގޮތަކަށް އެކަމަކާމެދު ވިސްނާ ފިކްރު ކުރެއެވެ. ސާޙިރުންނާއި،ކާހިނުންނާ ، ރާހިބަލާ މީހުންނާއި ، ނުޖޫމީ ޢިލްމުވެރިންފަދަ މީހުންގެ ގާތަށްގޮސް އެކަމާމެދު އެމީހުންގެ ބަހެއް  ލިބޭތޯ ބަލައެވެ.  އިސްލާމްދީން އައުމުގެ ކުރިން ޖާހިލީ ޒަމާނުގައި ޢަރަބިން އެ ފަދަ ކަންކަން ބަލައި އުޅުނީ ދޫނި އުދުއްސައިގެންނާއި ، ނަޞީބު ހުރި ގޮތް ބަލަން ގެންގުޅޭ ދުނިދަނޑިފަދަ އެއްޗެހި ބޭނުންކޮށްގެންނެވެ. އޭނާ އުދުއްސާލައި ދޫނި ކަނާތަށް އުދުހިގަތްނަމަ އެކަމަކާއިގެން ކުރިއަށް ދަނީއެވެ. ވާތަށް އުދިހިގަތްނަމަ އެކަމެއް ނުފަށާނެތެވެ. ދުނިދަނޑީގައޮ ބޭނުން ކުރާނީ ތިން ތަށްޓެވެ. އެއް ތަށީގައި ލިޔާނީ ކުރޭ އެވެ. ދެވަނަ ތަށީގައި ލިޔާނީ ނުކުރޭ އެވެ. ތިންވަނަ ތަށީގައި އެއްވެސް އެއްޗެއް ނުކިޔާނެތެވެ. ދުނިދަނޑިޖެހުމުން ފާޅުވީ ކުރާސޭ ލިޔެފައިވާ ތަށިނަމަ އެކަމަކަށް ކުރިމަތިލާނެތެވެ. ދުނިދަނޑިޖެހުމުން ފާޅޫވީ ނުކުރާށޭ ލިޔެފައިވާ ތަށިނަމަ އެކަމެއް ނުކުރާނެތެވެ. އެއްވެސް އެއްޗެއް ނުލިޔެ އޮތް ތަށި ފާޅުވިނަމަ އަލުން ދުނިދަނޑި ޖަހަންފަށާނެއެވެ.

އިސްލާމްދީން އައިސް މި ކަންކަން ނުކުރުމަށް މީސްތަކުންނަށް އެންގެވިއެވެ. ޣައިބަކީ ﷲއަށް ޚާޢްޞަ ކަމެއްކަން އެންގެވިއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (قُلْ لَا يَعْلَمُ مَنْ فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّهُ – النمل: 65- މާނައީ : ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް غيب ގައިވާކަމެއް ނޭނގޭނެތެވެ.) އިންސާނާ ކިތަންމެވަރަށް މަސައްކަތް ކުރިއަސް އޭނާއަކަށް އެކަމެއް ދެނެއެއް ނުގަނެވޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ – البقرة:  -216- އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ.)

އިސްތިޚާރާ ބޮޑު ކަންޒެއް

އެހެންކަމުން އިސްލާމްދީން މި ވަނީ ޣައިބާ ބެހޭ އެންމެހާ ވަސީލަތްތަކާއި ދޮރުތައް ބަންދު ކުރައްވައިފައެވެ. އަތްބެލުމައި ފާލުބެލުމައި، ރަމަލު ޖެހުމައި، ތަށިދުއްވުމާއި ، ޖިންނި ގެނެއުންފަދަ އެންމެހާ ކަންތައްތަކަކީ އިސްލާމްދީން ޙަރާމް ކުރައްވާފައިވަ ޖާހިލީ ޒަމާނުގެ ހަޑިހުތުރު ޢަމަލުތަކުގެތެރޭގައި ހިމެނޭ ކަންތައްތަކެކެވެ. ބޮޑެތި މަޝްރޫޢުތައް ފަށާއިރު އެކަންކަމުގައި އޮތް ހެޔޮކަމާއި ނުބައިކަން ދެނެގަތުމަށް އޮތީ އިސްތިޚާރާއެވެ. މިހެންވެ އިސްތިޚާރާއަކީ ބޮޑު ކަންޒެކެވެ. މުސްލިމުން އެކަމާ ބެހޭގޮތން އެނގިގެންނާއި ނޭނގިތިބެ ވާހަކަ ދައްކައެވެ. އެހެނަސް ޢަމަލީ ޙަޔާތގައި މުސްލިމުން މި ވަސީލަތުގެ ބޭނުން ހިފާލެއް ވަރަށް މަދެވެ. ޖިންނިކަލޭގެ ގާތަށް ގޮސް އެތައް ހާސް ރުފިޔާއެއް ނަގައިލަންވީ ކީއްކުރަން ހެއްޔެވެ؟ ހުރިހާ ކަމެއް ފާލާއި ސިއްރު ދެނެވޮޑިގަންނަވާ އަރަހުށި ﷲގެ ޙަޟްރަތަށް ގޮސް އިސްތިޚާރާ ކުރާށެވެ! އެކަމަށް ފައިސާތަކެއް ހޭދަކުރާކަށް ނުޖެހޭނެއެވެ. ތިބާގެ ވަގުތުން ކުޑަކުޑަ ވަގުތުކޮޅެއް އެކަމަށް ފުދިގެންވެއެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲގެ މިބަސްފުޅު އަޑު އަހާށެވެ! قَالَ جَابرُ بْنُ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا: كَانَ رسُولُ اللَّهِ صلى الله عليه وسلم يُعَلِّمُنَا الْاسْتِخَارَةَ فِي الْأُمُورِ كُلِّهَا كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ، يَقُولُ: إِذَا هَمَّ أَحَدُكُمْ بِالْأَمْرِ فَلْيَرْكَعْ رَكْعَتَيْنِ مِنْ غَيْرِ الْفَرِيضَةِ، ثُمَّ لْيَقُلْ: اللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ العَظِيمِ؛ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الغُيُوبِ، اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا الأمْرَ-وَيُسَمِّي حَاجَتَهُ- خَيْرٌلِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي– أَوْ قَالَ: عَاجِلِهِ وَآجِلِهِ- فَاقْدُرْهُ لِي وَيَسِّرْهُ لِي ثمَّ بَارِكْ لِي فِيهِ، وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي– أَوْ قَالَ: عَاجِلِهِ وَآجِلِهِ – فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كَانَ، ثُمَّ أَرْضِنِي بِهِމާތްﷲ ރުއްސުންލެއްވި ޖާބިރު ބްނު ޢަބްދުﷲގެފާނު ވިދާޅުވިއެވެ. އަހަރެމެން ކަންބޮޑުވާ ހުރިހާ ކަމެއްގައި ރަނގަޅު މަގު ދައްކަވާ ދެއްވުމަށް އެދި ނަމާދުކުރުމަށް رَسُول اللَّه صَلى اللّه عليه وسلم އަހަރެމެންނަށް އިރުޝާދު ދެއްވިއެވެ. އަހުރެމެންނަށް އެކަލޭގެފާނު ޤުރްއާނުގެ ސޫރަތް އުނގަނާދެއްވާ ގޮތަށް އިސްތިޚާރާ އުނގަންނާ ދެއްވިއެވެ. ކީރިތި ރަސޫލާ عليه الصّلاة والسّلام ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުންކުރެ މީހަކު ކަމެއްކުރަން އެދޭނަމަ މާތްﷲއަށް ދެރަކްޢަތް ނަމާދެއް ކުރާހުށި ކަމެވެ. އަދި އެއަށްފަހު މިދުޢާ ދަންނަވާށެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ދެނެވޮޑިގަތުން މެދުވެރިކޮށް އިބަރަސްކަލާނގެ ޙަޟްރަތުން ރަނގަޅުގޮތް މިއަޅާއަށް ޚިޔާރު ކޮށްދެއްވުމަށް އެދެމެވެ. އިބަ ރަސްކަލާނގެ ކުޅަދުންވަންތަ ކަމުން މިއަޅާއަށް ބާރު ދެއްވުމަށް އެދެމެވެ. އިބަ ރަސްކަލާނގެ މަތިވެރި ދަރުމައިން މިއަޅާއަށް ދެއްވުން އެދެމެވެ. ފަހެ، ހަމަކަށަވަރުން އިބަރަސްކަލާނގެ ކުޅަދުންވަންތައެވެ. މިއަޅާއަށް ކުޅަދާނަކަން ލިބިގެން ނުވެއެވެ. އިބަރަސްކަލާނގެ ދެނެވޮޑި ގަންނަވަމުއެވެ. މިއަޅާއަށް އެނގިގެން ނުވެއެވެ. އިބަ ރަސްކަލާނގެއީ ޣައިބު އެންމެ މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިކަމަކީ (ބޭނުންވާ ކަމެއްގެ ވާހަކަ ދަންނަވާނީ) މިއަޅާގެ ދީނުގައްޔާއި ދިރިއުޅުމުގައްޔާއި ނިމުމުގައި ހެޔޮކަމެއް ކަމުގައި އިބަރަސްކަލާނގެ ދެނެވޮޑި ގަންނަވާނަމަ މިއަޅާއަށް އެކަން މިންވަރު ކޮށްދެއްވައި އެކަން ކުރެވޭނެ މަގު ލުއިކޮށް ދެއްވާނދޭވެ! އަދިމިކަމަކީ މިއަޅާގެ ދީނުގައްޔާއި ދިރިއުޅުމުގައްޔާއި ނިމުމުގައި ނުރަނގަޅު ކަމެއް ކަމުގައިވާނަމަ ފަހެ އެކަން މިއަޅާގެ ކިބައިން ފިއްލަވައި މިއަޅާ އެކަމާދުރުހެލި ކުރައްވާނދޭވެ! އަދި މިއަޅާއަށް ހުރިހާ ކަމެއްގައިވެސް ހެޔޮގޮތް މިންވަރު ކުރައްވާ އެކަމާމެދު ރުހިގެންވާ މީހަކު ކަމުގައި މިއަޅާ ލައްވާނދޭވެ! ) އެކަލޭގެފާނުގެ ބަސްފުޅާމެދު ވިސްނާލަމާ ހިނގާށޭވެ! އެކަލޭގެފާނު  ވިދާޅުވިއެވެ. (އަހުރެމެންނަށް ރަސޫލާ صلى الله عليه وسلم ޤުރްއާނުގެ ސޫރަތްތައް ދަސްކޮށްދެއްވާފަދައިން،  އެކަލޭގެފާނު އަހުރެމެންނަށް އިސްތިޚާރާ ވެސް އުނގަންނާދެއްވިއެވެ.) ސޫރަތްތައް ދަސްކޮށްދެއްވާއިރު ތަކްރާރު ކުރައްވާނެތެވެ. ރަނގަޅަށް ދަސްވެފައިވޭތޯ ބައްލަވާނެތެވެ. ކުށްތައް ރަނގަޅުކޮށްދެއްވާނެތެވެ. އެއަށްފަހު  ޖާބިރުގެފާނު ވިދާޅުވިއެވެ. (ތިޔަބައި މީހުންގެތެރެއިން މީހަކަށް ކަމެއް ބޮޑުވެއްޖެނަމަ ފަހެ ފަރްޟަކަށް ނުވާގޮތަށް ދެ ރަކްޢަތް ކުރާހުށިކަމެވެ.! އެއަށްފަހު މި ދުޢާކިޔާށެވެ!

މިއީ ބޮޑު ކަންޒެކެވެ. މާތް ﷲ ރުއްސުންލެއްވި އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. ( ޖާހިލީ ޒަމާނުގެ މީހުންގެ ބިދްޢަތަކުން މި އުއްމަތް ސަލާމަތްކޮށް ދެއްވުމަށް ރަސުލުﷲގެފާނު މި ދެއްކެވި މަގަށް ނިކަން ބަލާބަލާށެވެ! އެއަށްފަހު އިބްނުލް ޤައްޔިމު ރަސޫލާ މި ދަސްކޮށް ދެއްވި ދުޢާއަށް ބައްލަވާލެއްވިއެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. ( އެއީ ތައުޙީދާއި ﷲގެ ތަނަވަސްކަމާއި ފުދިވޮޑިގަތުމެވެ. އެއީ  އަޅުވެތިކަމާއި ތަވައްކުލެވެ. އެއީ ހުރިހާ ހެޔޮކަމެއް އެ ފަރާތެއްގެ ޔަދު ޤުދްރަތުގެދަށުގައިވާ ފަރާތުން ކަންތަކަށް އެދުމެވެ. ހެޔޮ ކަމެއް ލިބޭނީ އެ ފަރާތުންނެވެ. ނުބައި ކަމަކުން އެއްކިބާވެވޭނީ ހަމަ އެ ފަރާތުގެ ވާގިވެރިކަން ލިބިގެންނެވެ. އެކަލާނގެ އަޅަކަށް އެއްވެސް ރަޙްމަތެއްލައްވަވައިފިނަމަ އެ ރަޙްމަތް ހިފަހައްޓާނެ  ބާރެއްނުވެއެވެ. އެ ކަލާނގެ ރިޒްޤެއް ހިފަހައްޓަވައި ނުތަނަވަސް ކުރައްވައިފިނަމަ އެ ކަން ވީއްލޭނެ ފަރާތެއް ނުވެއެވެ.

ކިހާ ފުން ކަންޒެއް ތޯއެވެ؟ ރަސޫލާ ދަސްކޮށް ދެއްވި ދުޢާގެ މި ޢިބާރާތަށް ވިސްނާލަ ބަލާށެވެ. (وَأَسْتَقْدِرُكَ بِقُدْرَتِكَ އަދި އިބަ ރަސްކަލާނގެ ކުޅަދުންވަންތަ ކަމުން މިއަޅާއަށް ބާރު ދެއްވުމަށް އެދެމެވެ.) މާނައަކީ  ކޮބައިތޯއެވެ؟ އެބަހީ: މި އަޅާގެ ވެރި ރަސްކަލާކޮ! އެ ކަމާ ހަމައަށް މި އަޅާއަށް ވާޞިލުވެވޭނެ ބާރު މިއަޅާއަށް އިނބަރަސްކަލާނގެ ދެއްވާވާނުތޯއެވެ. އިސްތިޚާރާ ދުޢާއަކީ ތަޢުލީމެވެ. އިސްތިޚާރާ ދުޢާ ތިބާއަށް އުނގަންނާދޭ ދަރުސަކީ ތިބާއަކީ ފަޤީރު އަޅެކެވެ. ތިބާގެ ބާރެއް އާރެއް ނެތެވެ. މި އާރާއި ބަރު ވަނީ ﷲގެ ޙަޟްރަތުގައެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައެވެ. އިސްތިޚާރާ ތިބާއަށް އުނގަންނާދޭ ފިލާވަޅަކީ ތިބާ ޙާޞިލު ކުރަން މަސައްކަތް ކުރާ ކަމެއް ޙާޞިލު ކުރެވޭނީ ތިން ޝަރްޠެއްގެ މަތިންނެވެ. ފުރަތަމަ ޝަރްޠަކީ ތިބާ މި ދުނިޔޭގައި ޙާޞިލުކުރަން އެދޭ ކަމަކީ ތިބާގެ ދީނަށް ބަލާއިރު ރަނގަޅު ކަމެއް ކަމުގައިވުމެވެ. ދުނިޔެއިން ތިބާ ޙާޞިލު ކުރަން އެދޭ އެ ކަން ތިބާގެ ދީނާ ތަޢާރުޟުވާ ކަމަކަށް ވެދާނެއެވެ. އެއީ ތިބާގެ މަޢީޝަތަށް ފައިދާހުރި ކަމަކަށް ވެދާނެއެވެ. އެހެނަސް އެއީ ތިބާގެ ދީނަށް ފައިދާހުރި ކަމަކަށް ނުވެ ހިނގައިދާނެއެވެ. ތިބާއަކީ ވަޒީފާއަކަށް ކާވެންޏަކަށް ދުނިޔެވީ ކަމަކަށް ޓަކައި މަސައްކަތް ކުރާ މީހަކަށްވެދާނެއެވެ. އެއީ ތިބާއަށް ވަރަށް ފައިދާހުރި ކަމަކަށް ވެދާނެއެވެ. މިކަމާއެކު ތިބާގެ ދީނަށްވެސް ބަލަން ޖެހޭނެއެވެ. ތިބާގެ އާޚިރަތަށް ވެސް ބަލަން ޖެހޭނެއެވެ. އިސްތިޚާރާ ދުޢާ ތިބާއަށް އުނގަންދެނީ ތިބާއަށް ތިބާގެ މަޤްޞަދާ ހަމައަށް ދެވިދާނެއެވެ. ބުރަކަމާއި ދަތިކަމާއެކުގައެވެ. ތިބާއަށް އެކަން ލުއިކޮށްދެނީ ފަހެ ކާކުހެއްޔެވެ؟ ﷲ ޢައްޒަ ވަ ޖައްލަކަން ކަށަވަރެވެ. މިހެންވެ ﷲއަށް ތިބާ ދަންނަވަނީ (فَاقْدُرْهُ لِي وَيَسِّرْهُ لِي ثمَّ بَارِكْ لِي فِيهِމިއަޅާއަށް އެކަން މިންވަރު ކޮށްދެއްވައި އެކަން ކުރެވޭނެ މަގު ލުއިކޮށް ދެއްވާނދޭވެ! އަދި އެއަށްފަހު އެކަމުގައި ބަރަކާތް ލައްވާނދޭވެ!) އިންސާނާއަށް އޮތީ މަސައްކަތް ކުރުމެވެ. އޭނާއަށް ﷲގެ ރުހިވޮޑިގަތުމަށް ބޭނުންވެއެވެ. މިހެންވެ އޭނާ މި ދަންނަވަނީ (ثُمَّ أَرْضِنِي بِهِ – އެއަށްފަހު އެކަމާމެދު ރުހިގެންވާ މީހަކު ކަމުގައި މިއަޅާ ލައްވާނދޭވެ!)

އިސްތިޚާރާގެ ސަބަބުން އިންސާނާ ޚުރާފާތުގެ ދާއިރާއިން ސަލަމަތް ވެއެވެ. ދީނާ ތިބާއަށް މަނާކުރާ  ކަންތައްތަކުން އިންސަނާ ސަލާމަތްކޮށްދެއްވެ.  ރާހީ ބެލުމާއި، އަތްބެލުމާއި، ފާލުބެލުމާއި ، ރަމަލު ޖެހުމާއި،ކަހީނުންގެ ކިޔެވެލިތަކުން ތިބާގެ ހެޔޮ ވިސްނުން ރައްކައުތެރިކޮށް ދެއެވެ. މި ފަދަ ޢަމަލުތަކަކަކީ އިންސާނާ އެއްވެސް އިމެއް ފާރެއްނެތް ދުނިޔެއަށްގެ ތެރެއަށް ނެރެ އެއްލައިލާ ކަންތައްތަކެކެވެ.

އިސްތީޚާރާ ކުރުމަކީ އެކަމުގައި އެއްވެސް ދެރައެއް ނެތް ކަމެކެވެ. ޠާހިރު ބުނުލް ޙުސައިނުގެ ދަރިކަލުން ޢަބްދުﷲ ބުނުލް ޙުސައިނު ކޫފާގެ ވެރިކަމަށް އިސްކުރެވުމުން ވިދާޅުވިއެވެ. (ތިބާގެ ހުރިހާ ކަމެއްގައި ތިބާގެ ވެރިރަސްކަލާނގެއާއެކު އިސްތިޚާރާ ކުރާށެވެ!.) މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޒައިނަބު ބިންތު ޖަޙްޝުގެފާނާ މާތް ﷲ ރުއްސުންލެއްވި ޒައިދު ބުލް ޙާރިޘަތުގެފާނާ ކާވެނި ބައްލަވައިގަތުމަށް ރަސޫލުﷲގެފާނު އެދިވަޑައިގަންނަވާ ޚަބަރު ލިބިވަޑައިގަތުމުން ޒައިނަބުގެފާނު ވިދާޅުވިއެވެ. (މާތްﷲ ތިމަންކަމަނާއަށް އަމުރުކުރައްވައިފުމަށްދާންދެން ތިމަންކަމަނާ އެ ކަން ނުކުރައްވާނަމެވެ.) މިހެން ވިދާޅުވެ އެކަމަނާ އިސްތިޚާރާ ނަމާދު ކުރެއްވިއެވެ. . އިމާމުލް ބުޚާރީއަށް ބަލާއިރު އެކަލޭގެފާނުގެ ޞަޙީޙުގައި ލިޔުއްވި ކޮންމެ ޙަދީޘްފުޅެއް ލިޔުއްވާފައިވަނީ އިސްތިޚާރާ ކުރައްވައިގެންނެވެ.

އިސްތިޚާރާ ނަމާދު ކުރާނީ ކިހިނެއް

ރަސޫލާ صلى الله عليه وسلم ޙަދީސްކުރައްވަނީ  ފަރްޟުނޫން ނަމާދެއް ކުރުމަށެވެ. އެބަހީ ސުންނަތް ނަމާދެއް ކުރުމަށެވެ. އެއީ ޟުޙާ ނަމާދަކަށް ވިޔަސް ރަވާތިބު ސުންނަތަކަށް ވިޔަސް ތަޙިއްޔަތުލް މަސްޖިދުފަދަ ނަމާދަކަށް ވިޔަސް ރަނގަޅުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އެއަށްފަހު އިސްތިޚާރާ  ދުޢާ ކިޔާނީއެވެ. އައްޝައިޚު ބިން ބާޒު ވިދާޅުވާ ގޮތުގައި މި ދުޢާ ކުރާނީ ނަމާދުކޮށް އަވަދިވެ ސަލާން ދިނުމަށް ފަހުގައެވެ. ރަސޫލާ r ގައި ވިދާޅުވެފައި ވަނީ (ނަމާދު ކުރުމަށްފަހު) އެވެ. މި ބަސްފުޅުން އެނގެނީ ސަލާންދިނުމަށް ފަހުގައި ކަމެވެ.

އިސްތިޚާރާ ކުރަންވީ ކޮން ކަމަކަށް

ދުނިޔަވީ ކޮންމެ ކަމަކަށް ޓަކައި ވެސް އިސްތިޚާރާ ކުރެވިދާނެއެވެ.ވަޒީފާގައި ކުރިއެރުމެއް ލިބުނަސް އެކަމާމެދު އިސްތިޚާރާ ކުރެވިދާނެއެވެ. އެއީ ހެޔޮ ރަނގަޅު ކަމެއް ކަމުގައި ތިބާއަށް ފެނުނަސް އެކަމަކާމެދު އިސްތިޚާރާ ކުރެވިދާނެއެވެ.

ޢުމްރާއަށް ދިޔުމަށް ޓަކައިވެސް އިސްތިޚާރާ ކުރެވިދާނެއެވެ. ހެޔޮ ކަމަކަށް ޓަކައި އިސްތިޚާރާ ނުކުރަން ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ. މި ކަމުގައި އިސްތިޚާރާ ކުރާނީ ކޮންކަމަކާ ހެދި ހެއްޔެވެ؟ މި ކަމުގައި އިސްތިޚާރާ ކުރާނީ ޢުމްރާއަށް ދާން މި އުޅޭ ވަގުތު މުނާސަބުތޯއެވެ. ޢުމްރާއަށް މި ގްރޫޕާއެކު ޢުމއްރާއަށް ދިޔުން ރަނގަޅުވާނެތޯއެވެ؟ ޢުމްރާއަށް ދިޔުމަށް ދަތުރު ކުރާނީ ކޮން ބޯޓަކުންތޯއެވެ؟ މިފަދަ މިފަދަ ކަންކަމަށް ޓަކައި އިސްތިޚާރާ ކުރެވިދާނެއެވެ.

އިސްތިޚާރާ ތަކުރާރު ނުކުރުން

ވަކި ކަމަކާމެދު އުސްތިޚާރާ ކުރުމަށްފަހު ދެވަނަ ފަހަރަށް އިސްތިޚާރާކޮށްގެން ނުވާނެއެވެ. ފަސްކުރެވެން އޮތް ކަމެއްނަމަ އިސްތިޚާރާ ފަސްކުރާނީއެވެ. މިސާލަކަށް ޙައިޟުވެރި ެަންހެނާއަށް އިސްތިޚާރާ ނަމާދެއް ނުކުރެވޭނެއެވެ. އެ ކަމަކީ ފަސްކުރެވެން އޮތް ކަމެއްނަމަ ފަސްކުރާނީއެވެ. ފަސްކުރެވެން ނެތްނަމަ ނަމާދު ނުކޮށް ހަމައެކަނީ އިސްތިޚާރާ ދުޢާ ކުރާނީއެވެ.

ﷲގެ ނިންމެވުން އެނގޭނީ ކިހިނެއް

އެކަމުގައި އޮތް ރަނގަޅު ގޮތް މާތް ﷲ ތިބާއަށް އެތައް އެތައް ގޮތަކުން އަންގަވާފާނެއެވެ. ހުވަފެނުގައި އެއީ ރަނގަޅުގޮތްކަން ތިބާއަށް ފެނިދާނެއެވެ. ނުވަތަ ތިބާގެ ހިތަށް އެއީ ރަނގަޅު ގޮތްކަން އަރާފާނެއެވެ. އެކަމާމެދު ތިބާގެ ނަފްސަށް ހިތްހަމަ ޖެހުންވލިބިދާނެއެވެ. މިސާލަކަށް ވަޒީފާއަކަށް ކުރިމަތިލާ މީހާ އިސްތިޚާރާކުރުމަށްފަހު އެ ކަމުގައި ކުރިއަށް ދާނީއެވެ. އެކަމނުގައި ކުރިއަށް ދަނިކޮށް ހުރަސްއެޅިއްޖެނަމަ އެއިން އެނގެނީ އެކަމުގައި މާތް ﷲހެޔޮ ކަމެއް ތިބާއަށް ލައްވާފައި ނުވާ ކަމެވެ. އެ ހިސާބުން އެކަން ހުއްޓާލާންވީއެވެ. އިސްތިޚާރާގައި ބޮޑަށް ބަލާނީ ތިބާއަށް ލިބޭ ހިތްހަމަ ޖެހުމަށެވެ.

ދެން އޮތް ނުކުތާއަކީ އިސްތިޚާރާ ކުރުމަށް ދެން މަޝްވަރާ ނުކުރާށެވެ. މަޝްވަރާ ކުރާނީ އިސްތިޚާރާގެ ކުރިންނެވެ. އިސްތިޚާރާ ކުރުމަށްފަހު މަޝްވަރާ ކުރުމުގެ މާނައަކީ ﷲ ތިބާއަށް ދެއްވި މަޝްވަރާ ތިބާ ޤަބޫލު ނުކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *