ފުލިދޫ ކަނޑުގައި އުފެދެމުންދިޔަ ބާންޏާއި ނަގަމުންދިޔަ ރާޅާއެކު، މަޑުމަޑުން ނަމަވެސް ސާބިތުކަމާއެކު، ލޯންޗު ދަތުރުކުރަމުންދިޔައީ މާލެއާ ދިމާއަށެވެ. މުލަކަތޮޅަށް ކުރި ކާމިޔާބު ކެމްޕޭނު ދަތުރަކަށްފަހު، ވަފުދުގެ މެންބަރުން ތިބީ ވަރުބަލިކަންމަތީއެވެ. ނަމަވެސް، އުފާވެރި މޫޑެއްގައެވެ.
ހުސް އެންމެ ސީޓެއްވެސް ނެތެވެ. ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން އެލޯންޗުގައި ތިއްބެވިއެވެ. މަޖިލީހުގެ މެންބަރުންނާއި ޕާޓީ ކައުންސިލްގެ މެންބަރުންނެވެ. އޭގެ ތެރެއިންވެސް ދެ ބޭފުޅަކު ފާހަގަވިއެވެ. އެއް ބޭފުޅަކު ހުންނެވީ، މ. ކޮޅުފުށީ ފަޅުން ނުކުތީއްސުރެ، ލޯންޗުގެ ދަގަނޑު ހޮޅިއެއްގައި ހިއްޕަވައިގެން، ކޮޅަށެވެ. ގޮނޑި މަދީއަކީ ނޫނެވެ. އެހާ ހިސާބަށް އައި އިރުވެސް ދެ ގަޑިއިރަށްވުރެ ގިނަ އިރުވެއްޖެއެވެ. ހިނދުކޮޅަކަށްވެސް އިށީނދެވަޑައިނުގަންނަވައެވެ. އެއީ، އެއިރު ޕީ.ޕީ.އެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އިށީނދެވަޑައިގަތުމަށް އެކަކުވެސް އެމަނިކުފާނު އަރިހަކުން ނުދަންނަވައެވެ. އެއީ، ކޮޅަށް ހުންނެވި ސަބަބު އެނގޭތީއެވެ. އެމަނިކުފާނުގެ ބުރިކަށީގައި ހުންނަ ގަދަ ރިހުމެއްގެ ސަބަބުން، ކަނޑުގަދަ ނަމަ އިޚްތިޔާރުކުރައްވާނީ ކޮޅަށް ހުންނެވުމެވެ. އިށީނދެވަޑައިގަތުމުން، ރާޅާއެކު ލޯންޗު އުފުލާފައި ޖެހުމުން ރިހުން ބޮޑުވާ ކަމަށް އިޙްސާސްކުރެއްވޭތީއެވެ.

ދެވަނަ ބޭފުޅަކުވެސް އެންމެންގެ ސަމާލުކަން ދަމައިގަތެވެ. އެއީ، އަޅުގަނޑާ އިންވެގެން އިންނެވި، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް އަދި ކައުންސިލްގެ މެންބަރު ޑރ. އަފްރާޝީމް ޢަލީއެވެ. އަޅުގަނޑުމެން ތިބީ ތަންތާނގައި ހިފަހައްޓައިގެންނެވެ. ޑރ. އަފްރާޝީމް ހިއްޕަވައިގެން އިންނެވީ ބިޔަ ބޯ ފޮތެކެވެ. އަދި، އެފޮތް ވިދާޅުވަމުންގެންދެވީ ފުރިހަމަ ސަމާލުކަން ދެއްވައިގެންނެވެ. އިންނެވީ ގަދަ ކަނޑެއްގައި ދުވަމުންދިޔަ ލޯންޗެއްގައި ކަމެއް ހަނދުމަފުޅެއް ނެތެވެ. ސަމާލުކަން ދެއްވަމުން ގެންދެވީ، ޔުނިވަރސިޓީގެ ލައިބްރަރީގައި އިންނަވާއިރާ އެއް ދަރަޖައަކަށެވެ.
އެމަނިކުފާނާ އަނގައިން ނުބުނެ އަޅުގަނޑަކަށް ހަމަ ނީނދެވުނެވެ. ކޮނޑުފުޅުގައި ކޮއްޓާލާފައި ދަންނަވާލީމެވެ.
އަޅުގަނޑު: ދުކްތޫރު އަފޫ. މިވަރަށް ލޯންޗު ތަޅާއިރު، ތިޔައިން އަކުރެއް ފިއްޔެއް ވަކިވެވަޑައިގަންނަވާ ވަރު ވޭތޯ؟
އިސް އުފުއްލާލެއްވިއެވެ. އަދި، އެމަނިކުފާނުގެ ޓްރޭޑްމާކް ހިނިތުންވުން މޫނުފުޅަށް ފެތުރިގެންދިޔައެވެ. އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ފަރިތަ މަންޒަރެކެވެ. ޑރ. އަފްރާޝީމްގެ ހިތްޕުޅުހެޔޮ، އުޖާލާ ހިނިތުންވުމެވެ. އަދި، ވިދާޅުވިއެވެ. އެމަނިކުފާނުގެ ޓްރޭޑްމާކް އަޑުފުޅުންނެވެ. އަބަދުވެސް ގެންގުޅުއްވާނީ ލޯބިވާ ބައްޕައަކު އޭނާގެ ދަރިއަކަށް ނަސޭހަތް ދޭއިރު ގެންގުޅޭ ފަދަ، މާތް، މަޑުމައިތިރި އަޑުފުޅެކެވެ.
ޑރ. އަފްރާޝީމް: މިރޭ ޓީ.ވީ. ޕްރޮގްރާމެއް އެބައޮތް. އެއަށް މި ދިރާސާކޮށްލަނީ. ދަތުރުގެ ފޯރީގައި ތިޔަ ބޭފުޅުންނާއެކު އުޅުމުގެ ތެރެއިން، ދުރާލާ ޕްރޮގްރާމަށް ތައްޔާރުވެލަން ވަގުތު ނުލިބުނީ.
އަޅުގަނޑު: ދުކްތޫރު ތިޔައީ އަޅުގަނޑު ދެކޭގޮތުގައި ޢިލްމީ އެންސައިކްލޮޕީޑިއާއެއް. ކޮންމެ ޕްރޮގްރާމަކަށް ވަކިން ދިރާސާ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޭނގޭ!
ޑރ. އަފްރާޝީމް: އެއީ ކުޑަކުދިންނަށް ޢަމާޒުކުރެވިގެން ގެންދެވޭ ޕްރޮގްރާމެއް. އެހެންވީމާ މިވަރަށް މި ދިރާސާކުރަނީ. ބޮޑެތި މީހުންނާ ޚިލާފަށް، އެކުދިންނަށް އިވޭ އެއްޗެއް ހިތާއި ސިކުނޑީގައި ބިންވަޅު ނެގޭނެ. އަދި، ކޮންމެ އެއްޗެއްވެސް އެކުދިންނަށް ވިސްނޭ ވަރަށް ތިލަކޮށް ދެއްތޯ ކިޔާދޭންޖެހޭނީ. އެއީ އެހާ ފަސޭހަކަމެއް ނޫން. މަނިކުފާނު އިނގިރޭސިބަހުން ތިޔަ ވާހަކަފުޅު ދައްކަވަނީ އަދި ލިޔުއްވަނީ ވަރަށް މަޢްލޫމާތު މުއްސަނދިވީމަ. އަޅުގަނޑު މިޖެހެނީ ކޮންމެ ފަހަރަކު ވަކިވަކިން ތައްޔާރުވާން. (ސަމާސާ ރާގުގައި)
އަޅުގަނޑު: ދުކްތޫރު. ތިޔަ އޮތީ ވަރަށް ބޮޑަށް އޮޅިވަޑައިގެންފައި. އެއީ އަޅުގަނޑުގެ މޮޅުކަމެއްނޫން. އެއީ ސީދާ ކަންނެތްކަން. މަނިކުފާނުގެ ހީވާގިކަން ފެނިފައި ހަމަ ހައިރާންވެއްޖެ. ތިޔަ ގޮތަށް ދިރާސާކުރެވޭނަމަ، އަޅުގަނޑުމެންވެސް ދައްކާ ވާހަކައިގައި މާބޮޑަށްވެސް އޮއްޓަރު ހުންނާނެ ނޫންތޯ.
ޑރ. އަފްރާޝީމް: ތިޔަ ވާހަކަ ބާއްވަވާ. އެބަ އޮތް ނޫންތޯ އަޅުގަނޑުމެން ދެމީހުން ވަކިން އިށީނދެލަން ޖެހިފައި. އަޅުގަނޑަށް ހަމަ ވަގުތު ނުވެގެން މިދަނީ. އިރާދަކުރެއްވިއްޔާ ދެން މާ ލަހެއް ނުވާނެ. ފަސޭހަ ވަގުތެއްގައި ބައްދަލުކޮށްލާނީ ދެއްތޯ. އެކަން ނިންމާލަން.
އަޅުގަނޑު: ޕާޓީގެ ދީނީ ޢިލްމުވެރިންގެ ހަރަކާތުގެ ޤަވާއިދު އެކުލަވާލަން ދެއްތޯ. އާދެ! ދުކްތޫރު ގުޅުއްވާ. ރަށުގައި ހުރި ނަމަ، އަޅުގަނޑު އެކަމަށް ވަގުތު ހުސްކުރާނަން.
އެއީ، ޑރ. އަފްރާޝީމް ޢަލީއާ އެކު އަޅުގަނޑަށް އެންމެ ފަހުން ކުރެވުނު މުޢާމަލާތެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޔޫތު މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ސްރީލަންކާއަށް ކުރި ރަސްމީ ދަތުރެއްގައި އުޅެނިކޮށް، ޕާޓީގެ އެއިރުގެ ޕާލަމެންޓްރީ ގްރޫޕް އަދި ކައުންސިލްގެ މެންބަރެއް ކަމުގައިވާ އަޅުގަނޑުގެ އަޚް މިހާރުގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ގުޅުއްވާ، ދެއްވި ޚަބަރަކީ އަނިޔާވެރިއެއްގެ ޚަންޖަރަކުން ޑރ. އަފްރާޝީމް ޝަހީދުކޮށްލެވުނުކަމުގެ ހިތާމަވެރި ޚަބަރެވެ.
އެކުވެރިއަކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުން ހިތްދަތިކަން އިޙްސާސްވާނެއެވެ. މަދަދުގާރަކު ދާއިމަށް ގެއްލިދިއުމުން އަސަރުކުރާނެއެވެ. ޚިދްމަތްތެރިއަކު އަބަދުގެ އަބަދަށް ވަކިވުމުން މޮޅިވެރިކަން ވެރިވެގެންދާނެއެވެ. އަޅުގަނޑުގެ ލޮބިވެތި އަޚް ދުކްތޫރު އަފޫ ޝަހީދުވެވަޑައިގަތުމުން، އަޅުގަނޑަށް ގެއްލިގެންދިޔަ އެއްޗަކާމެދު ފިކުރު ހިންގާލީމެވެ. ޕީ.ޕީ.އެމް އަށް ގެއްލިގެންދިޔަ އެއްޗަކާމެދު ފިކުރު ހިންގާލީމެވެ. އަދި، ޤައުމަށް ގެއްލިދިޔަ އެއްޗަކާމެދުވެސް ފިކުރު ހިންގާލީމެވެ.
ވަރަށް ހުނަރުވެރި ބޭފުޅުންނާ ބައްދަލުވިއެވެ. ވަރަށް ޢިލްމީ ބޭފުޅުންނާ މުޢާމަލާތު ކުރެވުނެވެ. ވަރަށް ޚިދްމަތްތެރި ބޭފުޅުންނާ ރަޙްމަތްތެރިކަން އުފެދުނެވެ. ދުކްތޫރު އަފޫ ފަދަ ދެވަނަ ބޭފުޅަކާ ދުވަހަކުވެސް ބައްދަލުވެ، މުޢާމަލާތު ކުރެވި، ރަޙްމަތްތެރިކަން އުފެދިފައެއް ނެތެވެ. އާދަޔާޚިލާފު ޝަޙްސިއްޔަތެއްގެ ވެރިއެކެވެ. އަރިހުގައި ހުރެވޭއިރު، ގާތުގައި އުޅެވޭއިރު، އަޑުފުޅު އިވޭއިރު އަދި ޢަމަލުތައް ފެންނައިރު، މިކަން ސާފުވެ ޔަޤީންވެއެވެ. މުތެއްފަދަ އަގުހުރި އިންސާނެކެވެ.
އެމަނިކުފާނު އަޅުގަނޑުމެންނާ އަބަދުމެ އަބަދަށް ވަކިވެވަޑައިގަތުމުން އެންމެ ހިތްދަތިވާ އެއްކަމަކީ، އެމަނިކުފާނުގެ އުމުރުފުޅު ދިގުވީނަމަ ކުރިއަށް ކުރައްވާނެ ޚިދްމަތާއި، ދެއްވާނެ ނަސޭހަތް ވިސްނޭތީއެވެ. މަޝްހޫރު އިނގިރޭސި ވާހަކައެއްގައި އޮވެއެވެ. މިދުނިޔޭގައި ހޭދަކުރާ ވަގުތު ނިމުމުގެ ކުރިން، ހިތާއި ސިކުނޑީގައިވާ އެއްޗެއް ބޭރުކޮށް، ހާމަކޮށް، ދޫކޮށްލާށެވެ. މޮޅު ޚިޔާލުތަކާއި، އަގުހުރި މަޢްލޫމާތު ހިފައިގެން ކަށްވަޅަށް ނުދާށެވެ. އެހެނީ، އެއީ މިދުނިޔޭގައި އެހެން ބަޔަކަށް ބޭނުންހިފިދާނެ އެއްޗެއްސަށްވެދާނެތީއެވެ. ދުކްތޫރު އަފޫގެ ޚިޔާލުފުޅުތަކާއި މަޢްލޫމާތު އަޅުގަނޑުމެންނަށް ދޫކޮށްދެއްވަން ހިތްވަރުކުރެއްވިއެވެ. ނަމަވެސް، އަނިޔާވެރި ޚަންޖަރަކުން އެމަސައްކަތްޕުޅު މެދުކެނޑިގެންދިޔައީއެވެ. އަދާއި މާދަމާގެ ޖީލުތަކަށް ލިބުނު ބޮޑު ދެރައެކެވެ.
ދުކްތޫރު އަފޫ ޝަހީދުކޮށްލުމުން އަޅުގަނޑަށް ލިބިގެންދިޔަ ހިތާމަ، އެތައް ގުނައެއް އިތުރުވާން މެދުވެރިވިއެވެ. ސަބަބު ދަންނަވާލާނަމެވެ. އެމަނިކުފާނު އަވަހާރަކޮށްލި ޚަބަރު ލިބުމުން، އެރެއިން އެރެއަށް ކޮޅުނބުން އެނބުރި މާލެ އާދެވޭތޯ ވަރަށް ގިނަ މަސައްކަތްކުރީމެވެ. އަނެއް ދުވަހުގެ މެނދުރުކުރީގެ ވަގުތެއްގައި ނަމަވެސް އެނބުރި އައިސް، މޫނުފުޅު ދެކި، ޖަނާޒާގައި ބައިވެރިވުމަށް ކެނޑިނޭޅި މަސައްކަތްކުރީމެވެ. ބަދުނަސީބުން، އެންމެ އަވަހަށް ލިބުނު ފްލައިޓަކީ ވިދިގެންއައި ދުވަހުގެ މެންދުރުފަހުގެ ފްލައިޓަކަށް ވީތީ، މާލޭގެ ފަސްގަނޑަށް އެނބުރި އާދެވުނީ، އެމަނިކުފާނުގެ ޖަނާޒާގެ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.
އެމަނިކުފާނު ޝަހީދުވުމަށްފަހު، މުޑުދާރު ސިޔާސީ ވިސްނުންތަކުގައި، އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް އަޅުގަނޑަށްވެސް އިވެއެވެ. ދިއްކުރަމުންދާ އިނގިލިތައް އަޅުގަނޑަށްވެސް ފެނެއެވެ. ރުޅި އާދެއެވެ. ދެރަވެސްވެއެވެ. އެކަމަކު، އެވާހަކައެއް އަދިއަދާ ހަމައަށްވެސް ނުދައްކަމެވެ.
އެމަނިކުފާނު ވަކިވެދިއުމުން އަޅުގަނޑެކޭ އެއްފަދައިން، ޕީ.ޕީ.އެމްގެ އިސް ސަފުގައި ހުރި ކޮންމެ މީހަކަށްވެސް އެދުވަހު ކުރާނީ ފުން އަސަރެކެވެ. އެހެންކަމުން، އެމަނިކުފާނުގެ ހަނދާން އާކުރުމަށްޓަކައި، އެދުވަސްކޮޅު، އަޅުގަނޑުމެން އެކަކު އަނެކަކާ ގިނަގިނައިން މުޢާމަލާތުކޮށް، އެކަކު އަނެކެއްގެ ހިތާމައިގައި ބައިވެރިވީމެވެ. އެގޮތުން، އެއިރުގެ ޕީ.ޖީ. ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެކު ދެކެވުނު ވާހަކައެއްގައި، އެމަނިކުފާނު ވިދާޅުވި އެއްޗެއް ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އެއީ އަޅުގަނޑުމެން އެންމެންގެ ތެރެއިންވެސް ދުކްތޫރު އަފޫއާ އެންމެ ގާތް، ރަޙްމަތްތެރި ގުޅުމެއް އޮތް އެއް ބޭފުޅެކެވެ. "އެ ނިއްވާލީ އަޅުގަނޑުމެންގެ ސިޔާސީ އުދަރެހަށް އެރި އެންމެ އަލިގަދަ ތަރި" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވަރަށް ބޮޑު ތެދުފުޅެކެވެ. ހިތާމައާއި މޮޅިވެރިކަމުގެ އެ ދަނޑިވަޅުގައި އެމަނިކުފާނު ވަނީ އިތުރު ދެކަމެއްވެސް ހުށަހަޅުއްވާފައެވެ. ދެ ޚިޔާލުފުޅެވެ.
ޕީ.ޕީ.އެމް ވުޖޫދަށް އައީ 2011 ގައެވެ. ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާއިން ފެށިގެން ޕާޓީގެ ދީނީ ޢިލްމުވެރިންގެ ގޮފީގެ ރިޔާސަތަށް އިންތިޚާބުވީ ޑރ. އަފްރާޝީމް ޢަލީ އެވެ. ޕާޓީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދުތައް ލިޔެ، ތައްޔާރުކުރީ އަޅުގަނޑެވެ. އެމަސައްކަތުގެ ތެރެއިން، އެއިރު އެކުލަވާނުލެވި އޮތީ ޕާޓީގެ ދީނީ ޢިލްމުވެރިންގެ ގޮފީގެ ޤަވާއިދެވެ. ޑރ. އަފްރާޝީމާއެކު އެންމެ ފަހުން އަޅުގަނޑަށް ކުރެވުނު މުޢާމަލާތުގައި އިޝާރާތްކުރެއްވީ އެގޮފީގެ ޤަވާއިދަށެވެ. ޕީ.ޖީ. ލީޑަރު ޔާމީން ވަނީ، ޕާޓީގެ ކައުންސިލަށް ހުށަހަޅުއްވާ، ޑރ. އަފްރާޝީމްގެ ހަނދާނުގައި، އެގޮފީގެ ރިޔާސަތު އަދި އެމަނިކުފާނު ފުރުއްވަމުންގެންދެވި ޕާޓީގެ ކައުންސިލްގެ ގޮނޑިކޮޅު، ފުރިހަމަ އެއް ދައުރަށް، ހުސްކޮށް ބޭއްވުމަށް، ފާސްކުރައްވާފައެވެ. ކައުންސިލްގެ އިއްތިފާގުން ނިންމުނު މިކަމަކީ، ޕީ.ޖީ ލީޑަރު ޔާމީންގެ ހުށަހެޅުއްވުމެކެވެ.
ދެވަނަ ކަމަކީ، ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ރ. އުނގޫފާރުގައި އިސްލާމީ މަރުކަޒެއް ބިނާކުރެއްވުމެވެ. މިއީ، އަޅުގަނޑުވެސް ހިމެނުނު ބައްދަލުވުމެއްގައި ހުށަހެޅުއްވި ކަމެކެވެ.
މިއަދު މިރާއްޖެއަކީ އަޅުގަނޑުމެން ހިތާމަކުރާ ފަދަ އެތަކެއް ވިޔާނުދާ ކަންކަން ހިނގާތަނެކެވެ. ނުރަނގަޅު އެތަކެއް އާދަތަކެއް ވެރިވެފައިވާ ޤައުމެކެވެ. ބަދަލުކުރަންޖެހޭ އެތަކެއް ސިފައެއް ހަރުލާފައިވާ މުޖްތަމައެކެވެ. ދުކްތޫރު އަފޫ އަކީ، ޤައުމުގައި ހުރި މިފަދަ ކަންކަން، މަޑުމައިތިރިކަމާއި، އޯގާތެރިކަމާ، ކެތްތެރިކަމާއެކު، ޙައްލުކުރައްވަން ޢަޒުމު ކަނޑައަޅުއްވައިގެން ހުންނެވި ޢިލްމީ، ޚިދްމަތްތެރި ލީޑަރެކެވެ. މީގެ 8 އަހަރު ކުރިން މިދުވަހު، އަނިޔާވެރި އެ ޙަންޖަރުން އޮހޮރާލި އަގުހުރި ލެޔަކީ، އަޅުގަނޑުގެ ނަޒަރުގައި، މިޤައުމަށް ވެރިވެފައިވާ ފާސިޤްކަމާއި، މުނާފިގުކަމާ، ފާހިޝްކަމުގެ ބަލިމަޑުކަމަށް ދިވެހިންނަށް ލިބިގެންދިޔަ ވަރުގަދަ ބޭހެކެވެ.
ދުކްތޫރު އަފޫ ޝަހީދުކޮށްލުން އެއީ އަޅުގަނޑުމެން އެންމެނަށް ލިބިގެންދިޔަ ބަދުނަސީބެކެވެ. ދެވުނު އަނިޔާއެކެވެ. ކަމެއް ދިމާވީމައި، އެއީ "ފޫނުބެއްދޭވަރުގެ ގެއްލުމެއް" ކަމަށް އަޅުގަނޑުމެން ވަރަށް ގިނައިން ބުނެއުޅެއް ދެއްތޯއެވެ. ދުކްތޫރު އަފޫ ވަކިވެގެންދިއުމަކީ ހަޤީޤަތުގައިވެސް "ފޫނުބެއްދޭވަރުގެ ގެއްލުމެއް" ކަމަށް އަޅުގަނޑު ދެކެމެވެ. ފޫބައްދާނީ ކިހިނަކުންތޯއެވެ؟ އެ ޢިލްމީ ޚަޒާނާ، އެ މާތް އަޚްލާޤް، އެ ކެތްތެރި ޝަހްސިއްޔަތު ހުރި ދެވަނަ ބޭފުޅަކު އަޅުގަނޑަކާ ދުވަހަކުވެސް ދިމަލެއްނުވެއެވެ. އަދި، ދިމާވާނެ ކަމަކަށްވެސް ޤަބޫލެއް ނުކުރަމެވެ.
އަޅުގަނޑުގެ މަރްޙޫމް މާމަ ކިޔައިދޭ ވާހަކައެއް ހަނދާނުގައި ހުރެއެވެ. ހެޔޮ ޢަމަލުތައްކުރާ މީހުންނާއި މުޢްމިނުން ދާނީ ސުވަރުގެއަށް ކަމަށެވެ. އަދި، އޭގެ ތެރެއިންވެސް، އެންމެ ތުއްތުއިރު ނިޔާވާ ކުދިންނާއި ޝަހީދުން ސުވަރުގެއަށް ދާނީ އުދުހިފައި ކަމަށެވެ. މިއީ މާމަ ކިޔައިދޭ ވާހަކައެކެވެ. އަޅުގަނޑުގެ ހަޔާތުގައި ދިމާވި އެންމެހާ ފަރާތްތަކުގެ ތެރެއިން، އުދުހިފައި ސުވަރުގެއަށް ދާނެ މީހަކު ވާނަމަ، އެއީ ދުކްތޫރު އަފޫކަމަށް ޤަބޫލުކުރަމެވެ.
މާތް ﷲ އެ ޝަހީދު މަރްޙޫމްގެ މާތް ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ، މަތިވެރި ނިޢްމަތް މިންވަރުކުރައްވާށި އެވެ. އަދި، އެމަނިކުފާނުގެ ޢާއިލާއަށް، އަދި ވަކިން ޚާއްޞަކޮށް އެމަނިކުފާނުގެ ލޮބުވެތި ދަރިންނަށް، އަބަދުމެ ހެޔޮގޮތްތައް މިންވަރު ކުރައްވާށި އެވެ. އާމީން

One Response
????????????????????