Support Us

ކޮލަމް: ދޭހަ

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް މަސައްކަތް ކުރެވޭތޯ؟

ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރުގެ އެންމެ ބޮޑު ބައިވެރިއަކީ ދިވެހި މީޑިއާ ކަމުގައި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވިދާޅުވި ކަމުގައި ރިޕޯޓުކޮށްފައި ވެއެވެ. ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް، ރޭވިގެން، އިންތިޒާމް ކުރެވިގެން، ދާއިމީ ގޮތަކަށް ސަރުކާރުން މަސައްކަތެއް ކުރޭ ތޯއެވެ؟ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުގައި ހަރުދަނާ ސިޔާސަތެއް އެބައޮތް ތޯއެވެ؟

ނޭނގެއެވެ. ޔަޤީނުން ވެސް އެފަދަ ސިޔާސަތެއް ޢާއްމު ކުރެވިފައެއް ނުވެއެވެ. ހަރުކަށި ފިކުރާއި ދެކޮޅަށް ދާއިމީ ގޮތަކަށް ސަރުކާރުން މަސައްކަތެއް ކުރެވޭ ނަމަ އަޅުގަނޑަށް އެއީ ޚަބަރެކެވެ. ކަމެއް ދިމާވުމުން ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅައެވެ. އެ ކަމެއްގެ ވާހަކަ ދެއްކުން ހުއްޓުމުން ނުވަތަ އެ ޚަބަރެއް ބާވުމުން އެ ކަމާއި ބެހޭ ގޮތުން ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތް ވެސް، ޢާއްމު ގޮތެއްގައި ސަރުކާރުން މަސައްކަތް ކުރުމުގައި އޮންނަ ފިނިހަކަ ދުވެއްޔަށް ވެއްޓެ އެވެ. ހަރުކަށި ފިކުރު ފެތުރުމަށް ޤާނޫނާއި ޚިލާފަށް މަސައްކަތް ކުރާ މީހުން، އެކަން ކުރިޔަ ނުދިނުމަށް މަސައްކަތް ކުރާ، ސަރުކާރުގެ ތަންފީޒީ އިދާރާ އިން ވެސް އޮންނަނީ އެ ފަދަ ކަމެއް ހިގަންދެން ކުޅި ބަލާށެވެ. ޤައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ބަޔަކު ކުރޭތޯ ބެލުމަށް، އެތަން ތަނުގައި އެތައް ބަޔަކު ތާ އަބަދު ސިއްރިއްޔާތުގައި މަސައްކަތް ކުރެ އެވެ. އެކިއެކި މުވާސަލާތީ ވަސީލަތްތައް ބޭނުން ކޮށްގެން ޢާއްމުންގެ ތެރެއިން ޝައްކު ކުރެވޭ މީހުން ދައްކާ ވާހަކަ ސިއްރުން އަޑު އެހުމާއި އެކަހަލަ ބައިވަރު ޖާސޫސީ ކަންތައް ކުރުމުގެ ޤާބިލިއްޔަތު އެ ތަންތަނަށް ލިބިގެން ވެއެވެ. އަދި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކޮންމެވެސް ވަރަކަށް ސަލާމަތީ ކަންތައްތައް ބަލަހައްޓާ މީހުން ތިބެ އެެވެ. މިހެން ކަން އޮތް އިރު ހަރުކަށި ފިކުރު ފެތުރުމަށް ހާހެއް ދެހާހެއް ހާ މީހުން އުޅޭ ރަށެއްގައި ނުވަތަ އަށެއްކަ ސަތޭކަ މީހުން އުޅޭ ރަށެއްގައި މަސައްކަތް ތަކެއް ކުރެވޭ އިރު ކަމާ ބެހޭ ފަރާތަށް އެ މަޢުލޫމާތު ނުލިބެނީ ކީއްވެތޯއެވެ؟ ނު އެންގެނީ ކީއްވެތޯ އެވެ؟ އެއްވެސް ފިޔަވަޅެއް ނުއެޅެނީ ކީއްވެ ތޯއެވެ؟ އެ ފިކުރުގެ މީހުން އެފަދަ މަސައްކަތުގައި ވެސް އުޅެނީ ބާވައެވެ؟ ކަމާއި ބެހޭ ފަރާތުން ދުވަހުން ދުވަހަށް ނުވަތަ މަހުން މަހަށް އެފަދަ ކަންތައްތައް ބެލޭނެ ނިޒާމެއް ގައިމުކޮށްފައި ނުބޭއްވެނީ ކީއްވެ ތޯ އެވެ؟ ކަމެއް ހިނގާއިރަށް، އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ގިނަ ވަގުތު ތަކެއް މީޑިއާ އާއި އެކު ހޭދަ ކުރެ އެވެ. ތަންފީޒީ އިދާރާތަކުން ތިބީ ތައްޔާރީ ޙާލަތުގައި ކަމުގައި ބުނެ އެވެ. ތެދެކެވެ. ކޮއްޕާލުމުން އިނދަޖެހުމުން، ގައިގެ ވެލިފޮޅާ ލައިފައި ތެދުވެގެން ދުއްވައިގަނެވިދާނެ ފަދަ ތައްޔާރީ ޙާލަތުގައެވެ.

އަޅުގަނޑުމެންގެ ސަރަހައްދުގައި މުސްލިމުންގެ އަޣްލަބިއްޔަތެއް އޮންނަ ޤައުމެއްގައި ހަރުކަށި ފިކުރާ އިދިކޮޅަށް ސަރުކާރުގައި އެކަށައަޅައިފައި އޮންނަ ސިޔާސަތު ތަންފީޒު ކުރެވޭނޭ ގޮތެއް ނުއޮވެ އެވެ. ފައުޖު ތަކުގައި މަސައްކަތް ކުރާ އެ ފިކުރުގެ މީހުން އެ ފަދަ ސިޔާސަތު ތަންފީޒު ކުރަން ބޭނުން ނުވަނީ އެވެ. ފާޅުގައި ސަރުކާރަށް ގޮން ޖަހައިގެނެއް ނޫނެވެ. ސިޔާސަތު ތަންފީޒް ކުރާ ހިސާބަށް ދިއުމުން އަޅާނުލަނީ އެވެ. ހޯދަން ބޭނުންވާ ނުރައްކާތެރި މީހާ ކުރިމަތިން ފެންނަ އިރު ވެސް، ތަންފީޒީ އިދާރާ ތަކަށް، އޭނާ ނުފެންނަނީ އެވެ.

މީޑިއާއާއި ބައިވެރިވެގެން ނުވަތަ ގުޅިގެން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިފައި އޮންނަ ވިސްނުމާއި އިދިކޮޅަށް ސަރުކާރުން މަސައްކަތެއް ކުރާ ކަމުގައި ވެއެވެ. އެއީ ތެދަކަށް ވާނަމަ އެއީ ވަރަށް އުފާވެރި ޚަބަރެކެވެ. ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާފައިވާ ވިސްނުމުގެ މީހުން ކުރާ ބައެއް ކަންތަކާއި މެދު ސަރުކާރުން ފިޔަވަޅު އަޅާފައި ވެއެވެ. ޤައުމީ ސަލާމަތަށް ނުރައްކާތެރި ވެދާނެ ކަމަށް ފެނިގެންނެވެ. ޢާއްމު މަޞްލަޙަތު ގެއްލިދާނެ ކަމަށް ބެލެވިގެންނެވެ. ދާޚިލީ ހަމަނުޖެހުމެއް ހިނގާފާނެ ކަމުގެ ބިރުވެރިކަން އުފެދިގެންނެވެ. ސިފައިންނާއި ފުލުހުންނެވެ. ބައެއް ޙާލަތުގައި އެ ދެ ފައުޖު ގުޅިގެން ވެސް ފިޔަވަޅު އަޅާފައި ވެއެވެ. ހަމަ އެގޮތަށް ނޫސްވެރިންނަށް ފެންނަ ކަންކަން ޚަބަރުގެ ގޮތުގައި ޝާއިޢުކޮށްފައި ހުންނަތަން ފެނެ އެވެ. އަދި މަަޒްމޫނު ވެސް ލިއެފައި ހުންނަތަން ފެނެއެވެ. އެއީ ވަކި ސިޔާސަތެއް ތަންފީޒު ކުރުމަށް ނުވަތަ ވަކި ބަޔަކަށް އެއްބާރުލުން ދޭން ނޫސްވެރިން ކުރާ މަސައްކަތެއް ނޫނެވެ. ނޫސްވެރިންނަކީ މުޖުތަމަޢުގެ ވިންދު ދެނެގަނެ، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމާއި ރައްޔިތުން ހޭލުންތެރިކުރުވަން މަސައްކަތް ކުރާ ބަޔަކަށް ވާތީވެ އެ މީހުންނަށް އަމިއްލަ އަށް ފެނިގެން ކުރާ މަސައްކަތެކެވެ. އެފަދަ ލިއުންތަކުގެ ބޭނުމަކީ ބައެއް ފަހަރަށް ސަރުކާރުން އަޅާނުލައި ދޫކޮށްލެވޭ މުހިއްމު ކަންތައްތައް ސަރުކާރުގެ ކަމާއި ބެހޭ ފަރާތް ތަކުގެ ސަމާލު ކަމަށް ގެނައުމެވެ.

އަޅުގަޑުމެން ޤަބޫލު ކުރަން ބޭނުން ނުވާ ޙަޤީޤަތަކީ ރާއްޖޭގައި ހަރުކަށި ފިކުރާއި ވިސްނުން މިހާރު އަށަގެންފައި އޮތް ވަރުން، ދަމަކުން ބަޑިއެއް ޖަހާ ގޮތަށް ބޭއްވޭ މަސައްކަތު ބައްދަލުވުމަކުން، ވެބިނާ އަކުން އެކަމަށް ހައްލެއް ނުގެނެވޭނެ ކަމެވެ. ހަރުކަށި ވިސްނުމުގެ މީހުން ޤައުމުގެ ބަސްވިކޭ ހިސާބަށް އައުމުން މަޑުމަޑުން އެ މީހުން ވަނީ އެ ވިސްނުން ފެތުރުމަށް ބިންގާ އަޅައިދީފަ އެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ފޮރުވިގެން ތިބެ މި މަސައްކަތް ފަށައިފި އެވެ. ކުޑަކުދިންނަށް އުގަންނައިދިނުމުގެ ތެރޭގަ އެވެ. ސަރުކާރގައި އެފަދަ ވިސްނުން ހުއްޓުވުމަށް މަސައްކަތް ކުރެވޭ ހިސާބުގައި ތިބޭ މީހުން ހިތްވަރު ދީގެން އަޑީގައި ތިބެގެން އެފަދަ ވިސްނުން ފެތުރުމަށް މަގު ކޮށައިދެވޭ ނަމަ ވަރަށް ހަލުއިކޮށް އެފަދަ ވިސްނުން ފެތުރިގެންދާނެ އެވެ. ރާއްޖޭގައި މިވީ އެހެންނެވެ. ޤަބޫލުފުޅު ނުކުރައްވާނެ އެވެ. ޤަބޫލުފުޅު ނުކުރެއްވޭނެ އެވެ. ބައެއް ހަޤީޤަތް ބައެއް މީހުންނަށް ޤަބޫލު ނުކުރެވޭނެ އެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. ހަރުކަށި ވިސްނުން ރާއްޖޭގައި ފެތުރޭ ގޮތާއި މެދު ވިސްނާ މީހެއްގެ ހައިސިއްޔަތުން އެއްޗެއް ދަންނަވާނަމަ އަޅުގަނޑަށް ދެންނެވޭނީ މި ވިސްނުން ފެތުރުމުގައި މީޑިއާ އަށް ނޭނގި ތިބެ ވަރަށް ބޮޑު އެހީތެރިކަމެއް ވެދެވުނު ކަމެވެ. ޚާއްޞަކޮށް ސަރުކާރުގެ މީޑިއާ އެވެ. ޢިލްމީ މަޢުލޫމާތު ފެތުރުމަށް ތަފާތު ޢިލްމުވެރިން ގެނެވޭއިރު އެފަދަ ޢިލްމުވެރިން ބައެއް ކަންތައްތަކާއި މެދު ދައްކަވާ ވާހަކަ ތަކަކީ ހަރުކަށި ވިސްނުމަށް މަގުފަހިވާ ކަހަލަ ވާހަކަ ތަކެވެ. މިސާލަކަށް ދަންނަވާ ނަމަ މުުޖުތަމަޢުގައި އަންހެނުންގެ ދައުރު އޮންނަން ޖެހޭ ގޮތާއި ބެހޭ ގޮތުންނެވެ. އަންހެނުންނަކީ ފިރިހެނުންގެ "އަޅެއް"ގެ ގޮތުގައި ތިބެން ޖެހޭ ބައެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެކެވޭ ނަމަ އެ ވާހަކައެއް ފޮނުވެން ވާނީ އެ ބައި އުނިކުރެވިގެންނެވެ. އެކަމަކު މިކަން އެނގޭނީ އެ ޕުރޮގްރާމްގެ ޕުރޮޑިއުސަރަކީ ނުވަތަ އެޑިޓަރަކީ އެފަދަ ކަންކަން އެނގޭ ފެންވަރުގެ ނުވަތަ އެ ފަދަ ކަންކަމާއި މެދު ވިސްނޭ ފަދަ ޤާބިލިއްޔަތެއް ހުރި މީހަކު ކަމުގައި ވާނަމަ އެވެ. ކުރީގެ ޒަމާނުގައި ސަރުކާރުގެ މީޑިއާގައި ސަރުކާރުގެ ޕޮލީސީ ތަކާއި މި ބާވަތުގެ ކަންތަކަށް ފުށުއަރާ ގޮތަށް ދެކެވޭ ވާހަކަތައް ނުފޮނުވަން ވަރަށް މަސައްކަތްކުރި އެވެ. ދާދި ފަހުން ހަރުކަށި ވިސްނުމާ އިދިކޮޅަށް ވާހަކަ ދެއްކި ޕުރޮގްރާމެއްގައި އިން އެއް ޢިލްމުވެރިއަކީ ހަރުކަށި ވިސްނުމުގެ މީހެކެވެ. އެކަން އެނގެނީ ބައެއް ޕުރޮގްރާމް ތަކުގައި އޭނާ ދައްކާފައި ހުރިި ވާހަކައިންނެވެ. ހަރުކަށި ވިސްނުމުގެ މީހުންގެ ނިތްކުރީގައި ހަރުކަށި ވިސްނުމުގެ މީހެއް ކަމުގައި ލިޔެފައި ނުއޮވެ އެވެ. ހަރުކަށި ވިސްނުމުގެ މީހަކީ ވަރަށް މޮޅަށް އުނގެނިފައި ހުރި މީހަކަށް ވެސް ވެދާނެ އެވެ. އަދި ވަރަށް މަތީ މަޤާމެއްގައި ހުރި މީހަކަށް ވެސް ވެދާނެ އެވެ. އެހެންނަމަވެސް އޭނާގެ ވިސްނުން ހަރުކަށި ކަމަށް ވާނަމަ އޭނާ ވާނީ ހަރުކަށި ވިސްނުމުގެ މީހަކަށެވެ. އޭނާ އާއި މެދު މުއާމަލާތް ކުރުމުގައި ހަރުކަށި ވިސްނުމާއި އިދިކޮޅު މީހުން ސަމާލުވާން ވާނެ އެވެ.

އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖެ މިހާރު ދަނީ ފަހަތަށެވެ. ރާއްޖޭގައި ބައެއް ކަންކަމުގައި މަގުދައްކަން މިހާރު ތިބި ބައެއް މީހުންނަކީ މެދުއިރުމަތީގެ ޤައުމުތަކަށް މިހާރުގެ ޒަމާނީ ވިސްނުން އައުމުގެ ކުރިން އުނގެނިގެން އައިސް ތިބި ބައެކެވެ. އެ ޤައުމުތަކުގެ ރައްޔިތުން ފޮށިގަނޑު ފަޅައިލައިގެން ނުކުންނަނީއެވެ. އަޅުގަނޑުމެން މާކުރިން ފޮށިގަނޑު ފަޅާލައިގެން ނުކުމެފައި ތިބެފައި އަނެއްކާ ވެސް އެނބުރި ފޮށިގަނޑުގެ އެތެރެއަށް ވަންނަނީ އެވެ.