Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ޑަބްލިޔު.އެޗް.އޯގެ ރިޔާސަތުގައި މުޅިން ތަފާތު ތަޖުރިބާއެއް

ވާ އަތުން ކަނާ އަތަށް ނަޒަރު ހިންގާލީމެވެ. ހާޒިރުވެވަޑައިގެން ތިއްބެވި 34 ބޭފުޅުންގެ މޫނުފުޅު ފަރިތަކޮށްލުމަށެވެ. އަދި، އިށީނދެ އިން ވަށްމޭޒުގައި ބެހެއްޓިފައިވާ ނަން ކާޑުތަކަށް ބަލާ، އެބޭފުޅުން ތަމްޞީލުކުރައްވާ ޤައުމުތައް ހިތަށް ނެގޭތޯ ބެލީމެވެ. ކުރިއަށް އޮތް ދިހަވަރަކަށް ދުވަހު އިންނާނީ އެ ގޮނޑީގައި ކަމަށްވީތީއެވެ. އަދި، ދުވާލުގެ ބޮޑު ބައި ހޭދަވާނީ އެ މޫނުތައް ފެނުމުގައި ކަމަށްވީތީއެވެ.

ފުރަތަމަ ނަޒަރުންވެސް އެއްކަމެއް ސާފުވެ، ޔަޤީންވެއްޖެއެވެ. ހީކުރި ގޮތާ މުޅިން ޚިލާފެވެ. މިއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މަދަރުސާއެއްގައި އެތައް ސަތޭކަ ކުދިން އުޅޭ އިރު، އެންމެ ބަސްނާހާ، އެންމެ އުނދަގޫ 34 ދަރިވަރުން އެއް ކުލާހަކަށް ގެނެސް، އެކުދިން އެއްގަލަކަށް އަރުވައިގެން، ފިލާވަޅެއް އުނގަންނައިދޭން އުޅެންޖެހޭ ޓީޗަރެއް އުފުލާނެ ބުރަ އިޙްސާސްވިއެވެ.

އދ.ގައި ޖުމްލަ 193 ޤައުމު އޮންނައިރު، އެތަނުން އެންމެ ހައްސާސް، ފާޓުފުޅާ 34 ޤައުމު ހުނިޖަހާލައިގެން މީހަކު ނަގައިފި ނަމަ، އަޅުގަނޑުގެ ވަށައިގެން ތަމްޞީލުވީ 34 ޤައުމު އިޚްތިޔާރު ކުރުން ހަމަ އެކަށީގެންވެއެވެ.

މިނުކުތާ އިތުރަށް ސާފުކޮށްދިނުމުގެ ބޭނުމުގައި، އެތަނުން ބައެއް ޤައުމުތައްވެސް ދަންނަވާލާނަމެވެ. އެމެރިކާ ހިމެނުނު އިރު، ރަޝިޔާ، އީރާން އާއި ޗައިނާވެސް ހިމެނުނެވެ. ދެކުނު ކޮރެޔާގެ ވަފުދާ ޖެހިގެން ތިބީ އުތުރު ކޮރެޔާގެ ބޭފުޅުންނެވެ. އިނގިރޭސިވިލާތާއި ސައުދީ އެރެބިއާ ބައިވެރިވިއެވެ. ޚާރިޖީގޮތުން އެންމެ ކޯޅުން ބޮޑެތި، ވާދަވެރި ބައެއް ޤައުމު، އިއްތިފާޤުން، އެ ޖަލްސާގައި ތިއްބެވެ.

****

ހަޤީޤަތުގައި އަޅުގަނޑަކީ އެމާލަމުގައި އިންނަންޖެހޭ މީހެއް ނޫނެވެ. ކޮންމެ ޤައުމެއްވެސް ތަމްޞީލުކުރަން އޮންނަނީ އެޤައުމެއްގެ ޞިއްޙަތާބެހޭ ވަޒީރެވެ. މިއަދެކޭ ގާތްގަނޑަކަށް އެއްފަދައިން، އެދަނޑިވަޅުގައިވެސް ރާއްޖޭގައި ޞިއްޙަތާބެހޭ ވަޒީރެއް ނެތެވެ. ވަގުތީގޮތުން ޙަވާލުވެ ހުރީވެސް އަޅުގަނޑެއް ނޫނެވެ. އެހެން ވަޒީރެކެވެ. ނަމަވެސް، އެމަނިކުފާނަށް ވަޑައިގެންނެވެން ނެތުމުން، ބަދަލުގައި އަޅުގަނޑާ މިކަން ރައީސް ޔާމީން ހަވާލުކުރެއްވީއެވެ. ވަޒީރުންގެ މަޖިލީހުގައި ހޭދަކުރި އަހަރުތަކުގައި، ފުޅިމަދު އުނގުރީގެ މިސާލު އަޅުގަނޑާ ގުޅުނު ފުރަތަމަ ފަހަރެކޭ ދެންނެވޭކަށްނެތެވެ.

ބައްދަލުވުން ފެށުމާއެކު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި އޭރު ހުންނެވި ޗައިނާގެ މާގްރެޓް ޗޭން ވާހަކަފުޅު ދެއްކެވިއެވެ. އދ.ގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯގެ އެގްޒެކެޓިވް ބޯޑުގެ 136 ވަނަ ބައްދަލުވުން ފެށުނީއެވެ. ފުރަތަމަވެސް އޮތީ ޚާއްޞަ ސެޝަނެކެވެ. އެދުވަސްވަރު ދުނިޔޭގައި ފެތުރެމުންދިޔަ ވަރަށް ބިރުވެރި ބަލިމަޑުކަމަކާ ހަނގުރާމަކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ނިންމުމަށްޓަކައެވެ. މިއަދު މިއޮތީ ކޮވިޑް-19 ކަމަށް ވާނަމަ، އެދަނޑިވަޅުގައި ފެތުރެމުންދިޔައީ އެބޯލާގެ ބިރުވެރި ވައިރަސްއެވެ. އިރުމަތީ އެފްރިކާއިން ފެށިގެން ފެތުރިގެންދިޔަ މި ނުރައްކާތެރި ބަލި ޖެހޭ ކޮންމެ ތިން މީހަކުން އެކަކު ދިޔައީ މަރުވަމުންނެވެ. ޚަބަރުތަކުގެ ފަލަ ޞުރުޚީގައި ކޮންމެ ދުވަހަކުމެ އޮންނަނީ އެބޯލާގެ ވާހަކައެވެ. މުޅި ދުނިޔެ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިކަން ކޮންޓްރޯލްކުރުމުގެ މަސްޢޫލިއްޔަތު ޙަވާލުވެފައި އޮތީ ޑަބްލިއު.އެޗް.އޯ އާއެވެ. އެކަން ނިންމާ ބައްދަލުވުން ފެށިގެން މިދިޔައީއެވެ.

ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ ރިޔާސަތަށް މީހަކު ކަނޑައެޅުމެވެ. އޮންނަ ތަރުތީބުން އެކަން މި ޙަވާލުވަނީ ކުޑަކުޑަ ދިވެހިރާއްޖެއާއެވެ. އަދި، މިކުޑަކުޑަ ދިވެހިރާއްޖެއިން ނިކަމެތި އަޅުގަނޑާއެވެ. ނަން އިއްވާ، ދައުވަތު ދެއްވުމުން، ހަމަޖެހިފައިވާ ގޮނޑީގައި އިށީނީމެވެ. އަދި، އެޖެންޑާއައިގެން ކުރިއަށް ދިޔައީމެވެ. ފުރަތަމަވެސް އޮތީ، އެބޯލާގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތުގެ ވަގުތުކޮޅެކެވެ. މާލަމުގައި ތިބި އެންމެނާއެކު ތެދުވެ، އިސް ދަށަށް ޖަހާލި ދަނޑިވަޅުގައި ހިތަށް ވެރިވި ޝުއޫރުތައް ހަނދާން އެބަހުއްޓެވެ.

ގިނަ ޒިންމާތަކެއް އަދާކުރެވުނު އިރު، އެވަރުގެ ކަމެއް އަދި ޙަވާލު ނުވާކަން ވިސްނުނެވެ. އެތައް ބައެއްގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ނިންމުންތަކެއް ނިންމަންޖެހުނު ފުރަތަމަ ފަހަރެވެ. އަޅުގަނޑު ޝާމިލުވެގެން ނިންމާ ނިންމުންތަކެއްގެ ސަބަބުން، އޭގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރާނެވަރުގެ ޒިންމާއެއް ޙަވާލުވީ ފުރަތަމަ ފަހަރެވެ. ހިތަށް އެރިއެވެ. ޤައުމުގެ އަގު ހިފަހައްޓަން ޖެހޭކަމެވެ. އަމިއްލަ ނަފްސަށް އަބަދުވެސް އޮންނަ އިތުބާރު ކުޑަވިޔަނުދީ ދަމަހައްޓަންޖެހޭ ވަގުތެއްކަން އިޙްސާސްވިއެވެ. ފުން ނޭވާއެއްލާ، ޙަވާލުވި މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ.

ޑަބްލިއު.އެޗް.އޯގެ އެގްޒެކެޓިވް ބޯޑުގެ 136 ވަނަ ސެޝަން، 26 ޖަނަވަރީ 2015 ގައި ފެށިގެންދިޔައީ، ސްވިޒަލެންޑްގެ ޖެނީވާގައި ހުންނަ އެޖަމްޢިއްޔާގެ މައި މަރުކަޒުގައެވެ. ޖަމްޢިއްޔާގެ ރިޔާސަތު ބަލަހައްޓަން ޖެހުނީ ޖުމްލަ ހަ މަސްދުވަހުގެ މުއްދަތަކަށެވެ. މައި ޖަލްސާގެ އިތުރުވެސް ދެ ފަހަރަކު އެމަރުކަޒަށް ޒިޔާރަތް ކުރީމެވެ. އެދުވަސްކޮޅު، މާލޭގައި ހޭދަކުރި ވަގުތަށްވުރެ ޖެނީވާގައި ހުންނަންޖެހުނު ދުވަސް ގިނަވާނެއެވެ. ފަސޭހަކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ހެނދުނު 9 އިން 5 އަށެވެ. މެންދުރު ކާލަން އެއް ގަޑިއިރު ލިބެއެވެ. ރިޔާސަތު ބަލަހައްޓަނީ އަޅުގަނޑު ކަމަށްވީތީ، އެދޭތެރޭގައި، ކުޑަ ހިނދުކޮޅަކަށްވެސް ގޮނޑިން ނުތެދުވެވެއެވެ. ޖަލްސާގެ ޤަވާއިދެވެ. އަޅުގަނޑު ތެދުވެއްޖެނަމަ، ޖަލްސާ ހުއްޓާލަންޖެހެއެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ހެނދުނު ޖަލްސާ ފެށުމުގެ ކުރިން އެންމެ އިސްކަމެއްދިން އެއްކަމަކީ ރަނގަޅަށް ފާޚާނާކޮށްލުމެވެ.

އަޅުގަނޑުގެ ތަޢުލީމީ އަދި ފަންނީ ދާއިރާތަކުގެ ތެރޭގައި ޞިއްޙަތެއް ނުހިމެނޭނެއެވެ. ނަމަވެސް، މިޖަލްސާގެ ރިޔާސަތު ބަލަހައްޓާ ނިންމާލެވުނު އިރު، ޞިއްޙީ ދާއިރާގެ ތަޖުރިބާ ކުޑައެއް ނުވާނެއެވެ. މިދުވަސްވަރު، ކޮވިޑް-19 އާ ގުޅިގެން ގިނަ ކަންކަމުގައި އަޅުގަނޑު ޝުޢޫރު ފާޅުކުރާތީ، ބައެއް ބޭފުޅުން އެކަމާ ސުވާލު އުފައްދައެވެ. އެފަދަ ބޭފުޅުންނަށް ދަންނަވާލަމެވެ. ދައްކާ ވާހަކައެއް މިދައްކަނީ ކޮންމެވެސް ވަރެއްގެ ތަޖުރިބާއެއް ލިބިފައިވާތީ ކަމަށެވެ. އެތަޖުރިބާގެ އަލީގައި ކަމަށެވެ.

ހަފްތާއަކަށް ދެމިގެންދިޔަ މި ޖަލްސާގައި، ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ކަމަށް ފަރިތަވަމުންނެވެ. ނިންމާލިއިރު، ޢަޒުމު ކަނޑައެޅި ކަންތައް ޙާޞިލުވިއެވެ. ހުށަހެޅުނު ހުރިހާ ކަމެއް، ދެބަސްވުންތަކާއި ތަފާތު ޚިޔާލުތަކުގެ ތެރެއިން މަޝްވަރާކުރެވި ބަހުސްކުރެވިގެން، ކޮޅެއްގައި ޖެއްސީމެވެ. ފަހަށް ބާއްވަންޖެހުނު ކަމެއް ނޯންނާނެއެވެ. ފެއިލްވި ކަމެއް ނޯންނާނެއެވެ. އެކަމާ އުފާކުރަމެވެ.

ޖަލްސާގެ ތެރޭގައި، އެތައް ފަހަރަކު ކުރެވުނު އާދަޔާޚިލާފު އިޙްސާސެއް ޙިއްޞާކޮށްލާނަމެވެ. ދިވެހިރާއްޖެއާ މެދު އިޙްސާސްކުރެވުނު ފަޚުރާއި ޝަރަފެވެ. ވަރުގަދަ އެމެރިކާގެ ސެކްރެޓަރީ އޮފް ހެލްތްވެސް ވަޑައިގަތެވެ. އެމަނިކުފާނުވެސް ވާހަކަފުޅު ދައްކަވަން ހުއްދަ ނަންގަވަންޖެހިވަޑައިގަތީ ދިވެހިރާއްޖޭގެ މަންދޫބުގެ ފަރާތުންނެވެ. ޖަމްޢިއްޔާއަށް ޗައިނާއިން ކަނޑައެޅި ބަޖެޓު ބޮޑުކުރަން ހުށަހެޅުނުއިރު، އެކަންވެސް ފާސްކުރަން ރުހުން ދިނީ ހަމަ ދިވެހިރާއްޖޭގެ މަންދޫބެވެ. ލައިގެން އިން ކޯޓުގެ މޭމަތީގައި ހުރި ދައުލަތުގެ ނިޝާނުގެ އަގު ވަޒަންކުރެވުނެވެ. ޤައުމަށް ޚިދްމަތްކޮށްދޭން އަބަދުމެ ދެކެމުންދިޔަ ހުވަފެން ހަޤީޤަތަކަށްވީކަމުގެ އިޙްސާސްވިއެވެ.

ޖަސްލާ ނިންމާލުމަށްފަހު، އެނބުރި މާލެ އައިސް، ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަސްޢޫލިއްޔަތަށް އެނބުރުނީމެވެ. ޑަބްލިޔު.އެޗް.އޯގެ ރިޔާސަތު ބެލެހެއްޓީ ދިވެއްސެއް ކަމާމެދު ދެތިން ޚަބަރެއް ފެނުނެވެ. އެހެން ނޫނީ އެކަން ދެނަހުރި، ފާހަގަކުރި މާގިނަ ބަޔަކު ރާއްޖެއަކު ނެތެވެ. އެކަމަކު އެއްކަމެއް ޔަޤީންކުރެވުނެވެ. ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ކުޑަ ތަންފުކެއް އިތުރަށް އުފުލުނުކަމެވެ. އެހެންކަމުން އުފާކުރީމެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، އިތުރު ދައުވަތެއް ލިބުނެވެ. ޑަބްލިއު.އެޗް.އޯ އިންނެވެ. ރިޔާސަތު ބެލެހެއްޓުމަކީ، ކޮންމެ ހަމަހަކުން ބަދަލުވާ ކަމަކަށްވީތީ، މުސްތަޤްބަލުގައި އެމަޤާމާ ޙަވާލުވާ ފަރާތްތަކަށް ފަސޭހައަކަށް އެކަމުގެ އާދަތަކާއި އުޞޫލުތަކާއި ހަމަތައް ބަޔާންކޮށްދޭ ވީޑިޔޯއެއް ހަދާ ވާހަކައެވެ. އެބޭފުޅުންގެ ނަޒަރުގައި އެ މަސްޢޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރީ އަޅުގަނޑު ކަމަށާއި، އެހެންކަމުން، އެވީޑިޔޯގައި ގެންނަވަން ބޭނުންވަނީ އަޅުގަނޑު ގެންގުޅުނު އާދަތަކާއި އުޞޫލުތަކާއި، ހަމަތައް ކަމަށް ބަޔާންކޮށްފައި އޮތެވެ. އެކަން އުފަލާއެކު އެބޭފުޅުންނަށް ކޮށްދިނީމެވެ. މިއަދުވެސް އެޖަމްޢިއްޔާއިން ބޭނުންކުރާ ވީޑިޔޯއަކީ އެއީއެވެ.