ކުއްލި ހާލަތުގައި ވޭރަކަށް މަތިންދާބޯޓު ޖެއްސި ހާދިސާއެއްގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާއި ޕައިލެޓް ސަލާމަތްވެއްޖެއެވެ.
އެމެރިކާގެ ޕާލަމަންޓް ނުވަތަ ކޮންގްރެސްގެ ދަށުގެކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ވިސްކޮންސިން ސްޓޭޓްގެ މެންބަރު ޓޮމް ޓިފަނީ، 68، އާއި ޕައިލެޓް ލެނާޑް ބޯލްޓްސް، 73، ހޮނިހިރު ދުވަހުގެ ރޭ ދަތުރުކުރަމުންދިޔަ އެއް އިންޖީނު ލީ މަތިންދާބޯޓުގެ ބާރު ކެނޑުމުން ކުއްލި ހާލަތުގައި ވިސްކޮންސިންގެ ވޯސޯ ނަމަކަށް ކިޔާ ވޭރަށް ޖެއްސިއެވެ.
ބީޗްކްރާފްޓް ބޮނަންޒާ މަރުކާގެ މަތިންދާބޯޓު ވޭރުގެ ތެރެއަށް ފެތެން ފެށުމުން ޓިފަނީ އާއި ބޯލްޓްސް 150 އެއްހާ ފޫޓަށް ފަތައިފައި ތިލަ ހިސާބަކަށް ދިޔައެވެ. ދެން އެ ތާ ތިއްބައި ކުއްލި ހާލަތުގައި މީހުން ސަލާމަތްކުރާ މީހުން ގޮސް އެ ދެ މީހުން ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދިޔައެވެ.
ޓިފަނީގެ ލޮލާ ދިމާ މަތިން 12 ސްޓިޗް ޖަހަން ޖެހުނެވެ. ބޯލްޓްސްއަށްވެސް ކުދި ޒަހަމްތައް ލިބުނެވެ. ދެ މީހުން ފަހުންވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.
"ޕައިލެޓް އަހަރެން ގާތުގައި ބުނީ 'އަހަރެމެން މި އޮތްގެން ވެއްޓެނީއޭ. ސީޓު ބެލްޓު ބާރުކޮށްލައިށޭ’،" ޓިފަނީ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.
"ޝުކުރު ހުރި، ޕައިލެޓާއި އަހަރެމެން ދެ މީހުންނަށްވެސް ލިބުނީ ކުދިކުދި ޒަހަމްތަކެއް،" ބޯލްޓްސް ވާހަކަނުދައްކައި އިން އެ ބައްދަލުވުމުގައި ޓިފަނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޯލްޓްސްއަށް ހުރިހާ ކަމެއް ރަނގަޅަށް އެނގޭކަމަށާއި އެހެންވެ ފެނުގައި ޖެހުމުގެ ކުރިން މަތިންދާބޯޓުގެ ލޭންޑިން ގިއަރު އެތެރެއަށް ވެއްދިކަމަށެވެ.
"ވަރަށް ނަސީބުގަދަ ކުރަންވީ ކަންތައް އޭނާއަށް އެނގުނުކަމުން،" ޓިފަނީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާތް ކަލާނގެ ބައްލަވައިވޮޑިގެންވާކަމަށާއި އޭނާ އާއި ބޯލްޓްސް ސަލާމަތްވުމުން އެ ކަމަށް ޝުކުރު އަދާކުރާކަމަށެވެ.
"މި ފަދަ ތަޖުރިބާއަކުން އަހަރެމެންނަށް ހަނދާންވަނީ ފުރާނައިގެ އަގުބޮޑުކަން. ޕައިލެޓާއި ވޯސޯގެ އަލިފާން ނިއްވާ އިދާރާ އާއި ކުއްލި އެހީ ދޭ މީހުން އަހަރެމެންގެ އެހީއަށް އެހާ އަވަހަށް އައުމުން ފުން ޝުކުރެއް އެ އެންމެންނަށް އަދާކުރަން،" ޓިފަނީ ވިދާޅުވިއެވެ.
އެމެރިކާގައި ވައިގެ ދަތުރުފަތުރާ ބެހޭ ހުރިހާ ކަމެއް ކޮންޓްރޯލްކޮށް އަދި ރެގިއުލޭޓްކުރާ އިދާރާ، ފެޑެރަލް އެވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ)އިން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.
ޓިފަނީއަކީ ވިސްކޮންސިން ސްޓޭޓްގެ ގަވަރުނަރަކަށްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރައްވާ، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެވެ. ވިސްކޮންސިންގެ ގަވަރުނަރު ހޮވަން ބާއްވައި އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރު ހައެއްގައެވެ.



advertisment