މި އަންހެންމީހާގެ އަތުގައި ބޮކާ ގުޅޭ 13،201 ތަކެތިވެއެވެ.
އެމެރިކާގެ ރައްޔިތެއް ކަމަށްވާ ސޫޒަން ބުއާގޮސް ރަސްމީ ގޮތުން ރެކޯޑުކުރެވިފައިވަނީ ދުނިޔޭގައި ބޮކާ ގުޅޭ އެންމެ ގިނަ ތަކެތި އެއްކޮށްފައިވާ މީހާގެ ގޮތުގައެވެ.
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ކެމަރިލޯ ސިޓީގައި އެ ހުރިހާ ތަކެތި ބަހައްޓަން ޖާގަ ހޯދަން އޭނާއަށް ޖެހުނީ ގަރާޖެއް އެކުލެވޭ ދެ ވަނަ ގެއެއް ގަންނާށެވެ.
ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނަސްއިން ބުއާގޮސްގެ ރެކޯޑު ރަސްމީ ގޮތުން ބަލައިގަތީ މި ދިޔަ ޖެނުއަރީގައެވެ.
އޭނާއަށް ރެކޯޑު މުގުރައިލެވުނީ ކުރީގައި އެ ރެކޯޑު އޮތް އިނގިރޭސި ވިލާތުގެ އަންހެނެއްކަމަށްވާ ޝީލާ ކްރައުންގެ އަތުގައިވާ، ބޮކާ ގުޅޭ 10،502 ތަކެއްޗަށްވުރެ ގިނަ ތަކެތި ހޯދައިގެންނެވެ.
ބުއާގޮސްގެ ރެކޯޑަށް ބުރާސްފަތި ދުވަހުވަނީ ސޯޝަލް މީޑިއާގެ ސަމާލުކަން ލިބިފައެވެ. ކަންދިމާކުރި ގޮތުން ބުރާސްފަތި ދުވަސްވީ ގިނަސްގެ ދުނިޔޭގެ ރެކޯޑުތަކުގެ އެންމެ ފަހު ފޮތް، އަންނަ އަހަރާ ދިމާކޮށް ނެރޭ، ގިނަސް ވޯލްޑް ރެކޯޑްސް 2027، ރަސްމީ ގޮތުން ނެރުނު ދުވަހަށެވެ. އަދި މުނާސަބު ކަމަކަށްވީ ފޮތުގެ ބަނޑޭރިގަނޑުވެސް، ބޮއް ފަދައިން، ހުރީ ފެހި ކުލައިގައިކަމަށްވާތީއެވެ.

އުމުރު ހާމަކޮށްފައިނުވާ ބުއާގޮސް ބޮއް އެއްކުރަން ފެށީ 1983 ގައި އޭނާގެ ބަދިގެއިން، ގަހުގައި އުޅޭ ބާވަތުގެ "ޓްރީ ފްރޮގް" ބޮކެއް ފެނުމުންނެވެ.
"އަހަރެންގެ ހިތް އެ އެއްޗަށް ދެވުނު. އަހަރެންގެ ޝައުގުވެރިކަން ދަމައިގަތް. އަދި ބޮކާ ގުޅޭ ފުރަތަމަ އެތި އަހަރެން ގަތިން. އެއީ ބޮކެއްގެ ސިފައިގައި ހަދައިފައިވާ ރަނުގެ އަނގޮޓިއެއް. އޭގެ ދެ ލޮލުގެ ގޮތުގައި އިނީ ދެ ޒަމަރަދު،" ބުއާގޮސް ބުންޏެވެ.
ދާ ކޮންމެ ތަނަކުން އޭނާ ބަލަނީ އޭނާ އެއްކޮށްފައިވާ ކަލެކްޝަނަށް އިތުރު އެއްޗެއް އެއްކުރެވޭތޯއެވެ. އޭގެ އިތުރުން ތަކެތި ވިއްކާ ކެޓެލޮގްތައް ބަލައިގެންވެސް އޭނާގެ ކަލެކްޝަނަށް ފުރިހަމަކަން ގެނެސްދޭނެ އައިޓަމްތައް ގަނެއެވެ.
އެ ހުރިހާ ތަކެތީގެ ތެރޭގައި އޭނާއަށް އެންމެ ކަމުދާ އެކަތިވެއެވެ.
"އެއީ އެމެރިކާގެ މިއުޒިކް ބޭންޑް ދަ ބީޗް ބޯއިސްގެ ލަވަ 'ކޯކަމޯ' ކިޔާ އަޑު ހިމަނައިފައިވާ، ސައިކަލެއްގައި އިންނަ ބޮކެއް،" ބުއާގޮސް ބުންޏެވެ.



advertisment