Support Us

އީރާނާ ދެކޮޅަށް ކުރަނީ ހަނގުރާމައެއް ނޫން: ޓްރަމްޕް

އީރާނާ ދެކޮޅަށް ކުރަނީ ހަނގުރާމައެއް ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"އަހަރެން މި ކަމަށް ކިޔާނީ އަސްކަރީ ކުރިމަތިލުމެކޭ. މިއީ އެހާ ބޮޑު ކަމެއް ނޫން،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.

އޭނާ މިހެން މި ވިދާޅުވީ ފެބްރުއަރީ 28 ގައި އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގައި އިސްރާއީލުން މިހާރު ހަމަލާނުދިނަސް އެމެރިކާ އާއި އީރާނާ ދެމެދު ދޭތެރެ ދޭތެރެއިން ހަމަލާ ބަދަލުކުރުން ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ވިދާޅުވީ ވޭތުވެދިޔަ ހަތް މަސް ތެރޭގައި އެއްވާނެއްގައި އެމެރިކާއިން އީރާނަށް ހަމަލާދެމުންނުގެންދާކަމަށެވެ.

"މީގެ އިތުރުން އެމެރިކާ ސިފައިން އެއްގަމު މަގުންވެސް އީރާނާ ދަނީ ހަނގުރާމަކުރަމުންނެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށްކުރާ ހަނގުރާމައިގައި އެމެރިކާގެ 18 ސިފައިން މިހާތަނަށް މަރުވެފައިވެއެވެ. އަދި އެ ހަނގުރާމައަށް އެމެރިކާގެ އަތުން 37.5 ބިލިއަން ޑޮލަރު (579.75 ބިލިއަން ރުފިޔާ) ހަރަދުވެފައިވެއެވެ.

ހަނގުރާމައިގައި މިހާތަނަށް އީރާނުން 3،636 މީހުން މަރުވެފައިވެއެވެ. ގަލްފުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން މިހާތަނަށް ދީފައިވާ ހަމަލާތަކުގައި އުމާނުން 18 މީހުން މަރުވެފައިވާއިރު ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން 15 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ކުވައިތުން ފަސް މީހުން، ސައޫދީ އަރަބިއްޔާއިން ތިން މީހުން، ބަހްރައިނުން ދެ މީހުން އަދި ގަތަރުން އެކަކު މަރުވެފައިވެއެވެ.

އީރާނުން ބުނީ އެމެރިކާގެ ހަތުރުވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވަމުންދާނެކަމަށެވެ.

"އެމެރިކާގެ ހަމަލާތަކަކީ އަހަރެމެން މަޑުމަޑުން ތިއްބާ އަހަރެމެންނަށް ދޭން ފެށި ގައިރުގާނޫނީ ހަމަލާތަކެއް،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވިއެވެ.

ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު އިއްޔެ ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ ހުރީ 95 ޑޮލަރު (1،464ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *