ފެބްރުއަރީގައި އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމައިގައި ހަމަލާދިނުން ޖުލައިގައި މެދުކަނޑައިލައިފައި މި ހަފުތާގައި އެމެރިކާއިން އީރާނަށް ހަމަލާދިނުން އަނެއްކާވެސް ފަށައިފައިވާއިރު ހަމަލާތައް ކުރިއަށް ގެންގޮސްފާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވައިފިއެވެ.
ޓްރަމްޕް ވިދާޅުވީ އީރާނަށް އަލުން ހަމަލާދޭން ފެށީ ރާޑަރާއި މިސައިލް ނިޒާމުތައް ތަރައްގީކުރަން އީރާނުން އަނެއްކާވެސް ފެށުމާއި، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅީގައި މައިން ލުމަށް ގާބިލުކަން ލިބިދޭ ރޮކެޓް އީރާނުން މިހާރު ތަރައްގީކުރަމުންދާތީކަމަށެވެ.
"އަހަރެމެން ބޭނުން ކޮންމެ ވަގުތަކުވެސް އީރާނަށް ހަމަލާދީފާނަން،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
އީރާނަށް އެންމެ ފަހުން ދިން ހަމަލާތަކުގައި 19 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ކައިވެނި ހަފުލާއަކަށް ދިން ހަމަލާއެއްގައި ކުޑަ ދެ ކުދިންނާއެކު ހަތަރު މީހުން މަރުވެފައިވެއެވެ. އެ މީހުންގެ ޖަނާޒާ ބާއްވަން ހަމަޖައްސައިފައިވަނީ މިއަދުއެވެ.
"ކައިވެނި ހަފުލާއަށް ދިން ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް،" އީރާންގެ ހާރިޖިއްޔާގެ ތަރުޖަމާނު އިސްމާއީލް ބާގައީ ބުންޏެވެ.
އެމެރިކާއިން އަލުން ހަމަލާދޭން ފެށުމުން ރައްދުގައި އީރާނުންވަނީ ކުވައިތާއި ބަހްރައިނާއި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަކަށް ހަމަލާދީފައެވެ.
ހަ މަސްވީ ހަނގުރާމައިގައި އީރާނުން މިހާތަނަށް 3،636 މީހުން މަރުވެއްޖެއެވެ. އެމެރިކާގެ 18 ސިފައިން މަރުވެފައިވެއެވެ. ގަލްފުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން 13 މީހުން އަދި ކުވައިތުން 10 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން ބަހްރައިން، ސައޫދީ އަރަބިއްޔާ އަދި އުމާން މި ތިން ގައުމުން ކޮންމެ ގައުމަކުން ތިން މީހުން މަރުވެފައިވެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ އާއި މިއަދު ހުރީ 95 ޑޮލަރު (1،464ރ.)ގައެވެ. އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.
ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ހުރުމުޒުން އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.



advertisment