Support Us

ރަހްމާނުގެ އިންޑިއާ ދަތުރު ހަސީނާގެ މައްސަލައާހުރެ މަޑުޖައްސައިލައިފި

ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށްކުރައްވަން ހަމަޖެއްސެވި ފުރަތަމަ ދަތުރު ތޯރިގު ރަހްމާން މަޑުޖައްސަވައިލައްވައިފިއެވެ.

އިއްޔެއިން މާދަމާއަށް ޝެޑިއުލްކުރެއްވި ދަތުރު މަޑުޖައްސަވައިލެއްވީ ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހު ހަސީނާ އިންޑިއާއިން ބަނގްލަދޭޝްއާ ހަވާލުނުކުރުމުންނާއި ރަހްމާން (ފޮޓޯ)ގެ ސަރުކާރަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ސަރުކާރެއް ކަމަށް މި މަހު ފަހެއްގައި އިންޑިއާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސީނާ ވިދާޅުވުމުންނެވެ.

ބަނގްލަދޭޝްއިން ބުނީ މި މަހު ފަހެއްގައި އިންޑިއާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސީނާ ދެއްކެވި ވާހަކަތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން "ހަރާބުވެއްޖެ" ކަމަށެވެ. އިންޑިއާއިން ބުނީ ހަސީނާގެ ޕްރެސް ކޮންފަރަންސްގައި އިންޑިއާގެ ދައުރެއް ނެތް ކަމަށާއި ހަސީނާ ބަނގްލަދޭޝްއާ ހަވާލުކުރަން ބަނގްލަދޭޝްއިން އެދިފައިވާ އެދުން ބަލަމުން އަންނަ ކަމަށެވެ.

"(ރަހްމާންގެ އިންޑިއާ) ދަތުރު އަވަސްއަރުވައިލައިގެން ކުރިއަށްގެންދާކަށް ނޫޅެން. ރަނގަޅު މަގުން ވާހަކަދައްކައިގެން އަދި ރަނގަޅަށް ތައްޔާރުވެގެން ދަތުރު ކުރިއަށްގެންދެވިދާނެ،" ބަނގްލަދޭޝްގެ ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވިދާޅުވިއެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައިޝަންކަރު ވިދާޅުވީ "ފުރަތަމައިނުން ޖެހޭނީ ދެ ގައުމުގެ މަސްލަހަތު ދިމާވޭތޯ ބަލާ ޓެސްޓުން ފާސްވާން" ކަމަށެވެ.

"ދަތުރާ ބެހޭ ގޮތުން އަހަރެންނަށް މި ވަގުތު ބުނެވޭނެ އެއްޗެއް ނެތް،" އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ބުންޏެވެ.

ހަސީނާ 2024 ގައި އިސްތިއުފާ ދެއްވައި ފިލައިގެން އިންޑިއާއަށް ވަޑައިގަތީ އޭނާއާ ދެކޮޅަށްކުރި މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކުން ބަޑިޖެހުމުން 1،400 މީހުން މަރުވުމުންނެވެ. ބަޑިޖަހަން އަމުރުކުރެއްވީ އޭނާ ނޫން ކަމަށް ވިދާޅުވިޔަސް އޭނާގެ ގައިރު ހާޒިރުގައި ބަނގްލަދޭޝްގެ ކޯޓަކުން ވަނީ އޭނާއަށް މަރުގެ ހުކުމް އިއްވައިފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ހަސީނާ ވިދާޅުވީ އޭނާއާ ދެކޮޅަށް ކުރި ހުކުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ހުކުމެއް ކަމަށެވެ.

ދާދި ފަހުން ހަސީނާ ވިދާޅުވެފައިވަނީ އަންނަ ޑިސެމްބަރުގައި އަމިއްލައަށް ބަނގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާގެ އަމިއްލަ ވަޒަނުގައި އޭނާއަށް ކުރިމަތިވެދާނެ ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތިލައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އޭނާ އެހެން ވިދާޅުވުމުން ބަނގްލަދޭޝް ސަރުކާރުން އޭނާއަށް އެންގީ އަނބުރާ ބަނގްލަދޭޝްއަށް ވަޑައިގެންފި ނަމަ ޖަލަށް ލާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *