އަނބުރާ ބަނގްލަދޭޝްއަށް ގޮސްފިނަމަ ޖަލަށް ލާނެ ކަމަށް، އިސްތިއުފާދެއްވައިފައި ބަނގްލަދޭޝްއިން ފިއްލަވައިގެން ގޮސް އިންޑިއާގެ ހިމާޔަތުގައި މިހާރު ހުންނެވި ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ބަނގްލަދޭޝް ސަރުކާރުން އަންގައިފިއެވެ.
އަންނަ ޑިސެމްބަރުގައި އަނބުރާ ބަނގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށާއި ބަނގްލަދޭޝްގެ ކޯޓުތަކަށް އަމާންދެއްވާނެ ކަމަށް ހަސީނާ (ފޮޓޯ) ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
ބަނގްލަދޭޝްގެ ޓްރައިބިއުނަލްއަކުން ވަނީ ހަސީނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެވެ. އެއީ އޭނާގެ އިސްތިއުފާއާ ގުޅޭ، 2024 ގެ ދަރިވަރުންގެ މުޒާހަރާގައި އޭނާގެ އަމުރަށް 1،400 މުޒާހަރާވެރިންގެ ގަޔަށް ބަޑިޖަހައި މަރައިލި ކަމަށް ސާބިތުވެގެންނެވެ.
ނަމަވެސް އޭނާ އެ ކަމަށް އިންކާރުކުރައްވައެވެ. އޭނާގެ މައްޗަށް ހުކުމް ތަންފީޒުކުރާނެ ކަމަށް ބެލެވެނީ ބަނގްލަދޭޝްގެ ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފިނަމަ އާއި އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ ޕްރެޝަރާ ދެކޮޅަށް ވެސް އޭނާއަށް މަރުގެ ހުކުމް ތަންފީޒުކުރަން ބަނގްލަދޭޝްއިން ނިންމައިފިނަމައެވެ.
"ޝައިހް ހަސީނާއަކީ ކުށް ސާބިތުވެފައިވާ ކުށްވެރިއެއް. އޭނާ އަމާން ދެއްވައިފިނަމަ، ބަނގްލަދޭޝްގެ ގަވައިދުތަކާ އެއްގޮތަށް އޭނާއާ ދެކޮޅަށް ފިޔަވަޅުއަޅާނަން،" ބަނގްލަދޭޝްގެ ސްޓޭޓް ފޮރިން މިނިސްޓަރު ޝާމާ އުބައިދު އިސްލާމް ވިދާޅުވިއެވެ.
ހަސީނާ ވިދާޅުވީ އޭނާ ބަނގްލަދޭޝްއަށް ކޮންމެހެން ވެސް އަދި ކޮންމެ ހާލަތެއްގައި ވެސް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.
"އަހަރެން އަނބުރާ ދިއުމުން އެ މީހުން އަހަރެން ހައްޔަރުކޮށްފާނެ. އެ މީހުން އަހަރެން މަރައިލައި ވެސް ފާނެ. އެހެނަސް އަހަރެންނަށް އެބަ ޖެހޭ ދާން،" ހަސީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާގެ އަމިއްލަ ވަޒަނުގައި އޭނާއަށް ކުރިމަތިވެދާނެ ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތިލައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.
ބަނގްލަދޭޝްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (ބީ.އެފް.އައި.ޔޫ)އިން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ހަސީނާ އާއި ހަސީނާގެ އާއިލާ އާއި އޭނާ އާއި އޭނާގެ އާއިލާއާ ގުޅުން ހުރި 10 ވިޔަފާރި ގްރޫޕެއްގެ ފްރީޒްކުރި އެސެޓްތަކުގެ އަދަދު ހާމަކޮށްފައެވެ. އެއީ 760 ބިލިއަން ޓާކާ (6.2 ބިލިއަން ޑޮލަރު ނުވަތަ 95.5 ބިލިއަން ރުފިޔާ)ގެ އަގު ހުރި އެސެޓްތަކެކެވެ.
ގައުމުގެ ތެރޭގައާއި ގައުމުން ބޭރުގައި ހުރި މި އެސެޓްތަކަކީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިން ތަހުގީގުތަކާ ގުޅޭ އެސެޓްތަކެކެވެ. ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތާ ވެސް ހަސީނާ އާއި ހަސީނާގެ ބައިވެރިން އިންކާރުކުރެއެވެ.



advertisment