Support Us

ސަހަރުލްބަރްދީނީ އާއި އޭނާގެ ތިން ދަރިން ކަނީ

ގައްޒާ އަނެއްކާވެސް ބަނޑަށްޖެހުމާ ދިމާއަށް؟

މެދުތެރޭ ގައްޒާގެ އަލްޒުވައިދާ ކޭމްޕްގައި ހުރި ޓެންޓެއްގައި ސަހަރުލްބަރްދީނީ އޭނާގެ ތިން ދަރިންނަށް ހެނދުނުގެ ނާސްތާ ހަދައިދެއެވެ. އެ ކުދިން ކާ މަންޒަރު އޭނާ ބަލަން އިނދެއެވެ. އެއީ، ދެން ކާންދެވޭނީ ކޮން ގޮތަކަށްކަމާމެދު ފިކުރުބޮޑުވެފައި އިންނަ ހާލުގައެވެ.

އުތުރު ގައްޒާގައި އިސްރާއީލުން ޝެލުން ދިން ހަމަލާއެއްގައި މީގެ ތިން އަހަރު ކުރިން ސަހަރުލްބަރްދީނީގެ ފިރިމީހާ ވަނީ ޝަހީދުވެފައެވެ. މިހެންވެ، އުމުރުން 35 އަހަރުގެ ސަހަރުލްބަރްދީނީ އޭނާގެ ތިން ކުދިންގެ އާއިލާއަށް އާމްދަނީ ހޯދައިދޭން ޖެހިފައިވަނީ އެކަނިހަށްޓާއެވެ. ދޮށީ ދަރިފުޅު އުމަރުގެ އުމުރުން ހަ އަހަރެވެ. ސަމާގެ އުމުރަކީ ހަތަރު އަހަރު ކަމަށްވާއިރު މަހްމޫދުގެ އުމުރަކީ ތިން އަހަރެވެ.

ގައްޒާގެ ގިނަ އާއިލާތައް ފަދައިން އެ މީހުންނަށްވެސް ކުރިމަތިލާން ޖެހިފައިވަނީ ކާބޯތަކެތީގެ އަގު ބޮޑުވަމުންދިއުމާއެވެ. އިސްރާއީލުން ގައްޒާ ހިސޯރުކޮށްފައި އޮތުމުގެ ސަބަބުންނެވެ. މިހާރުގެ ކަންބޮޑުވުމަކީ ގައްޒާގެ އާބާދީއަށް އަނެއްކާވެސް ބަނޑަށްޖެހުމާ ކުރިމަތިލާން ޖެހިދާނެކަމެވެ.

މި ދިޔަ އަހަރުގެ ގައްޒާގެ ބަނޑަށްޖެހުމުގައި މުޅި އާއިލާ، އަދި ވަކިން ހާއްސަކޮށް އުމަރާއި ސަމާއަށް ކާބޯތަކެތި ނުލިބުމާއި އަދި އެ ކުދިންގެ ހަށިގަނޑަށް ބޭނުންވާނެ ކާނާ ނުވަތަ ނިއުޓްރިއަންޓްސް ނުލިބުމުގެ މައްސަލަ ކުރިމަތިވިއެވެ. މާރުކޭޓުތަކުން ބިހާއި ތަރުކާރީ ހޯދަން ދަތިވިއެވެ. އަދި ލިބެން ހުއްޓަސް އެ ތަކެތި ހުރީ ގާތްގަނޑަކަށް އަތްނުފޯރާފަށުގެ އަގުތަކުގައެވެ.

މިއަދު އެ އާއިލާއަށް ގަވައިދުން ކާބޯތަކެތި ލިބުނަސް އަދިވެސް އެ މީހުންނަށް ލިބެނީ ދުވާލަކު އެންމެ ކެއުމެކެވެ. މި ދިޔަ އަހަރުގެ އޮގަސްޓާއި ޑިސެމްބަރާ ދޭތެރޭ ކުރިމަތިވި ގައްޒާގެ ބަނޑަށްޖެހުމުގެ އަސަރުތައް އުމަރާއި ސަމާ ދަނީ އަދިވެސް ބަރުދާސްތުކުރަމުންނެވެ.

"އެ ބަނޑަށްޖެހުމުގައި އުމަރާއި ސަމާގެ ހަށިގަނޑު ވަރަށް ނިކަމެތިވި. ބަރުދަން ވަރަށް ބޮޑަށް ލުއިވެގެންދިޔަ. ކާބޯތަކެތި އަލުން ތަންކޮޅެއް ބޮޑަށް ލިބެން ފެށުމުންވެސް އެ ދެ ކުދިންގެ ސިއްހަތު އަނބުރާ ކުރީގެ ހާލަތަށް މަޑުމަޑުން އައުމަށާއި ހަށިގަނޑުގެ ބަރުދަންވެސް މަޑުމަޑުން އަލުން ހަމައަކަށް އެޅުމަށް ގާތްގަނޑަކަށް ހަ މަސް ނެގި،" ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއަށް ސަހަރުލްބަރްދީނީ ބުންޏެވެ.

"އަހަރެން އެންމެ ބޮޑަށް ބިރުގަންނަނީ އަހަރެންގެ ދަރިންގެ ހަށިގަނޑު އަލުން ނިކަމެތިވެދާނެތީ. އަހަރެން ދެކެން ބޭނުންވަނީ އެ ކުދިންގެ ސިއްހަތު ރަނގަޅުކޮށް ހުންނަން. ނަމަވެސް އެ ކުދިންނަށް ބޭނުންވާ ކާބޯތަކެތި ކޮންމެ ދުވަހަކު އެ ކުދިންނަށް ހޯދައިދިނުމަށް އެހާ ފަސޭހައެއް ނޫން،" އޭނާ ބުންޏެވެ.

ގައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕްގައި ހިންގާ ކޮމިއުނިޓީ ބަދިގެއެއް

ގައްޒާ ދެވަނަ ފަހަރަށް ބަނޑަށްޖެހުމަކާ ދިމާއަށް؟

ސަހަރުލްބަރްދީނީގެ އާއިލާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތު މި ގޮތަށް ކުރިއަށްދަނީ އަނެއްކާވެސް ގައްޒާއަށް ބަނޑަށްޖެހުމަކާ ކުރިމަތިލާން ޖެހިދާނެ ފަދަ ކާބޯތަކެތީގެ އެމަޖެންސީއެއް ގައްޒާއަށް ކުރިމަތިވެފައިވާ ކަމަށް އދ.ގެ އިންސާނީ އެހީއާ ބެހޭ އިދާރާ، އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯ.ސީ.އެޗް.އޭ)އިން މި ދިޔަ ހަފުތާގައި އިންޒާރުދީފައިވަނިކޮށެވެ.

ދެ އަހަރުވީ ގައްޒާ ހަނގުރާމައިގެ ސަބަބުން ގައްޒާގެ އާބާދީ ވަނީ 2.2 މިލިއަނުން 2.1 މިލިއަނަށް މަދުވެފައެވެ. އޯ.ސީ.އެޗް.އޭގެ ފަލަސްތީނުގައި ހުންނަ ގޮފީގެ ވެރިޔާ ޖަސްޓިން ބްރޭޑީ ބުނީ އެކަށީގެންވާ ކާބޯތަކެތި ނުލިބުމުގެ ހާލަތު ގައްޒާގެ އާބާދީގެ 67 ޕަސެންޓަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ އިންޓަގްރޭޓަޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން މިންގަނޑުން ގައްޒާ ބަނޑަށްޖެހިއްޖެ ކަމަށް ރަސްމީކޮށް އިއުލާންކުރަން އެކަށީގެންވާ ދިރިއުޅުމުގެ ހާލަތުގައި ގައްޒާގެ އާބާދީގެ ގާތްގަނޑަކަށް 10 ޕަސެންޓް ނުވަތަ 200،000 މީހުން އެބަތިބި ކަމަށެވެ.

ސަހަރުލްބަރްދީނީ ދިރިއުޅޭ ސަރަހައްދުގައި ގިނަ އާއިލާތަކަށް ކާބޯތަކެތި ލިބުމުގެ މައިގަނޑު މަސްދަރަކީ ކޮމިއުނިޓީ ކިޗަން ނުވަތަ ގިނަ މީހުން ގުޅިގެން ކާބޯތަކެތި އެކަކު އަނެކަކާ ހިއްސާކުރާ، އަދި ހައިރާތު ލިބޭ ބަދިގެތަކެވެ. އެ ބަދިގެތަކުން ދެނީ ގިނަ ފަހަރަށް ބަތާއި އަސާސީ އެހެން ތަކެއްޗެވެ. މަހުގެ ބާވަތްތައް ދެނީ ވަރަށް މަދު ފަހަރެއްގައެވެ. އެހެންކަމުން އެ ތަންތަނުން ދެނީ ހަމައެކަނި ބަނޑުހައިކަން ފިލުވައިލެވޭނެވަރުގެ ނާސްތާއެވެ. މިހެންވެ، ހެދިބޮޑުވާން ބޭނުންވާ އަސާސީ ނިއުޓްރިއަންޓްސް އާއި ޕްރޮޓީނެއް ކުޑަކުދިންނަކަށް ނުލިބެއެވެ.

"އެ ނާސްތާތަކުން އެ ކުދިންގެ ބަނޑު ފުރޭ. ނަމަވެސް ހަށިގަނޑުގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށާއި ހަށިގަނޑުގައި ވަރު ޖެއްސުމަށް ބޭނުންވާ ހުރިހާ މައްދާއެއް ނުލިބޭ،" ސަހަރުލްބަރްދީނީ ބުންޏެވެ.

"އެ ކުދިންނަށް ބޭނުންވަނީ ތަފާތު މާއްދާތައް ހުންނަ ޑައެޓެއް. ބިސް، ތަރުކާރީ، މޭވާ، މަހުގެ ބާވަތްތައް އަދި އެހެނިހެން ކާނާ އެ ކުދިންނަށް ބޭނުންވޭ. އަހަރެންނަށް ލިބޭނެ ހުރިހާ އެއްޗެއް ފޯރުކޮށްދެވޭތޯ ބަލަން، ނަމަވެސް އަހަރެންނަށް ލިބޭ އާމްދަނީ މަދު،" އޭނާ ބުންޏެވެ.

ކުޑަ ފައިސާކޮޅަކުން ފުއްދައިލަމުން، އޭނާއަށް ލިބޭ ކޮންމެ ފުޑް ވައުޗަރާއި އެހީ އޭނާ ހޭދަކުރަނީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. އެކަމަކުވެސް އެއަކުން ދުވަހަކުވެސް ނުފުދެއެވެ. އެހެންކަމުން، އޭގެ މާނައަކީ އޭނާގެ އާއިލާއަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކަށް އިސްކަންދިނުމެވެ. އެ ގޮތުން ފުރަތަމަ ކަމަކަށް އިސްކަންދެނީ ކާބޯތަކެއްޗަށެވެ. އެއަށްފަހު ލާނެ ހެދުމާއި ބޭހާއި ދަރިންނަށް ދެން ބޭނުންވާނެ އަސާސީ ތަކެއްޗަށް އިސްކަންދެއެވެ.

"އަހަރެންނަށް ކާބޯތަކެތީގެ ވައުޗަރުތައް ލިބުމުން އެ ހޭދަކުރަނީ ވަރަށް ފަރުވާތެރިކަމާއެކު. ހުރިހާ އެއްޗެއްވެސް އަގުބޮޑު. އަދި ތިން ކުޑަކުދިންގެ ޒިންމާ މި ނަގަނީ އަހަރެން އެކަނިހަށްޓާ،" ސަހަރުލްބަރްދީނީ ބުންޏެވެ.

ޅަފަތުގެ ކުދިންނަށް ބޯން ދޭނެ ކިރު ނެތުމުން…

މި ދިޔަ އަހަރުގެ ގައްޒާގެ ބަނޑަށްޖެހުމުގައި ޝައިމާ، 25، އަށް އޭނާގެ އުމުރުން ދެ އަހަރުގެ އަންހެން ދަރިފުޅު ސައިލައިނާއަށް އެކަށީގެންވާ މިންވަރަކަށް ދޭނެ ކިރެއް ނުލިބުނެވެ. އެހެންކަމުން އޭނާއަށް ޖެހުނީ ދަރިފުޅުގެ ބަނޑުފުރަން އެހެން ކޮންމެސް އެއްޗެހިތަކެއް ދޭށެވެ.

"އަހަރެންގެ އަތުގައި ހުރި ކޮންމެ އެއްޗެއް އޭނާއަށް ކާން ދެވޭތޯ މަސައްކަތްކުރިން. ބައެއް ފަހަރު ކިރު ނެތުމުން އޭގެ ބަދަލުގައި އަހަރެން އޭނާއަށް ދިނީ (މުގު ފަދަ) ލެންޓިލްސް،" ޝައިމާ އަލްޖަޒީރާއަށް ބުންޏެވެ.

"އަހަރެން ދުވާލާއި ރޭގަނޑު މަސައްކަތްކުރަން. އެއީ އޭނާއަށް ބޭނުންވާނެ ކާބޯތަކެއްޗާއި އެހެން ހުރިހާ އެއްޗެއްވެސް ފޯރުކޮށްދޭން. އަހަރެންކުރާ ކޮންމެ މަސައްކަތަކީވެސް އޭނާގެ ސިއްހަތު ރަނގަޅުކުރުމަށްކުރާ މަސައްކަތްތައް،" އޭނާ ބުންޏެވެ.

ކާބޯތަކެތި ގަނެވޭވަރަށް ފައިސާ ހޯދުމަށް ޝައިމާގެ އާއިލާއިން ކުރަނީ ބުރަ މަސައްކަތެކެވެ. ސައިލައިނާ އަދިވެސް ނިކަމެތިވެފައި، އޭނާގެ ހަށިގަނޑަށް ނިއުޓްރިއަންޓްސް ލިބެނީ ސީރިއަސްކޮށް މަދު މިންވަރަކަށެވެ.

"(ގައްޒާގެ އެއިރުގެ) ބަނޑަށްޖެހުމަށް ނިމުމެއް (އެއިރު) އަޔަސް، އަހަރެންގެ ދަރިފުޅަށް ކުރި އެ ކަމުގެ އަސަރުތައް ނިމުމަކަށް ނާދޭ،" ޝައިމާ ބުންޏެވެ.

"އަހަރެން އޭނާއާމެދު ކަންބޮޑުވޭ. އަދި އަހަރެން މި ދަނީ އޭނާ ރަނގަޅުވޭތޯ އަހަރެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން،" އޭނާ ބުންޏެވެ.

ގައްޒާ ސިޓީގެ ޝައިހު ރަޒްވާން ނޭބަހުޑްގައި އަންހެން ކުއްޖަކު ހަމަކަށް ފެން އަޅަނީ

ތަފާތު ބާވަތުގެ ކާނާ ބޭނުންވާ ސަބަބުތައް

ކާނާ ނުވަތަ ނިއުޓްރިޝަންގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑޮކްޓަރު ގާދާ ޖިބްރީލު ބުނީ މި ވަގުތު ގައްޒާއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ކާރިސާގައި މައިންބަފައިންނަށް މަޖުބޫރުވެފައިވަނީ އެ މީހުންގެ ޅަފަތުގެ ދަރިންނަށް ބަތާއި ލެންޓިލްސް ކާންދިނުމަށް ކަމަށެވެ. އެ ތަކެތީގައި ބައެއް ނިއުޓްރިއަންޓްސް ހުއްޓަސް، ކުދިންނަށް ބޭނުންވާނެ ހުރިހާ ނިއުޓްރިއަންޓްސް ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ. ހާއްސަކޮށް، ގައްޒާގެ ބަނޑަށްޖެހުމުގައި ބަނޑުހައިހޫނުކަން ބަރުދާސްތުކުރި ކުދިންނަށެވެ.

"ސީރިއަސް މިންވަރަކަށް ބަނޑުހައިހޫނުކަން ތަޖުރިބާކުރި ކުދިންނަށް ގަވައިދުން ނިއުޓްރިއަންޓްސް ލިބޭނެ މުއްދަތެއް އޮންނަން ޖެހޭނެ. އަދި އެ ކުދިންގެ ބަރުދަން ހަމައަކަށް އެޅި، ދުޅަހެޔޮކޮށް ބޮޑުވުމަށްޓަކައި ފޮލޯ-އަޕް ފަރުވާ ބޭނުންވާނެ،" ޑޮކްޓަރު ޖިބްރީލު ބުންޏެވެ.

"ސީރިއަސް ބަނޑުހައިހޫނުކަމަށް ނިމުމެއް އަޔަސް އޭގެ މާނައަކީ ހަށިގަނޑަށް ނިއުޓްރިއަންޓްސް ނުލިބުމުން އެ ކުރާ އަސަރު ކުއްލިއަކަށް ނެތިގެންދާނެއެކޭ ނޫން. ކުޑަކުދިންނަށް ބޭނުންވާނީ ތަފާތު ބާވަތްތަކުގެ ކާނާ ހުރި ޑައެޓެއް. ހަމައެކަނި ބަނޑު ފުރާލެވޭނެ މިންވަރެއްގެ ކާބޯތަކެއްޗެއް ނޫން. އެ ކުދިންނަށް ބޭނުންވާނެ ޕްރޮޓީން، އަޔަން، ވިޓަމިންސް އަދި މިނެރަލްސް. އެއީ ހަށިގަނޑާއި ސިކުނޑި ހެދިބޮޑުވުމަށާއި ވަރުގަދަ ދިފާއީ ނިޒާމަކަށް ބޭނުންވާ އަސާސީ މާއްދާތައް. ނިއުޓްރިއަންޓްސް ނުލިބުމުން އެ ކުރާ އަސަރުން އަރައިގަތުމަށް ވަގުތު ނަގާނެ. އަދި އެކަށީގެންވާ ކާބޯތަކެއްޗާއި ފޮލޯ-އަޕް ފަރުވާ ބޭނުންވާނެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *