Support Us

ނަންނެތްފުށީގެ ވާހަކަ

މިފަހަރުވެސް ފުލޯކު ވާހަކަޔަކުން އޮޑިޔެއް ބަނދެގެން، އެޔަށް އަރައިގެން، ޙަޤީޤަތުގެ އައްސޭރިފަށް ފެންނަ ހިސާބުން އޮޑި ދުއްވޭތޯ ބަލައިލާނަމެވެ.

ރާއްޖޭގައި އިހުގައި އޮތް ވެރިކަމުގެ ނިޒާމެއްގެ ދަށުން، މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހައި ރަށެއްގެ އެންމެހައި ކަމެއް އިސްކޮށް ބަލަހައްޓަން ޙަވާލުވެފައި އޮންނަނީ ކަތީބަކާއެވެ. ނުވަތަ ބޮޑު ކަތީބަކާއެވެ. އަޅުގަނޑު މިދަންނަވަނީ އެވޭލާ ޒަމާނުގެ ވާހަކައެއްވެސް ނޫނެވެ. ހަމަ ދާދި އިހަކަށް ދުވަހުގެ ވާހަކައެކެވެ. އާދެ! އައްސަވާށެވެ.

ރާއްޖޭގެ އުތުރުގެ ކޮންމެވެސް އަތޮޅަކަށް ނިސްބަތްވާ ރަށެއް ކަމަށްވާ ނަންނެތްފުށީގައި (ހަމަ ގައިމުވެސް ހެއްދެވި ރަށެއްގެ ނަމަކަށް ނިސްބަތް ނުކުރިއްޔާ މަޞްލަޙަތު ހެއު ވާނެ ކަމަށް ފެންނާތީ އެމަގުން ނަން ދީފައިވާ ރަށެއް) ރަސްމީގޮތުން ހިނގާ އެންމެހައި ކަންކަމެއް ބޮލަރުވައިގެން އުޅުއްވީ އެ ރަށު ކަތީބެވެ. އޭނާޔަށް އިހުގައި މުޙައްމަދު ފުޅު ކިޔައި އުޅުނުކަން އެނގޭނީ ރަށުގެ މުސްކުޅީން ކުރެވެސް މަދު ބަޔަކަށެވެ. ވާނީވެސް އެހެންނެވެ. ރަށު އެންމެން އޭނާޔަށް "ބޮޑުކަތީބު" މިހެން ކިޔައި މުޚާޠަބް ކޮށް އުޅޭތާ އެއިރު އެހައި ގިނަ ދުވަސް ވެއްޖެއެވެ.

ބޮޑުކަތީބަކީ ރަށުގައި އެ ދުވަސްވަރު ދިރިއުޅުނު މީހުން ކުރެ އަޑު ގަދަ އެންމެންގެ ނުލާހިކު ގާތް މިތުރެކެވެ. އެހެންކަމާއެކު، ރުށް ގިނަ ކޮންމެ މީހެއްގެމެ އެންމެ ހަވާސާ އެކުވެރީންގެ ތެރޭގައި ގުނުނު މީހެއް މެއެވެ. ގިނަގިނައިން ޞަލަވާތް ފާތިޙާ ކިޔަވައިލައި އުޅުނު ޒާތުގެ ތަނަވަސް ގޭގޭގައި އެ ކަންކަމާ ވިދިގެން ބެހެއްޓުނު ކޭން މަލާފަތަށް ބިސްމި ކިޔައި، ބިސް ގިިނަހެން ހީވާހައި މާލޫދަށް އިސްވެ އުޅުނީވެސް ހަމަ ބޮޑު ކަތީބެވެ. ވާނީވެސް އެހެން ނޫންތޯއޭ، ކަންކަމުގައި އިސްނަގައި، ކުރިޔަށް އަރައި، ކަންކަން ކުރާނޭ ފައިދާހުރި މޮޅު މަގުތައް ދެއްކުމާއެކު އެމަގުމަގުން އިސްކޮށް ހިނގަން ވާނީވެސް ކަމުވޮށިގެންވާ މީހުންނޭ ނުބުނާނީ ފަހެ ކާކުތޯއެވެ؟

ބޮޑުކަތީބުގެ ހައިބަތާއި ޤަދަރާއި ޢިއްޒަތުގެ ބޮޑު ކަމަކީ އެކަމުގެ ވާހަކަ ފައުޅުގައި މާގިނަގިނައިން ނުދެއްކިޔަސް، މެންދުރުގެ އިރުހެން ދިމާޔަށް ފެންނަން ހުރި ބޮޑުކަމެކެވެ. އޭނާގެ ޙިކުމަތު ޢަމަލީ އަކީ އެކަހަލަ ކަންކަން ވަކިކޮށް ދަންނަ ޒާތުގެ މީހުން އިތުރު އިމްތިޙާނަކާ ނުލައި އެންމެ މަތީ ވަނައިގައި ފާސްކުރި އެއްޗެކެވެ. އޭނާޔަށް ގިނަގިނައިން ތާރީފުކޮށް އުޅުމަކީ އޭނާޔަށް އެހައި ކަމުދާ އެއްޗެއް ނޫންކަމަށް ބުނުއްވިޔަސް، އެކަން ކޮށް އުޅުނު ޒާތުގެ މީހުންނަކީ ރަށުގައި ކުރާ ކަންކަމުގައި އިއްތިފާޤުން ނަމަވެސް ނަފާ ބޮޑުވެ، މަންފާ ގިނަވެ، ވާ ފައިދާގެ ތެރެއިން ބޮޑު ބައެއް ރައްކައުކުރާން ލިބި އުޅުނު ބައެއް ކަމަށް ވެއެވެ.

މިވެނި ބާވަތެއްގެ އެވެނި ކަންކަމަކީ ރަދުންގެ ވިދާޅުބަސްފުޅުން މަނާކުރައްވައިފައިވާ ކަންކަން ކަމުގައި ވިޔަސް، އެފަދަ ކަންކަން ނަންނެތްފުށީގައި ބައެއް ފަހަރު ބައެއް ކަހަލަ މީހުންނަށް ކޮށްލެވުނީމައި، އެކަމުގެ ސަބަބުން އެފަދަ މީހުންނަށް އެއްވެސް ބާވަތެއްގެ އަދަބެއް ލިބި، ނުވަތަ ޖޫރިމަނާއެއް ކުރެވި، ނުވަތަ އެނޫންވެސް ތަކުލީފެއް އުފުލަން ނުޖެހި ދިޔައީ ބޮޑުކަތީބުގެ ޙިކުމަތްތެރިކަން ރަދުންގެ ވިދާޅުބަސްފުޅަށް ވުރެ ބާރު ގަދަވީމަތާއޭ ބާރަށް ބުނެވޭ އަޑެއް ދުވަހަކުވެސް އިވިފައެއް ނެތެވެ. މި ދެންނެވި ބީދައިން އަދަބެއް ނިލިބި، ޖޫރިމަނާއެއް ނުކުރެވި، ދެރަވާން ނުޖެހި، ކުރެވުނު ކަން ނުކުރާ ކަމެކޭ އެއްފަދަ ކުރެވުނު މީހުންނަކީ ރަށުގެ ކުރިއެރުމާއި، ތިޔާގި ކަމާއި، ފާގަތި ކަމާއި،ފެހި މުސްތަޤުބަލުގެ އުންމީދުތައް ނެގެހެއްޓުމުގެ މާލީ، އިޤްތިޞާދީ، އަދި ސިޔާސީ ޤާބިލްކަން ލިބިފައިވާ މީހުންނަށް ވުމަކީ ހަމަ ބޮޑުކަތީބުގެ ދުރުވިސްނިލެއްވުމުގެ ތެރެއިން ނިމިގެން ދިޔަ ކަމެއް ކަން ކަށަވަރެވެ.

ކަން އަދި މިހެން އޮތަސް، ބޮޑުކަތީބު ކުރައްވާ ބައެއް ކަންކަމާ ނުޤަބޫލުވާ، ނުވަތަ އަޅުއްވައި ނުލައްވައި ދޫކޮށްލައްވާ ބައެއް ކަންކަމާ މެދު ހިތް ހަމަނުޖެހުނު ބަޔަކުވެސް އެ ދުވަސްވަރު ނަންނެތްފުށީގައި ނެތެކޭ ދެންނެވޭކަށް ނެތެވެ.

އުތުރު އަވަށު ރައިވެރިބޭ މުސްކުޅިވެ، ގައިބާރު ދެރަވުމާއެކު، އެއްދުވަހު އެރޭ ރުކަށް އަނެއް ދުވަހު ނުއެރޭ ހާލުގައިވެސް އަރައި ބަލަހައްޓާ އަމިއްލަ ދޮޅަހަކަށް ރުކަށް ކޮންމެވެސް ބަޔަކު ވަގަށް އަރައި ގުޑި ބައިލައި ހެދުން އެއީ ޢާންމު ކަމަކަށް ވީމައި،  އެކަން އޭނާ ބޮޑުކަތީބަށް ނަންގެންފިއެވެ. ބޮޑުކަތީބު އެ ފޮނުއްވާ ބަޔަކު ފޮނުއްވައިގެން އެ ބައްލަވާ ގޮތަކަށް ބެއްލެވި އިރު، އެކަމެއް ކުރާ ކަމަށް މިވީ ރަށުގައި ހަތަރު މަސް އޮޑި ދުއްވައި، މަސް ކައްކައި، ވަޅޯކޮށް، ހިއްކައި، ފައްލަވަކޮށް، މާލެ ފޮނުވައި، ރަށުގައި ބޮޑު ފިހާރަޔެއްވެސް ހިންގާ މުއްސަނދި ޢަބްދުއްރަޙްމާނުގެ ހަގު ސޮރަށެވެ. އެކަން ކުރަނީ އެ ސޮރުގެ ފަހަތުގައި ކަންފަސޭހަޔަށް އުޅޭ ޒާތުގެ ހައެއްކަ ކުދީންނާ އެކީ ވަލަށް ވަދެލައި އުޅޭއިރު މަޖަލަކަށް ކަމަށް ވިއެވެ. ބޮޑުކަތީބު އެސޮރު ގެންނަވައިގެން ނަސޭހަތް ދެއްވައިފައި އެއްފަހަރެއް ކަމަށް ދޫކޮށްލެއްވީ އިސްވެ ދެންނެވި މަޞްލަޙަތަށްޓަކައި ކަމަށް ވިޔަސް، މިދެންނެވި 'އެއްފަހަރެއް ކަމަށް ދޫކޮށްލެއްވުން' އެއީ އެސޮރާ ބޮޑުކަތީބާ ދެމެދު މަހަކު ދެތިން ހަތަރު ފަހަރު ކުރެވޭ ޢާންމު މުޢާމަލާތަކަށް ވީމާ، މީހަކު އަދި އެއްޗެއް ނުބުންޏަސް، ރައިވެރިބޭ ހުންނަނީ ކުޑަކޮށް ހިތްހަމަނުޖެހިފައޭ ބުނެލާ މީހުން ވެސް އުޅުނޯލައެވެ.

ދެކުނު އަވަށު އެދުރުދައިތަގެ ދޮށީ ދަރިފުޅު މާލޭގައި ކިޔަވަން ހުންނާތީ އޭނާޔަށް ގަވައިދުން ކަނަމަދު ފޮނުވަން ކަމަށް ދައިތާ ކޮންމެ ދުވަހަކު ހެނދުނު ވަލަށް ވަދެ ހޮވައިގެން ގެނެސް ގޭ ގޯތިތެރޭ ވަކި ހިސާބެއްގައި ފުނިޖަހައިފައި ބަހައްޓައިގެން ގަވައިދުން ފަޅައި އުޅުނު އޮއްކެޔޮ ފުނީގައި ކޮންމެވެސް ބަޔަކު ރޯކޮށްލި ފަހަރު އެކަންވެސް ދިޔައީ ހަމަ އެމަގުންނެވެ. ކުޑަކަތީބުގެ އާދަނުގެ ގޮއްޔެ އެދުރުދައިތަ ގާތު މަދު ދަޅެއް ދޭށޭ ބުނީމައި، އޮއްކެޔޮ ފެޅުމަކީ ދައިތާ ދަރިޔަށް ފޮނުވަން ވަރަށް މަސައްކަތުން މަހަކު މެދުވަރެއްގެ ދަޅެއް ނޫނީ ނުލިބޭ މަސައްކަތެކޭ ބުނިއްޔޯލައެވެ. ބޮޑުކަތީބަށް މައްސަލަ ހުށައެޅީމައި ގޯސްވީ އެދުރު ދައިތައެވެ. ރޯކުރި ވަކި މީހަކު ސާބިތު ނުވަނީސް ކުޑަކަތީބުގެ ކާފަދަރިޔެއްގެ އަބުރަށް އެދުރުދައިތަ އެރި ކަމަށް ނިންމެވީއެވެ. ރޯކުރި މީހަކު ހޯއްދަވާކަށް ނުއުޅުއްވިއެވެ. އެ ގޮއްޔެއަށް ދައިތަ ފެންނަ ކޮންމެ ފަހަރަކު މަލާމާތުގެ ހިންޏަކުން ހީ އުޅުނު ކަމަށް ވެއެވެ.

އެދުރުދައިތަޔަކީ މާލޭގެ ބޮޑެތިބޮޑެތި ބައެއް ބޭބޭފުޅުން އަރިހުގައި ބަސް ދެންނެވޭ ވަރުގެ މީހަކަށް ވީތީ، މި ދެންނެވި މަލާމާތަށް ކެތްނުވެގެން ދައިތާ އެވާހަކަ މާލެޔާ ހަމަޔަށް އުފުލިއެވެ. އަަދި ނަންނެތްފުށީގައި ހިނގައި ދިޔަ މިކަހަލަ ދެތިން ކަމެއްގެ ވާހަކަޔާވެސް އެކު، ކޮންމެވެސް ބޭފުޅަކު އެވާހަކަ ރަދުންގެ ކަންފަތްޕުޅަށް އަރުވައިފިއެވެ.

ރަދުންނަކީ އެމަނިކުފާނުންގެ އަމުރުމަޢުރޫފުގެ ދަށުގައިވާ އެންމެހައި ތަންތަނާމެދު ޢަދުލު އިންޞާފުގެ ނަޡަކުން ބައްލަވާ ބޭފުޅަކަށް ވާތީ، ނަންނެތްފުށީގައި ކަންކަން ހިނގާ ނުހިނގާ ގޮތް ބައްލަވަން ކަމުވޮށިގެންވާ ބޭކަލަކު ފޮނުއްވިއެވެ.

ރަދުން ފޮނުއްވި އެ ބޭކަލަކު ނަންނެތްފުއްޓަށް ދުރުވެ، އެ ބޭކަލަކު ބައްލަވަންވާ ކަންތައްތަކެއް ބައްލަވައި، އައްސަވަންވާ އަޑުތަކެއް އައްސަވައި، ދެންވެސް ކުރައްވަންވާ ކަންތައްތަކެއް ކުރެއްވުމަށްފަހު ނިންމެވީ، ރަށުގެ ބޮޑުކަތީބާ މެދު ރައްޔިތު އެންމެން ދެކޭ ގޮތެއް ބެއްލެވުމަށްފަހު މެނުވީ އެ ބޭކަލަކަށް ފެނިލެއްވި ގޮތަކަށް ޢަމަލު ނުކުރައްވާށެވެ.

ނަންނެތްފުއްޓަށް ރަދުން ފޮނުއްވީ ވަރަށް ބޮޑު ޙިކުމަތްތެރިޔެކެވެ. ޙިކުމަތުގެ މަގުގައި އޭނާޔަށް ހުންނެވުނީ ބޮޑުކަތީބަށް ވުރެވެސް ކުރިޔަށް ނިކުމެ ލެއްވިފައި ކަމަށް ވެއެވެ. އެހެންކަމުންތާއޭ، ބޮޑުކަތީބާ މެދު ރަށުގެ އެއްވެސް މީހަކާ ސުވާލެއް ނުކުރައްވައި، އޭނާ ނިންމެވީ ވަރަށް ޙިކުމަތްތެރި ގޮތަކަށް ބޮޑުކަތީބުގެ މަޤްބޫލު ކަން ހުރިނެތް ގޮތެއް ހަމަ އެންމެ ރެއެއްގެ ޙަރަކާތަކުން ބައްލަވާށެވެ. އެހެންކަމާއެކު، ރަށުގެ ރައްޔިތުންކުރެ ބާލިޣުވެފައި ތިބި އެންމެންގެ ތެރެއިން ރަށުގައި ހިނގާ އެއްވެސް ކަމަކާ މެދު ޝަކުވާއެއް އޮތް މީހަކު ހުރިނަމަ،  ހުކުރުވިލޭރޭ ޢިޝާ ނަމާދުން ފައިބައިގެން ހުކުރުމިސްކިތު ހަރިންމަޔަށް ވަންނަން ހުންނަ މައި ދޮރޯށި ކައިރިން އޭނާޔާ ބައްދަލު ކުރައްވަން މުޅި ރަށަށް އިޢުލާނު ކުރެއްވީއެވެ.

ހުކުރު ވިލޭރޭ އެ ބުނުއްވި ގަޑިޔަށް އެއްވެސް މީހަކު މައްސަލަޔަކައިގެން ހާޒިރެއް ނުވިއެވެ. އެދުރުދައިތަ ގާތު ދާންވީ ނޫންހޭ ސިއްރުސިއްރުން ބުނި މީހާ ގާތު އޭނާ ބުނީ، އޭރުން ވާނީ އިތުރު ފަޟީޙަތެކޭ، އެއްވެސް ކަމެއް ރަނގަޅެއް ނުވާނެޔޭއެވެ. ރައިވެރިބޭ ރުކަށް އަރާ ވާހަކަ ދެއްކީމާ އެއްކަލަ ސޮރާއި އެސޮރުގެ އަޢުވާނުން އޭނާޔަށް ޖެއްސުން ކޮށްކޮށް އެކަމަށް ކެތް ނުވެގެން އޭނާ ރަށް ދޫކޮށް ދިޔަތާ އެތައް ދުވަހެއް ވެއްޖެއެވެ. ތިމާގެ ބަޔަކު ތިބި އެހެން ރަށަކަށް ހިޖުރަ ކުރިތާ ދެތިންހަތަރު މަހެއްހައި ދުވަސް ވެއްޖެއެވެ. ދެން ތިބި މީހުން ތިބީ 'ވާހަަކަ ދެއްކީމާ އިވޭނީ އަޑޭ، ދެރަ މީހާޔަށް ދެރަ ގޮތޭ، މޮޅު މީހާޔަށް މޮޅު ގޮތޭ، އެނޫން ގޮތަކަށް ވާނެ ކަމެއް ހަރާމުން ހަރާމޭ' އެއީ ދިރިއުޅުމުގެ މޮޓޯޔަކަށް ހަދައިގެނެވެ.

ކޮންމެޔަކަސް، ރަދުން ފޮނުއްވި އެ ބޭކަލަކު މާލެ ދުރުވެ ރަދުންނަށް ދެންނެވީ ނަންނެތްފުށީގެ އެންމެހައި ކަމެއްގެ ދުޅަހެއު ކަމުގެ ވާހަކައެވެ. ކިޔަވަން މާލެ ފައިބައިހުރި، އެދުރުދައިތަގެ ދަރިފުޅު ނިންމީ ދުވަހަކުވެސް ރަށަށް ނުދާށެވެެ. މަންމަވެސް މާލެ ގެންނާށެވެ. ރަށުގައި ދެން ތިބި މީހުންގެވެސް އެންމެ ބޮޑު އުންމީދަކީ ރަށް ދޫކޮށް އެހެން ތަންތަނަށް ދިޔުމެވެ. ބޮޑުކަތީބުގެ ޙިކުމަތު ޢަމަލީގެ ފެތުރިފައިވާ ހިޔަލުގެ ދަށުން ނިކުތުމެވެ.

ޒަމާނަކީ ފާޑެއްގެ އެއްޗެކެވެ. މިދެންނެވި ކަންކަން ހިނގައި ދިޔަތާ އަދި މިވީ ހަމަ ކުޑަ ދުވަސްކޮޅެކެވެ. ރާއްޖެޔަކު މިހާރަކު ރަސްކަމެއް ނެތެވެ. ރަދުންނެއް ވެސް ނެތެވެ. ބޮޑުކަތީބެއް ވެސް ނެތެވެ. ނަންނެތްފުށި ވެސް މިހާރު އެ އޮތީ ދިވެއްސެއްގެ ނަމުގައި ބޭރު ބަޔަކު ރިސޯޓު ހިންގަން ފުރަތަމަ ވިއްސަކަށް އަހަރަށް، އަދި ފަހުން އޮނަސައްތަ އަހަރަށް ދޫކޮށްފައި އޮތް ފަޅުރަށެއްގެ ގޮތުގައެވެ. ކަތީބުގެޔެއް، ވާރުގެޔެއް، މަކުތަބެއް، ކާޑުގެޔެއް، އޮޑިހަރުގެޔެއް، މިކަހަލަ އެއްވެސް ތަނެއް ނެތެވެ. އިހުގެ އާސާރީ ތަނެއްގެ ގޮތުގައި ރަށުގެ މުސްކުޅި ހުކުރު މިސްކިތް ބަހައްޓައިފައި އެބަހުއްޓެވެ. މިކަހަލަ ކަންކަމުން ފިލާވަޅު ލިބިގަތުމީ ދުރުވިސްނޭ މީހުންގެ މައްޗަށް ލާޒިމުވާ ކަމެކޭ ބުނަމުންނެވެ.