Support Us

ހުރުމުޒު މައްސަލައިގައި އީރާނާއެކު ޑީލެއް ހެދުން ކައިރިވެއްޖެ: އެމެރިކާ

ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުމާމެދު އީރާނާއެކު ޑީލެއް ހެދުން ކައިރިވެއްޖެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ފޮޓޯ) އިއްޔެ ވިދާޅުވީ އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުންތަކުގެ ތެރެއިން އެއް ކަމަކީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު މެނޭޖްކުރާނެ ގޮތް ކަމަށެވެ. މި ކަމާ ގުޅޭ ގޮތުން އުމާނާއެކު އީރާނުން ކުރިއަށްގެންދާ މަޝްވަރާތަކުގައި އެމެރިކާއިން ވެސް ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވާހަކަތަކަށް ލިބުނު ކުރިއެރުން ރަނގަޅު. އެކަމަކު އަދި އިތުރަށް މަޝްވަރާކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހުރުމުޒު މައްސަލައިގައި "އީރާނާއެކު ބާއްވަމުންދާ މަޝްވަރާތައް ވަރަށް ރަނގަޅު" ކަމަށެވެ.

އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ ހުރުމުޒު މައްސަލައިގައި އީރާނާއެކު ހަދާ ޑީލުގައި މިއަދު ވެސް ސޮއިކުރުން އެކަށީގެންވާ ކަމަށެވެ.

އީރާނުން ބުނީ ހުރުމުޒާ ބެހޭ ގޮތުން އެމެރިކާ އާއި އީރާނުން ސީދާ ވާހަކަތަކެއް ނުބާއްވާ ކަމަށެވެ. ނަމަވެސް އީރާނުން ވާހަކަތައް ކުރިއަށްގެންދަނީ އުމާނާއެކު ކަމަށެވެ.

އީރާނުން ބުނީ އުމާނާއެކު ކުރިއަށްދާ ވާހަކަތައް ރަނގަޅު ކަމަށާއި ހުރުމުޒު މައްސަލައިގައި އީރާންގެ ސިޔާދަތާއި ސަލާމަތްތެރިކަމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެމެން އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންވަނީ އަހަރެމެން ޓެންޝަނަށް ދުއްވައިނުލައި އަދި އަހަރެމެންނަށް ބިރުނުދައްކާ ހާލަތުގައި،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޝީ ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 79 ޑޮލަރު (1،218ރ.)ގައި ހުރެފައި މިއަދު ހުރީ 80 ޑޮލަރި (1،233ރ.)އަށް މައްޗަށް ޖެހިފައެވެ. ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޖޫންގައި ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ ހުރުމުޒުން އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް އީރާނުން ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *