"ކަޅުބިލަ މަސް ސޭންޑްވިޗެއް ވެސް ލިބެނީ 10 ޑޮލަރަށް. އެއީ ކީއްވެ؟"
ގާތްގަނޑަކަށް 154ރ. އަށް ކަޅުބިލަ މަސް ސޭންޑްވިޗް ހުރުމުން ބްރަހިމް ތިން ދުވަސް ވަންދެން ހުރީ ހަމައެކަނި ފެން ބޮއިގެންނެވެ.
"އަހަރެމެން އައީ ކުރިއެރުން ހޯދަން. މޮޔަ ހެދޭކަށް ނޫން،" އޭނާ ބުންޏެވެ.
ބްރަހިމް ފަދައިން ޖެހިގެން އޮތް ގައުމަށް އޭނާގެ ގައުމުގެ އެހެން މީހުން ވެސް ދިޔައީ ވަޒީފާ އާއި އާއިލާ ދޫކޮށްލުމަށްފަހުއެވެ. އެއީ ކީއްވެ ހެއްޔެވެ؟
މީގެ ހަފުތާއެއް ކުރިން ސޯޝަލް މީޑިއާގައި ނުރަނގަޅު މެސެޖްތަކެއް ފެތުރުނީއެވެ. ޓިކްޓޮކާއި އިންސްޓަގްރާމާއި ވަޓްސްއެޕުން ލިބުނު މެސެޖްތަކުގައި ބުނީ ޖެހިގެން އޮތް ގައުމުން ބޯޑަރު ހުރަސްތައް ލުއިކޮށްލި ކަމަށެވެ. އަދި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެއްޖެ ކަމަށާއި ރައްޔިތުކަން ވެސް ދޭން ފަށައިފި ކަމަށެވެ.
ބްރަހިމްއަކީ ބޭކަރީއެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ވެސް ޖެހިގެން އޮތް ގައުމަށް ދިޔައީ އޭނާގެ ގައުމުގެ އެތައް ހާސް މީހުން ޖެހިގެން އޮތް ގައުމަށް ހުރަސްކުރި އެތައް ކްލިޕްތައް ސޯޝަލް މީޑިއާއިން ބެލުމަށްފަހުއެވެ.
ހުވަފެން ވީ ބިލާހަކަށް؟
މޮރޮކޯގެ އުތުރު ބޯޑަރުގައި އޮންނަ އަމިއްލަ ވެރިކަމެއް ހިންގާ ސްޕެއިންގެ ބިމެއް ކަމަށްވާ ސެއުޓާއަށް މި ހަފުތާގައި 60،000 ހިޖުރަވެރިން ދިޔަ ހާދިސާގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 72 މީހުން މަރުވެއްޖެއެވެ.
މޮރޮކޯގެ ގިނަ ޒުވާނުންތަކެއް ކަނޑުމަގުންނާއި އެހެނިހެން ވެސް ގޮތްގޮތުން ސެއުޓާއަށް ވަދެގަތީ މޮރޮކޯގެ އިގުތިސާދު އަޑިއަޅައިލައިފައިވާތީ އާއި ސްޕެއިންގެ ޒަރީއާއިން ޔޫރަޕަށް ވަދެ ރަނގަޅު ކުރިމަގެއް ހޯދުމުގެ ހުވަފެނުގައެވެ.
"އަހަރެން ހީކުރީ އެ ތަނުން ރަނގަޅު ކުރިމަގެއް ލިބޭނެ ކަމަށް. އެކަމަކު ސެއުޓާއިން އަހަރެންނަށް ލިބުނީ ހައިރާންކަން،" ބްރަހިމް ބުންޏެވެ.
އޭނާ ވަނީ މިހާރު އެނބުރި މޮރޮކޯއަށް ގޮސްފައެވެ. ނަމަވެސް މޮރޮކޯގެ 48،000 ހިޖުރަވެރިން މިހާރު އެނބުރި މޮރޮކޯއަށް ގޮސްފައިވިޔަސް އެނބުރި މޮރޮކޯއަށް ދާން ބޭނުންނުވާ އެތައް ހާސް ބަޔަކު އެބަތިއްބެވެ. އޭގެ ތެރޭގައި 5،000 ހިޖުރަވެރިން ތިބިއިރު 860 ކުޑަކުދިން ތިބީ އެކަނިހަށްޓަށް ބެލެނިވެރިޔަކު ނެތިފައެވެ. އެ އެންމެން ތިބީ ސެއުޓާގައި "ތާށި"ވެފައެވެ. ސަބަބަކީ ހިޖުރަވެރިންނާ ބެހޭ ސެންޓަރުތަކަށް ވަނުމަށް ފުލުހުން ތިބީ ހުރަސްއަޅައިގެންނެވެ.
ހިޖުރަ ކުރުމުގެ ފަސޭހަތަކެއް ނެތް
ސެއުޓާއަކީ އެފްރިކާގައި އޮންނަ ބިމަކަށްވާއިރު ސްޕެއިންގެ މައި ބިމާ ވަކިވެފައި އޮންނަނީ މެޑިޓެރޭނިއަން ކަނޑުންނެވެ. އަދި ސްޕެއިނަކީ ޔޫރަޕްގެ ޝެންގެން ސަރަހައްދަކަށްވާތީ ހިޖުރަކުރުމުގެ ފަސޭހަތަކެއް ނެތެވެ.
ސްޕެއިންގެ ރައްޔިތަކަށް ވުމަށް ވަކި އިޖުރާއަތްތަކެއް އޮންނައިރު ސްޕެއިނުން އެސައިލަމް ނުވަތަ ހިމާޔަތް ދެނީ ވެސް ވަކި ޝަރުތުތަކެއް ފުރިހަމަވުމުންނެވެ. މިހެންވެ، މޮރޮކޯއިން ހިޖުރަކުރި މީހުންނަށް އޮތީ، މޮރޮކޯއާ ސްޕެއިނުންވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހިޖުރަވެރިން މޮރޮކޯއަށް ޑިޕޯޓްކޮށްލުމެވެ.
އެހެންކަމުން މޮރޮކޯއަށް އަނބުރާ ނުދާން ތިބި މީހުން ތިބީ ތޮއްޖެހިފައިވާ މަރުކަޒުތަކެއްގައެވެ.
ސެއުޓާއަށް ހިޖުރަވެރިން ކުރި ދަތުރަކީ ވެސް ހިތްދަތި ދަތުރެކެވެ. ބައެއް މީހުން ވަނީ ކަނޑުން ފަތައިފައި ވަންނަނިކޮށް މަރުވެފައެވެ. އަނެއް ބަޔަކު ވަނީ އެއްގަމުގެ ބޯޑަރުގައި ތޮއްޖެހުމުގެ ސަބަބުން ފިތިގެން މަރުވެފައެވެ.
ސެއުޓާގެ އިތުރުން މޮރޮކޯގެ ބޯޑަރުގައި ސްޕެއިންގެ އެހެން ބިމެއް ވެސް އޮވެއެވެ. އެއީ މޮރޮކޯއިން އެ ގައުމުގެ ތަނެއް ކަމަށް ބުނާ މަލިލާއެވެ. ސެއުޓާ އާއި މަލިލާއަކީ ސްޕެއިންގެ ސަލާމަތަށް މުހިންމު ދެ ބިމުގެ އިތުރުން ޖިބްރޮލްޓާ ކަނޑުއޮޅީގެ ބާރު ސްޕެއިނަށް ލިއްބައިދޭ ދެ ބިމެވެ. އަދި މި ދެ ބިމަކީ ޔޫރަޕަށް މީހުން ހިޖުރަކުރުން މެނޭޖްކުރަން މުހިންމު ދެ ބިމެވެ.
ސްޕެއިންގެ ހިތްހަމަނުޖެހުން
މޮރޮކޯ މީހުން މި ހަފުތާގައި ސެއުޓާއަށް ވަދެގަތުމުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެސް އެ ކަން ކުށްވެރިކުރެއްވިއެވެ.
"ސެއުޓާއަށް އެހާ ގިނަ މީހުން ވަދެގަތުމުން މި ސިޓީ ވަނީ މެނޭޖްނުކުރެވޭ ހާލަތަކަށް ވެއްޓިފައި،" ސެއުޓާގެ ސަރަހައްދީ ރައީސް ހުއާން ސެސޫސް ބީބަސް ވިދާޅުވިއެވެ.
ސްޕެއިންގެ ހާރިޖީ ވަޒީރު ހޯސޭ މަނުއަލް އަލްބަރެސް ޔޫރަޕްގެ އިއްތިހާދަށް ގޮވައިލީ ސްޕެއިނަށް އެހީވުމަށެވެ. އެއީ މީގެ ކުރިން ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވި ހިޖުރަވެރިންގެ މައްސަލަތަކުގައި ސްޕެއިނުން އެ ގައުމުތަކަށް އެހީވި ފަދައިންނެވެ.
ހިޖުރަވެރިންގެ ވޭން އަލުން ފެންމަތިވުން
ސެއުޓާ ހާދިސާގެ ސަބަބުން ހިޖުރަވެރިންނާ ގުޅޭ ސިޔާސަތާއި ބޯޑަރުގެ ސެކިއުރިޓީ ފަދަ މައްސަލަތަކާމެދު ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް އަލުން ފެންމަތިވެއްޖެއެވެ. އަދި ވަކިން ހާއްސަކޮށް ސެއުޓާއަކީ ރައްކާތެރި ކުރިމަގަކަށް އެންމެ ކައިރީގައި އޮތް ދޮރޯށި ކަމަށް އަދިވެސް ދެކޭ ގޮތްހުސްވެފައިވާ ހިޖުރަވެރިންގެ ވޭނީ ހާލަތް އަނެއްކާވެސް މިހާރު މި ވަނީ މުޅި ދުނިޔެއަށް ހާމަވެފައެވެ.
ސެއުޓާއަށް މި ހަފުތާގައި ވަދެގަތީ ހަމައެކަނި މޮރޮކޯގެ ބްރަހިމް ފަދަ ޒުވާނުން އެކަންޏެއް ނޫނެވެ. ސޫދާންގެ އުމުރުން 43 އަހަރުގެ މީހެއް ކަމަށްވާ މުހައްމަދު އަހްމަދު ބުނީ އޭނާ އާއި އެހެން ހިޖުރަވެރިންތަކެއް ބޯޑަރު ކައިރިއަށް ލޮރީއަކުން ގެނެސްދިން ކަމަށާއި ސުއެޓާއަށް އޭނާ އެރީ ހަތަރު ގަޑިއިރު ފަތައިފައި ކަމަށެވެ.
އަހްމަދު ބުނީ ހިޖުރަވެރިންނާ ބެހޭ މަރުކަޒަކަށް ދިއުމަށް ސެއުޓާގެ ފުލުހުން އޭނާގެ ގްރޫޕަށް ހުރަސް އަޅައިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސްޕެއިން ދޫކޮށް ނުދާނެ ކަމަށް ބުންޏެވެ.
"އަހަރެން އެނބުރި ސޫދާނަކަށް ނުދާނަން. އެއީ، ޔޫރަޕަށް ހިޖުރަކުރަން މަސައްކަތްކުރުމުގައި އަހަރެން މަރުވިޔަސްމެ،" އަހްމަދު ބުންޏެވެ.



advertisment