ގައްޒާ ހިންގާ ހަމާސްއިން ހުރިހާ ހަތިޔާރުތަކާއި ހޮހަޅަތައް ވެސް ދޫކޮށްލަންދެން އިސްރާއީލު ސިފައިން ގައްޒާގައި ތިބޭނެ ކަމަށް ގައްޒާ އާރާސްތުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީގައި އުފެއްދެވި ސުލްހައިގެ ބޯޑުން ބުނެފިއެވެ.
ބޯޑުގެ ޑިރެކްޓަރު ޖެނެރަލް ނީކޮލޭ މްލަޑެނޮފް (ފޮޓޯ) މިހެން ބުނީ ހުޅަނގު ގުދުސްގައި އިއްޔެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރުމަށްފަހުއެވެ.
މްލަޑެނޮފް ބުނީ މަރުހަލާތަކަކަށް ބަހައިލައިގެން އިސްރާއީލު ސިފައިން ގައްޒާއިން ފައިބާނީ ހަމާސްއިން ހުރިހާ ހަތިޔާރުތަކެއް ދޫކޮށްލައި ނިމުމުން ކަމަށެވެ.
"ކުރިއަށްގެންދާނެ ގޮތް ސާފު: ފުރަތަމަ ހަމާސްއަށް ޖެހޭނީ ހުރިހާ ހަތިޔާރުތަކެއް ދޫކޮށްލަން. އިސްރާއީލު ސިފައިން އެއްކޮށް ގައްޒާއިން ފައިބާނީ އެއަށްފަހު،" އޭނާ ބުންޏެވެ.
ނަތަންޔާހޫ ބުނީ އޭނާ ވެސް އެ ގޮތާ ރުހޭ ކަމަށެވެ.
"އިސްރާއީލު ސިފައިންނަށް ގައްޒާ ދޫކޮށްލެވޭނީ ހަމާސްއިން ހުރިހާ ހަތިޔާރެއް ދޫކޮށްލުމުން،" އޭނާ ބުންޏެވެ.
ހަމާސްއިން މި ޝަރުތާ ދެކޮޅުހެދިއެވެ. އެ ޖަމާއަތުން ބުނީ ހަތިޔާރުތައް ދޫކޮށްލުން ކުރިއަށްގެންދަން ޖެހޭނީ އިސްރާއީލު ސިފައިން ގައްޒާއިން ފައިބަމުންދިޔުމާއި ގައްޒާ އާރާސްތުކުރުމުގެ މަސައްކަތާ އެކުއެކީގައި ކަމަށެވެ.



advertisment