Support Us

ހުރުމުޒު ކަނޑުއޮޅި އަދި މާކޯ ރުބިއޯ (ވަކި ފޮޓޯގައި)

ހުރުމުޒަކީ ބޭނުމެއް ނެތް ކަނޑުއޮޅިއަކަށް ހަދަން އެމެރިކާއިން ހުށަހަޅާ ހިޔާލު ކާމިޔާބު ވާނެބާ؟

ހުރުމުޒު ކަނޑުއޮޅިއާ ގުޅޭ ގޮތުން އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ އެންމެ ފަހުން ވިދާޅުވި ވިދާޅުވުމެއްގެ ސަބަބުން ދުނިޔޭގެ ހަކަތަ ދަތުރުކުރާ މަގުތަކުގެ ކުރިމަގާމެދު ބޮޑު ބަހުސެއް އުފެދިއްޖެއެވެ.

ފޮކްސް ނިއުސްއަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިޔުއެއްގައި ރުބިއޯ ހުށަހެޅުއްވީ، ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރި ހުރުމުޒު ކަނޑުއޮޅި އެއީ ބޭނުން ނެތް ތަނަކަށް ހަދައި، ތެޔޮ ދަތުރުކުރުން އެހެން މަގުތަކަށް ބަރޯސާ ކުރުމުގެ ހިޔާލެވެ.

އޭނާ ވިދާޅުވީ، ހުރުމުޒުގެ މައްޗަށް އޮތް ބާރު ދޫކޮށްލަން ދެކޮޅުހަދާ އީރާނަކީ ބިރެއް ކަމަށް ސަރަހައްދީ ގައުމުތަކަށް މިހާރު އެނގިއްޖެ ކަމަށެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ މާކެޓްތަކަށް ތެލާ ގުޅޭ އުފެއްދުންތައް ފޯރުކޮށްދިނުމަށް އާ މަގުތަކެއް ހޯދަން މަޖުބޫރުވެފައިވާ ކަމަށެވެ.

ނަމަވެސް އިގުތިސާދީ ތަޖުރިބާކާރުންނާއި ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރުދެނީ މެދުއިރުމަތީގެ ހަކަތައިގެ ޗާޓު އެހެން ގޮތަކަށް ކުރަހައިލުމުގައި ލޮޖިސްޓިކްސްގެ ގޮތުން ގިރާނުކުރެވޭނެ ކަންތައްތަކެއް ހުރި ކަމަށާއި ރައްކާތެރިކަން ނުވަތަ ސެކިއުރިޓީގެ ގޮތުން ވެސް ހުރަސްތަކެއް ހުރި ކަމަށެވެ.

ސްޓްރެޓެޖިކް ހިޔާލެއް، ކުރު މުއްދަތުގެ ހައްލެއް ނޫން

ރުބިއޯގެ ހިޔާލުގެ ބޮޑުކަން އަންދާޒާކުރާނަމަ ބަލައިލަން ޖެހެނީ ހުރުމުޒުން ދަތުރުކުރާ ވިޔަފާރީގެ އާދަޔާހިލާފު ފުޅާ ކަމަށެވެ. އެމެރިކާގެ ހަކަތައިގެ މައުލޫމާތާ ގުޅޭ އިދާރާ، ޔޫ.އެސް. އެނަޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (އީ.އައި.އޭ)ގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 24 މޭލު (39 ކިލޯމީޓަރު)ގެ ހަނިކަން ހުރި ހުރުމުޒުން ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާގެ ތެޔޮ ހަނގުރާމައިގެ ކުރިން ދަތުރުކުރިއެވެ. މިއީ ދުނިޔޭގެ ތެލާ ގުޅޭ އުފެއްދުންތަކުގެ 20 ޕަސެންޓެވެ.

އީ.އައި.އޭގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ލިކުއަފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ)ގެ ފަސްބައިކުޅަ އެއްބައި ވެސް ދަތުރުކުރީ ހުރުމުޒުންނެވެ. އެލް.އެން.ޖީގެ ބޮޑު ބައެއް އެކްސްޕޯޓް ކުރަނީ ގަތަރުންނެވެ.

އިގުތިސާދު ދިރާސާކުރާ އަހްމަދު އަބޫ ގަމަރު، ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލް ޖަޒީރާއަށް ބުނީ ރުބިއޯގެ ހިޔާލު ގުޅެނީ ދުރު ކުރިމަގެއްގެ ވިސްނުމަކާ ކަމަށެވެ. މިހާރުން މިހާރަށް ތަންފީޒު ކުރެވޭނެ އިގުތިސާދީ ރޭވުމެއް ނޫން ކަމަށެވެ. ހަކަތައިގެ މާކެޓުތައް ބިނާވަނީ ޑިމާންޑާއި ސަޕްލައިއަށް ކަމަށްވާތީ، ހުރުމުޒަށް އޮތް ބަރޯސާ ކިތައްމެ ކުޑަކޮށް ކުޑަކޮށްލަން ވިޔަސް އެހެން މަގުތައް ގާއިމުކުރަން އެތައް ދަހަރުތަކާއި އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް ބޭނުންވާނެ ކަމަށެވެ.

އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ނެޗުރަލް ގޭސްގެ ދާއިރާގައި ކަމަށް އަބޫ ގަމަރު ބުންޏެވެ. ސަބަބަކީ އެލް.އެން.ޖީ އެކްސްޕޯޓް ކުރުމުގެ ދާއިރާ ވަރަށް ބޮޑަށް ބުރަވެފައިވަނީ ހުރުމުޒަށް ކަމަށްވާތީއެވެ. އެލް.އެން.ޖީ ދާއިރާގައި ލިކުއަފެކްޝަން ޕްލާންޓްތަކާއި ހާއްސަ ޓޭންކަރުތަކާއި އަދި އެ ތަކެތި ބާލާ ބަނދަރުތައް ހިމެނެއެވެ.

އޭނާ އިންޒާރުދިން ގޮތުގައި ހުރުމުޒު ބަންދުކޮށްލައިފިނަމަ ޔޫރަޕާއި އޭޝިއާއަށް ޖެހޭނީ ގޭސް ލިބޭނެ އެހެން ސަޕްލައި މަގުތައް ހޯދުމަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާށެވެ. މި ކަމުގެ ސަބަބުން ތެލުގެ އަގު އެތައް ގުނައަކަށް ބޮޑުވާނެއެވެ. އަދި ނަތީޖާއަކަށް ވާނީ ދުނިޔޭގައި ތަކެތީގެ އަގު (އިންފްލޭޝަން) ބޮޑުވެ، މަރުކަޒީ ބޭންކްތަކަށް އޮޅުންބޮޅުންތަކަކާ ކުރިމަތިލާން ޖެހުމެވެ.

ތެޔޮހޮޅީގެ ބިލާހާއި ރަތް ކަނޑުގައި "ބަނދެވުން"

ރުބިއޯ ވިދާޅުވި ފަދަ ކުރިމަގަކަށް ދިއުމަށް މެދުއިރުމަތީގެ ތެޔޮ އުފައްދާ ގައުމުތަކުން ކުރިން ވަނީ ހުރުމުޒުގެ ބޭނުންނުކޮށް އެއްގަމުގައި ޕައިޕްލައިން ނުވަތަ ތެޔޮހޮޅިތަކެއް ހެދުމުގެ ހިޔާލު ވެސް ގެންގުޅެފައެވެ. މި ހިޔާލުން މިހާރު ފެންނަން ހުރި އެންމެ މުހިންމު އެއްޗަކީ ސައޫދީ އަރަބިއްޔާއިން އަޅައިފައިވާ "ޕެޓްރޮލައިން"ގެ ނަންދީފައިވާ އީސްޓް-ވެސްޓް ޕައިޕްލައިންއެވެ. އެއީ ސައޫދީގެ އަބްގައިގު ސިޓީގައި ހުންނަ ތެޔޮ ޕްރޮސެސްކުރާ މަރުކަޒުތަކުން ރަތް ކަނޑަށް ވާ ގޮތަށް އޮންނަ ސައޫދީގެ ޔަންބުއު ސިޓީގެ ބަނދަރާ ގުޅާލާ ތެޔޮހޮޅިއެވެ.

ހަނގުރާމައިގައި ލިބުނު ގެއްލުންތައް ދާދި ފަހުން މަރާމާތުކޮށްފައި މިހާރު ދުވާލަކު ގާތްގަނޑަކަށް ހަތް މިލިއަން ފީފާގެ ތެޔޮ އެ ޕައިޕްލައިނުން ޕަމްޕުކުރާ ކަމަށް ސައޫދީގެ ހަކަތައާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދިނެވެ.

މީގެ އިތުރުން ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ދަނީ އަބޫ ދާބީ ކްރޫޑް އޮއިލް ޕައިޕްލައިން ތެޔޮހޮޅި އޮޕަރޭޓް ކުރަމުންނެވެ. އެއީ، ހުރުމުޒު ބޭނުންނުކޮށް، އުމާން ކަނޑަށް ވާ ގޮތަށް އޮންނަ ޔޫ.އޭ.އީގެ ފުޖައިރާ ސިޓީއަށް ދުވާލަކު ގާތްގަނޑަކަށް 1.8 މިލިއަން ފީފާގެ ތެޔޮ ފޮނުވައިދީގެންނެވެ.

ކަން މިހެން އޮތަސް ތެޔޮ އުފައްދައި، އެ ބޭނުންކުރާ މީހުންނާ ހިސާބަށް އެ ފޮނުވައިދިނުމަށް ހުރުމުޒުގެ ބޭނުން ނުކޮށް ވާކަށް ކައިރި ކުރިމަގަކު ނެތެވެ. ސައޫދީ އާއި ޔޫ.އޭ.އީގެ ތެޔޮހޮޅިތައް ނުލައި ދެން ހުރި ޕައިޕްލައިންތަކުގެ އެންމެ މަތީ ކެޕެސިޓީއަކީ ދުވާލަކު އެންމެ ނުވަ މިލިއަން ފީފާގެ ތެޔޮ ފޮނުވުމެވެ. މިއީ ހުރުމުޒުން ދުވާލަކު ދަތުރުކުރާ 20 މިލިއަން ފީފާގެ ތެލާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.

އީ.އައި.އޭއިން ބުނީ ހުރުމުޒަށް ހުރަސްތަކެއް ކުރިމަތިވެއްޖެނަމަ، ސައޫދީ އާއި ޔޫ.އޭ.އީގެ ތެޔޮހޮޅިތަކަށް ވެސް އިތުރަށް ފޮނުވައިދެވޭނެ ކެޕެސިޓީއަކީ ދުވާލަކު 2.6 މިލިއަން ފީފާގެ ތެޔޮ ކަމަށެވެ. މިހެންވެ، ހުރުމުޒުގެ ބޭނުން ނުހިފައި، ތެޔޮ އުފައްދާ މައިގަނޑު އެހެން ގައުމުތައް ކަމަށްވާ ކުވައިތު، ގަތަރު އަދި އީރާގަށް ވެސް ތެޔޮ ބޭރު ކުރެވޭނީ ކިހިނެތްތޯ އަބޫ ގަމަރު ސުވާލު އުފެއްދިއެވެ.

ހުރުމުޒުން ދަތުރުކުރުމުގެ ބަދަލުގައި ރަތް ކަނޑަށް ބަދަލުކޮށްލުމަކީ ވެސް އަނެއްކާ ހަމަ މަޅިއެއްގައި ތާށިވުމެކެވެ. ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅި ބަރޯސާ ވަނީ ބާބުލްމަންދަބު ކަނޑުއޮޅި ހުޅުވިފައި އޮތުމުގެ މައްޗަށެވެ. އެއީ މުހިންމު އޭޝިއާގެ މާކެޓްތައް ކަމަށްވާ ޗައިނާ، ޖަޕާން އަދި އިންޑިއާ ފަދަ ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމަށެވެ. ނަމަވެސް ޔަންބުއުއަށް ތެޔޮ ފޮނުވުމުން އޭޝިއާއަށް ދާ ޓޭންކަރުތައް ހުށަހެޅެނީ، ޔަމަންގެ އީރާނުން ވާގިވެރިވާ، ދުނިޔެއިން ބަލައިގެންފައިނުވާ ހޫތީންގެ ބިރުދެއްކުންތަކަށެވެ.

އެއްގަމުގެ އަމާޒުފަތްގަނޑުތަކާއި އިންވެސްޓް ކުރުމަށް އޮތް ބިރުތައް

ކަނޑުގެ މަގުތައް ބޭނުންނުކޮށް އެއްގަމުގެ އިންފްރާސްޓްރަކްޗަރަށް ބަރޯސާވުމުގައި ވެސް ސަލާމަތީ ބޮޑެތި ރިސްކުތައް ވެއެވެ. އަލް ޖަޒީރާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މިނިވަންކޮށް ހަކަތައާ ބެހޭ ދިރާސާކުރާ ޖޯޖް ވޮލޮޝިން ފާހަގަކުރީ ތެޔޮހޮޅިތަކާއި ޕަމްޕުކުރާ މަރުކަޒުތަކަކީ އެ ހުރި ތަނުން ދުރަށް ނުގެންދެވޭނެ އަމާޒުފަތްގަނޑުތަކެއްކަމެވެ. ކުރިން ވެސް ފެނިފައިވާ ގޮތުން، މިއީ ޑްރޯނާއި މިސައިލުން ހަމަލާދެވޭނެ ތަކެއްޗާއި ތަންތަނެވެ.

ކަނޑު މަގުތައް ދޫކޮށްލުމުން ވާ ހަމައެކަނި ގޮތަކީ ރިސްކުތައް އެއްގަމަށް ބަދަލުވެގެންދިއުމެވެ. އަބޫ ގަމަރު އިޝާރާތްކުރި ގޮތުގައި އެއްގަމުގެ ތެޔޮހޮޅިތަކާއި ކަނޑުން ދަތުރުކުރާ ޓޭންކަރުތައް އެތައް ހާސް ކިލޯމީޓަރު ދުރުގައި އޮތަސް އެ ތަންތަނަށާއި އެ ތަކެއްޗަށް ހަމަލާ ދިނުމަށް އީރާނަށް ފުރިހަމަ ގާބިލުކަން ލިބިގެންވެއެވެ. މި ފަދަ ބޮޑެތި އިންފްރާސްޓްރަކްޗަރު މަޝްރޫއުތަކަކީ މި ޒަމާނުގެ ޑްރޯން ހަމަލާތަކަށް ފަސޭހަ އަމާޒުފަތްގަނޑުތަކަކަށްވާތީ ދުނިޔޭގެ މައިގަނޑު ހަކަތަ ކުންފުނިތަކުން މި ފަދަ ނާޒުކު އެސެޓްތައް ގާއިމުކުރަން އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރަން ޖެހިލުންވެއެވެ.

އެހެންކަމުން، ހުރުމުޒަށް ބަރޯސާވެފައި އޮތްއޮތުމަށް ކޮންމެވެސް ވަރެއްގެ ނިމުމެއް ގެންނަން މަސައްކަތްކުރި ނަމަވެސް، ޖޯގްރަފީ ނުވަތަ ދުނިޔޭގެ ބިން އޮތް ގޮތަށް ބަލާނަމަ ހުރުމުޒު ކަނޑުއޮޅިއާ ފެއަށް ޖެހުމަކީ ދުނިޔޭގެ ހަކަތަ މާކެޓަށް މި ވަގުތު ވާސިލު ވެވެން ނެތް އަމާޒެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *