ދުނިޔޭގައި ތިންވަނައަށް އެންމެ ބޮޑަށް ތޮއްޖެހިފައިވާ އާބާދީއެއް އޮންނަ ގައުމު ކަމަށްވާ ސިންގަޕޫރުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު ގާތްގަނޑަކަށް އެއް މިލިއަންގައި ހިފެހެއްޓުމަށް ކުދި ކާރު ގެންގުޅުމުގެ ހުއްދަ ގާތްގަނޑަކަށް 100،000 ޑޮލަރު (1.54 މިލިއަން ރުފިޔާ)އަށް މި ދިޔަ މަހު ވަނީ އިތުރުކޮށްފައެވެ. ކާރު ގެންގުޅުމުގެ ހުއްދަ "ސަޓިފިކެޓް އޮފް އެންޓައިޓަލްމެންޓް" (ސީ.އޯ.އީ) ދެނީ ގަވައިދުން ނީލަމަށް ލައިގެންނެވެ. މި ޕާމިޓު ލިބުމުން ކާރު 10 އަހަރު ގެންގުޅެވެއެވެ. މި ފަހަރުގެ މި އަގާހުރެ، ދުނިޔޭގެ 18 ވަނައަށް އެންމެ ކުޑަ ގައުމު ކަމަށްވާ ސިންގަޕޫރު މިހާރު ވެފައިވަނީ ކާރެއް ގަތުމަށް ދުނިޔޭގެ އެންމެ އަގުބޮޑު ގައުމަށެވެ.
މަގުމަތި ތޮއްޖެހުމާއި ވައި ނުފާސުވުމުގެ މައްސަލަ ހައްލުކުރަން މި ފަދަ ފިޔަވަޅުތައް އަޅާ ސިންގަޕޫރަކީ 284 އަކަ މޭލުގެ ކުޑަ ގައުމެއް ކަމަށްވުމުން، އެ ގައުމުގެ ކޮންމެ ހިސާބަކަށް ވެސް އެއް ގަޑިއިރަށްވުރެ އަވަހަށް ދެވެއެވެ.
ކޮންމެ އަކަ މޭލަކަށް 21،500 މީހުންގެ އާބާދީ ޑެންސިޓީއެއް އޮތް ސިންގަޕޫރުގެ އާބާދީއަކީ މިހާރު 6.1 މިލިއަން ކަމަށްވެފައި ގައުމުގައި ގެންގުޅޭ އަމިއްލަ ކާރުގެ އަދަދަކީ 650،000 ކަމަށްވާތީ މީގެ މާނައަކީ ގާތްގަނޑަކަށް ކޮންމެ 10 މީހަކަށް ކާރެއް އޮންނަކަމެވެ.
"ކުދި ކާރުތައް ނުވަތަ އިންޖީނު ކެޕެސިޓީ 1.6 ލީޓަރަށްވުރެ ދަށް ކާރަށް ދޭ ޕާމިޓުގެ އަގުތައް ކޮވިޑްގެ ކުރިން އޮތް ވަރަށްވުރެ ހަތަރު ގުނަ ބޮޑު ވެއްޖެ. އަދި އެ އަގު ދަށްވަމުންނެއް ނުދޭ،" އޮފިޝަލަކު ބުންޏެވެ.
ޕާމިޓުގެ އަގު ބޮޑުވުމާމެދު ސިންގަޕޫރުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޖެފްރީ ސައު މި ދިޔަ މެއި މަހު ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވެފައިވަނީ އިލެކްޓްރިކް ކާރުގެ އަގު ހެޔޮ ވުމުން ޑިމާންޑް ބޮޑުވާތީ ކުދި އުޅަނދުތަކަށް ދޫކުރާ ޕާމިޓުތަކުގެ އަދަދު ނީލަމުގައި މަދުކުރަންޖެހުނީ ކަމަށެވެ.
ކާރު ގެންގުޅުމުގެ ޕާމިޓްގެ އަގު މި އަދަދަށް ބޮޑުކުރުމުން މީގެ މާނައަކީ މިއިން ޕާމިޓެއްގެ އަގު އެމެރިކާގައި ޓޮޔޯޓާ ކޮރަލާ މަރުކާގެ ހަތަރު ކާރުގެ އަގު ޖެހޭ ކަމެވެ.
ސީ.އޯ.އީ އާއި ޓެކްސްގެ އިތުރުން ރަޖިސްޓާ ކޮށްދޭ ފީ އެއްކޮށްލުމުން ސިންގަޕޫރުގައި މިހާރު ޓޮޔޯޓާ ކޮރަލާ ކާރެއް ލިބެނީ 139،000 ޑޮލަރު (2.14 މިލިއަން ރުފިޔާ)އަށެވެ. މިއީ ސަރުކާރުން ސަބްސިޑީ ދޭ ފްލެޓެއްގެ ފެށޭ އަގު ވެސް މެއެވެ. މެދުފަންތީގެ ގެބިސީއެއްގެ އަހަރީ އާމްދަނީއަކީ 116،444 ޑޮލަރު (1.8 މިލިއަން ރުފިޔާ)އެވެ.
ބޮޑެތި ކާރުތަކަށް ދޫކުރާ ޕާމިޓުގެ އަގު 100،000 ޑޮލަރު (1.54 މިލިއަން ރުފިޔާ)އަށް އެރީ އޮކްޓޫބަރު 2023 ގައެވެ. އެއިރު ކުދި ކާރުތަކުގެ ޕާމިޓުގެ އަގަކީ 77،500 ޑޮލަރު (1.19 މިލިއަން ރުފިޔާ)އެވެ. މި އަހަރުގެ ފުރަތަމަ ނީލަމުގައި ކުދި ކާރު ގެންގުޅުމުގެ ޕާމިޓެއް ދޫކުރީ 78،844 ޑޮލަރު (1.21 މިލިއަން ރުފިޔާ)އަށް ކަމަށްވާއިރު އެ އަގު ދިޔައީ މައްޗަށް އަރަމުންނެވެ.
ކާރު އުފައްދާ ބައިވަރު ކުންފުނިތަކުން ސިންގަޕޫރު މާކެޓަށް ހަދާ ކާރުތަކުގެ އިންޖީނު ޑިޓިއުންކުރެއެވެ. މާނައަކީ އިންޖީނުގެ ބާރު ދަށްކުރުމުން ސިންގަޕޫރުގައި އެ ފަދަ ކާރެއް ގެންގުޅުމަށް އަގުހެޔޮ ޕާމިޓެއް ގަތުމުގެ ފުރުސަތު ލިބެއެވެ.



advertisment