Support Us

ހުރުމުޒު ކަނޑުއޮޅީގައި އުޅަނދުތަކެއް

އުމާނުގެ ހުރުމުޒު ހުށަހެޅުމާ ދެކޮޅު ނަމަވެސް އީރާނުން މަޝްވަރާތައް ކުރިއަށްގެންދަނީ

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، ހުރުމުޒު ކަނޑުއޮޅި ގަލްފު ގައުމުތަކުން ގުޅިގެން ބެލެހެއްޓުމަށް އުމާނުން ހުށަހެޅި ހުށަހެޅުމާ އީރާނުން ދެކޮޅުހެދި ނަމަވެސް، އުމާނާއެކު އެ ކަމުގެ މަޝްވަރާތައް އަދިވެސް އެބަ ކުރިއަށްދެއެވެ.

ގަލްފު ގައުމުތަކުން ވެސް ތާއީދުކުރި އުމާނުގެ ހުށަހެޅުމުގައި ބުނެފައިވަނީ ހުރުމުޒުން ދަތުރުކުރުން ބަލަހައްޓާނީ ގަލްފު ގައުމުތަކުން ގުޅިގެން ކަމަށެވެ. އަދި ކަނޑުމަތީގެ ސަލާމަތީ އޮޕަރޭޝަންތަކަށް އުޅަނދުފަހަރުން އަމިއްލައަށް ބޭނުންވެގެން ފީއެއް ދެއްކިދާނެ ކަމަށެވެ.

އީރާނުން ބުނީ ހުރުމުޒުގެ މައިގަނޑު ބާރު އޮންނަން ޖެހޭނީ އީރާންގެ އަތުގައި ކަމަށެވެ.

"އުމާނުގެ ހުށަހެޅުން ކާމިޔާބުވުމުގެ ފުރުސަތެއް ނެތް. ނަމަވެސް އުމާނުން މި މައްސަލައިގައި މީޑިއޭޓްކޮށްދޭތީ އަހަރެމެން ހިތްހަމަޖެހޭ. އަހަރެމެން ބޭނުންވަނީ އުމާނާއެކު މަޝްވަރާތައް އަދިވެސް ކުރިއަށްގެންދަން،" އީރާންގެ އޮފިޝަލަކު ބުންޏެވެ.

އެމެރިކާއިން ބުނީ ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށާއި ވަކި ގައުމެއްގެ ބާރު އެ ތަނަށް ހިންގައިގެންނުވާނެ ކަމަށާއި ހުރިހާ ގައުމެއްގެ އުޅަނދުފަހަރަށް އެއްވެސް ޝަރުތެއް ނެތި ހިލޭ އެ ކަނޑުއޮޅި ހުރަސް ކުރެވެން ޖެހޭނެ ކަމަށެވެ.

އެމެރިކާ އާއި އީރާނުން ހަމަލާތަކެއް އިއްޔެ ބަދަލުކުރުމަށްފަހު ހަމަލާ ބަދަލުކުރުން މިއަދު ވަނީ ހުއްޓައިލައިފައެވެ.

ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް އީރާނުން މަރުވި މީހުންގެ އަދަދު 3،468 އަށް އަރައިފިއެވެ. އެމެރިކާގެ 14 ސިފައިން މަރުވެފައިވާއިރު، ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދިން ހަމަލާތަކުގައި މިހާތަނަށް 29 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 86 ޑޮލަރު (1،326ރ.)ގައި ހުރެފައި މިއަދު ހުރީ 85 ޑޮލަރު (1،310ރ.)އަށް ދަށަށް ގޮސްފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ ހުރުމުޒުން، އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *