Support Us

ދެ ގަޑިއިރު ސްނޯގެ ތެރޭގައި އޮވެގެން ދުނިޔޭގެ ރެކޯޑު މުގުރައިލައިފި

ދެ ގަޑިއިރަށްވުރެ ގިނަ ވަގުތު ސްނޯގެ ތެރޭގައި އޮވެގެން އެ ކަމުގެ ފިރިހެން ބައިން ޕޮލެންޑް މީހަކު ދުނިޔޭގެ ރެކޯޑު މުގުރައިލައިފިއެވެ.

އުމުރުން 41 އަހަރުގެ ޑެމިއަން ކަސްޕްޝިކް ރެކޯޑު މުގުރައިލީ ދެ ގަޑިއިރާއި 12 މިނެޓް އަދި 12 ސިކުންތު ސްނޯގެ ތެރޭގައި އޮވެގެން ފެބްރުއަރީ 21 ގައި ކަމަށް ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނެސްއިން މި ހަފުތާގައި އިއުލާން ކުރިއެވެ.

ރެކޯޑު ކުރިން އޮތީ ސްވިޓްޒަލެންޑްގެ އުމުރުން 25 އަހަރުގެ އެލައިއަސް މަޔާގެ އަތުގައެވެ. އެއީ ދެ ގަޑިއިރާއި ހަތް ސިކުންތު ވަންދަން 2024 ގެ އެޕްރިލް ދޭއްގައި ސްނޯގެ ތެރޭގައި އޮވެގެންނެވެ.

"ފިނިވުމަކީ އަހަރެން އެއްވެސް އިރެއްގައި ބިރުގަންނަ ކަމެއް ނޫން. އެހެނަސް މި ކަހަލަ ކަންކަމާ އަހަރެން ކުރިމަތިލަނީ ހިތްތިރިކަމާއެކު،" ފުރާނައަށް ނުރައްކާވާ ފަދަ މި ރެކޯޑު ގާއިމުކުރުމާމެދު ކަސްޕްޝިކް ބުންޏެވެ.

އޭނާގެ ރައްކަލަށްޓަކައި ސިއްހީ ޓީމަކުން ދިޔައީ އޭނާގެ ހަށިގަނޑު ވަގުތުން މޮނިޓަކުރަމުންނެވެ. އޭނާގެ މުޅި ގައި މައްޗަށް ސްނޯ އަޅައިފައިވާއިރު ސްނޯގެ ބޭރަށް އޮތީ ހަމައެކަނި އޭނާގެ ބޮލެވެ.

ކަސްޕްޝިކް ބުނީ އޭނާގެ މަގުސަދަކީ ހަމައެކަނި ދުނިޔޭގެ ރެކޯޑެއް މުގުރައިލުން ނޫން ކަމަށެވެ.

"އިންސާނާގެ ކެތްތެރިކަމާއި އަދި ގަދަ ފިންޏާ އަހަރެންނާ އޮތް ގުޅުން ވެސް އަހަރެން ބަލަން ބޭނުންވި،" އޭނާ ބުންޏެވެ.

ދެ ދަރިން ތިބޭ ކަސްޕްޝިކްގެ އަތުގައި ފިންޏާ ގުޅޭ އަދި އެހެން ރެކޯޑެއް ވެސް އޮވެއެވެ. އެއީ ގަނޑުފެނުގައި ފަސް ގަޑިއިރާއި އެއް މިނެޓު 33 ސިކުންތު އިނުމުގެ ރެކޯޑެކެވެ. މިއީ އަދި މާ ނުރައްކާތެރި ރެކޯޑެކެވެ. ސަބަބަކީ ސްނޯގެ ތެރޭގައި ވައި ހުންނައިރު ގަނޑުފެނުގައި ވައި ނުހުންނާތީ އޭނާގެ ހަމާއި ގަނޑުފެނާ ދޭތެރޭ އިތުރު އެއްވެސް ހުރަހެއް ނުހުންނާނެތީއެވެ.

ގަނޑުފެނުގައި އިނުމުގެ ކުރީގެ ރެކޯޑު އޮތީ ކަސްޕްޝިކަށް ތަމްރީން ދިން ޕޮލެންޑްގެ އުމުރުން 52 އަހަރުގެ ވަލެއަޔަން ރޮމަނޮވްފްސްކީގެ އަތުގައެވެ. އެއީ 2022 ގައި ތިން ގަޑިއިރާއި 28 ސިކުންތު ގަނޑުފެނުގައި އިނދެގެންނެވެ. ރޮމަނޮވްފްސްކީގެ ރެކޯޑަށްވުރެ ކަސްޕްޝިކްގެ ރެކޯޑު ދެ ގަޑިއިރު އިތުރެވެ.

ކަސްޕްޝިކް ބުނީ ގަދަ ފިނި ތަޖުރިބާކުރެވުމުން އޭނާއަށް ހަމަޖެހުން އިހްސާސް ކުރެވޭ ކަމަށެވެ. އަދި އޭނާއަށް ކެތްކުރެވޭ އިމަކީ ކޮބައިކަން ތަހުލީލުކޮށްލެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *