ގައްޒާ ހަނގުރާމަ ހުއްޓައިލަން، އެމެރިކާ މެދުވެރިވެގެން މި ދިޔަ އަހަރު އޮކްޓޫބަރުގައި، ގައްޒާ ހިންގާ ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރި ސީޒްފަޔާ ދަމަހައްޓަން ސައޫދީ އަރަބިއްޔާ އާއި އިޓަލީން އަނެއްކާވެސް ގޮވައިލައިފިއެވެ.
ދެ ގައުމުން މިހެން ބުނީ ސީޒްފަޔާއަށްފަހު ވެސް އިސްރާއީލުން ކޮންމެ ދުވަހަކުހެން ގައްޒާއަށް ހަމަލާދޭތީ ސީޒްފަޔާއަށްފަހު މިހާތަނަށް 1،207 މީހުން ޝަހީދުވެ، ގައްޒާގެ ދެ އަހަރު ވީ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 73،000 އަށްވުރެ އިތުރުވުމާ ގުޅިގެންނެވެ.
ދެ ގައުމުން ގުޅިގެން މިއަދު ސައޫދީގެ ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، މެދުއިރުމަތީގައި ފަލަސްތީންގެ މިނިވަން ވަކި ދައުލަތަކާއި އިސްރާއީލުގެ މިނިވަން ވަކި ދައުލަތެއް ގާއިމުކުރުމާ ގުޅޭ، ސައޫދީ، ނޯވޭ އަދި ޔޫރަޕް އިއްތިހާދުން 2024 ގައި އުފެއްދި ހަރަކާތުގެ ބައްދަލުވުމުގެ ހަވާސާގައި ސައޫދީގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާނުލްސައުދު އާއި އިޓަލީގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ޓަޔާނީ ބައްދަލުކުރެއްވި ކަމަށާއި ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރި ސީޒްފަޔާއަށް ސައޫދީ އާއި އިޓަލީން ތާއީދުކުރާކަމަށް އަނެއްކާވެސް ވިދާޅުވި ކަމަށެވެ.
"ދެ ވަޒީރުން ވަނީ ގައްޒާގެ ސީޒްފަޔާ ދެމެހެއްޓުމުގެ މުހިންމު ކަމަށް އަނެއްކާވެސް ތާއީދުކުރައްވައިފައި. ގައްޒާއަކީ ހަތިޔާރު ނެތް ތަނަކަށް ހަދައި، އިންސާނީ އެހީ ގައްޒާގެ ރަށްވެހިންނަށް ފުރިހަމައަށް ފޯރުކޮށްދިނުމަށް ތާއީދުކުރެއްވި. އަދި ގައްޒާ އާރާސްތުކުރުމުގެ ފުރަތަމަ ފިޔަވަޅުތަކާއި ހުޅަނގު އައްސޭރި ހިންގާ ފަލަސްތީން އޮތޯރިޓީގެ އިސްލާހުތަކަށް ވެސް ތާއީދުކުރެއްވި،" ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި ބުނީ ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވައިފައިވާ ޔަހޫދީން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ދެ ވަޒީރުން ކުށްވެރި ކުރެއްވި ކަމަށާއި ހުޅަނގު އައްސޭރީގެ ފަލަސްތީން އާބާދީ ރައްކާތެރި ކުރުމަކީ އަވަހަށް ކުރަން ޖެހޭ ކަމެއް ކަމަށް ދެ ވަޒީރުން ވިދާޅުވި ކަމަށެވެ.
"ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއް ކަމަށް ހަދައި، ފަލަސްތީން ރައްޔިތުން ގެދޮރުން ބޭރުކޮށްލުމާ ދެ ވަޒީރުން އަނެއްކާވެސް ދެކޮޅުހެއްދެވި،" ބަޔާނުގައި އިތުރަށް ބުންޏެވެ.



advertisment