Support Us

ލުބްނާނުގައި އިސްރާއީލުން ހިންގަނީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވެދާނެ: އދ.

ލުބްނާނުގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ ކަމަށް އދ.އިން ބުނެފިއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޮލްޓާ ޓާކް (ފޮޓޯ) އިއްޔެ ލުބްނާނުގެ ދެކުނު ސަރަހައްދަށް ކުރި ޒިޔާރަތުގައި ފާހަގަކުރީ ލުބްނާނުގެ ދެކުނު ސަރަހައްދަށް އިސްރާއީލުން ކެނޑިނޭޅި ވައިގެ ހަމަލާދޭކަމާއި ޝެލިން އާއި ގެދޮރު ނައްތައިލުން ކުރިއަށްގެންދާކަމެވެ. އެއީ، އެމެރިކާއިން މެދުވެރިވެގެން، ރަސްމީ ގުޅުމެއް ނެތް އިސްރާއީލާއި ލުބްނާނާ ދެމެދު ސީޒްފަޔާއެއް ގާއިމުކޮށްފައި އޮތަސް މެއެވެ.

"ބައިނަލްއަގުވާމީ ގާނޫނު މުގުރައިލައިފައިވާ ކަމަށް ބެލެވިދާނެ ހާލަތްތައް އަހަރެމެންނަށް ފެނުނު. އޭގެ ތެރެއިން ބައެއް އަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް ވެދާނެ،" ޓާކް ބުންޏެވެ.

އޭނާ ބުނީ ލުބްނާނުގެ ދެކުނު ސަރަހައްދުގެ މީހުން ތަހައްމަލު ކުރަމުންދާ ވޭނާއި މާޔޫސް ސާފުކޮށް ފެންނަން ހުރި ކަމަށެވެ. އަދި އެ މީހުން އިންސާފު ބޭނުންވާކަން ވެސް ފާޅުކޮށް އެނގުނު ކަމަށެވެ.

"އަހަރެންނަށް ފާހަގަކުރެވުނީ ފުޅާ ދާއިރާއެއްގައި ލުބްނާނުގެ ދެކުނު ސަރަހައްދު ސުންނާފަތިކޮށްލައިފައިވާ މަންޒަރު. އަދި ރައްޔިތުންނަށް ކުރިން ލިބިފައިވާ ވޭނުގެ މައްޗަށް އިތުރު ވޭންތައް ތަހައްމަލުކުރަމުންދާ މަންޒަރު،" ޓާކް ބުންޏެވެ.

އިސްރާއީލުން ބުނަމުންދަނީ އެ ގައުމުގެ ސިފައިން ލުބްނާނުގެ ދެކުނު ސަރަހައްދަށް ވަދެ ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނަކީ، އީރާނުން ވާގިވެރިވާ، ލުބްނާނުން ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލުގެ އުތުރު ސަރަހައްދަށް ދޭ ހަމަލާތައް ހުއްޓުވައިލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. އަދި ލުބްނާނުގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ދުރުކޮށް، ހިޒްބުﷲއިން ހުރިހާ ހަތިޔާރުތަކެއް ދޫކޮށްލަންދެން ލުބްނާނުގެ ދެކުނު ސަރަހައްދުން އިސްރާއީލު ސިފައިން ނުބާލާނެ ކަމަށެވެ.

ނޮވެމްބަރު 2024 ގައި ހިޒްބުﷲއާއެކު އިސްރާއީލު ގާއިމުކުރި، އިސްރާއީލުން އިހްތިރާމްނުކުރާ ސީޒްފަޔާއަށް އިހްތިރާމްކުރުން ހިޒްބުﷲއިން ހުއްޓައިލީ މި ދިޔަ މާޗް މަހުއެވެ. އެއީ މި ދިޔަ ފެބްރުއަރީގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ. އެއަށްފަހު އިސްރާއީލުން ލުބްނާނުގެ ދެކުނު ސަރަހައްދަށް ސިފައިން ފޮނުވައި، ހިޒްބުﷲއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށީއެވެ.

އަސްކަރީ އޮޕަރޭޝަންގައި ލުބްނާނުގެ 4،000 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އަދި 1.2 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. ސީޒްފަޔާ ގާއިމުކުރުމުން 400،000 މީހުން އެނބުރި ދިޔަ ނަމަވެސް ގެދޮރު ހަލާކުވެފައިވާތީ އާއި ވިލެޖްތަކުގެ ރައްކާތެރިކަން ގެއްލިފައިވާތީ އެތައް ހާސް ބަޔަކު އަދިވެސް ލުބްނާނުގެ ދެކުނު ސަރަހައްދަށް އެނބުރި ނުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *