Support Us

ހިސާބިއްޔާތާއި މުސްލިމުންގެ ދައުރު – 1

ހިސާބިއްޔާތު (މެތެމެޓިކްސް) އަކީ އެއަށް ޚާއްޞަ ޖާޒުބިއްޔަތެއް ލިބިފައިވާ ޖާދޫގަދަ އޮފުހުރި ޢިލްމެކެވެ. އެއީ ވިސްނުން ހޭލައްވާލައި، މަވާހިބުތައް  ތޫނުކޮށްދޭ، ސިކުނޑިތައް ބިނާކޮށް އާރާސްތުކޮށްދޭ ޢިލްމެކެވެ. ހިސާބިއްޔާތު މާއްދާއަކީ އިންސާނުން އެހެން ޢާލަމަކަށް ގެންގޮސްދިން، ހަވާއާއި ފަލަކާއި އިލެކްޓްރޯނިކްސްއާ ބެހޭ ދިރާސާތައް ބިނާކޮށް ދިން މާއްދާއެވެ.

ހިސާބިއްޔާތަކީ އޭގެ ތަރްކީބުގައި ސާލާނީ މާއްދާއެކެވެ. އޭގެ ހިމުންކަމަށާއި މަންޠިޤުގެ ބާރުގަދަ ކަމަށާއި، ވިލަރެސްކަމުގެ އާރަށް ބަލާއިރު، އެއީ އެހެން ހުރިހާ މާއްދާތަކަކާ ޚިލާފު މާއްދާއެކެވެ. ހިސާބީ ގޮތުން ސާބިތުކުރެވިފައިވާ ނަޒަރިއްޔާތުތަކަކީ ޔަޤީންކަމުގެ މަޤާމު ލިބިފައިވާ ނަޒަރިއްޔާތުތަކެކެވެ. ސަބަބަކީ އޭގެ ބިނާތައް މަންޠިޤުގެ މަތީގައި އާރާސްތު ކުރެވިފައިވާ ކަމެވެ.

މިއާ ޚިލާފަށް ޚަބަރީ ޢިލްމުތަކާއި ތަޖްރީބީ ޢިލްމުތަކަކީ ޙިއްސާއި ތަޞައްވުރުގެ ވަސީލަތުންނާއި، ކަން އޮތްގޮތުގެ ޙަޤީޤަތުގެ މަތީގައި ބިނާކުރެވޭ ޢިލްމުތަކެކެވެ.އެއީ އަބަދުވެސް ތެދަށާއި ދޮގަށް ހާސާވުންމަތީގައި އޮތް ނަޒަރިއްޔާތުތަކެކެވެ. އައު ނަޒަރިއްޔާތުތަކާއެކު ބައު ނަޒަރިއްޔާތުތައް ދޮގުވެގެން ދެއެވެ. މިސާލަކަށް ދަންނަވާނަމަ ލޮލަށް އެއްޗެހި ފެންނަގޮތާ ބެހޭ ގޮތުން ބޭނުންކުރި އިއްޔެގެ ނަޒަރިއްޔާތުތަކާ މިއަދުގެ ނަޒަރިއްޔާތުތައް ވަރަށް ތަފާތެވެ. މިއަދުގެ ނަޒަރިއްޔާތުން ކުރީގެ ނަޒަރިއްޔާތުވަނީ ދޮގުވެ ބާޠިލުވެފައެވެ. ހަމައެފަދައިން ކަރަންޓާ ބެހޭގޮތުން މިހާރު ބުނާގޮތާއި ކުރިން ބުނަމުން ދިޔަގޮތް ތަފާތެވެ. މިހެންވެ ހިސާބިއްޔާތަކީ "ޢިލްމުތަކުގެ ރާނީ" ކަމަށް ބުނެވެއެވެ. ތަޖްރީބީ ޢިލްމަށާއި ޚަބަރީ ޢިލްމުތަކަށް ބަލާއިރު އޭގެ ނަޒަރިއްޔާތުތަކަކީ ތަޞައްވުރުތަކެކެވެ. އެ އެއްޗެއްސަށް ވަނީ ޔަޤީނާ ހަމައަށް ވާޞިލުނުވެވިއެވެ. ހިސާބިއްޔާތުގައި ތެދު ދޮގެއް ނުކުރެވޭނެއެވެ. އަދި ދޮގު ތެދެއްވެސް  ނުމެކުރާނެއެވެ. ހިސާބިއްޔާތަށް ލިބިފައިވާ މިންގަނޑުތަކަކީ ރަނގަޅާއި ނުރަނގަޅުގެ މަތީގައިވާ މިންގަނޑުތަކެކެވެ. އިންސާނާއަށް ޙާޞިލުކުރެވިފައިވާ ތަރައްޤީއާއި ކުރިއެރުމަކީ ހިސާބީ އިސްތިންތާޖު (Mathematical induction) އާއި ތަޖްރީބީ ޢިލްމުތަކުގެ (ފިޒިކްސްއާއި ފަލަކީ ޢިލްމުފަދަ ޢިލްމުތަކުގެ) އަތުގުޅައިލުމެކެވެ.

ހިސާބިއްޔާތަކީ ޝައުޤުވެރި މާއްދާއެއް ކަމުގައިވިޔަސް އަދި އެ ޢިލްމު އުނގެނުމަށާއި ދިރާސާކުރުމަށް ނަފްސު ލެނބުނުކަމުގައި ވިޔަސް ވަރަށް ގިނަ ބަޔަކަށް އެ ޢިލްމުގައި ކުރިއަށް ދާން އުޅޭއިރު ފައި ކައްސާލައިތަން ފެނެއެވެ. އެކަމުގެ ސަބަބަކީ އެ ޢިލްމުގެ ޤަވާޢިދުތަކާއި އުޞޫލުތައް ދެނެގަތުމުގައި ކުރިއަށް ނުދެވުމެވެ. މިއީ އެ މާއްދާގެ އުނިކަމެއް ނޫނެވެ. އެހެނަސް އެއީ އަޅުގަނޑުމެންގެ އަމިއްލަ ޒާތުގެ ކަމެކެވެ. ޙިސާބިއްޔާތާ ގުޅުން ހުރި ޢިލްމުތައް (އެއީ ދީނީ ޢިލްމަކަށް ވިޔަސް ނުވަތަ ދުނިޔަވީ ޢިލްމަކަށް ވިޔަސް) އުނދަގޫ ވަނީ ދެނެގަތުމުގައި ހުންނަ ބުރަކަމެއްގެ ސަބަބުންނެވެ. ހިތުދަސްކުރުމަށް ސަމާލުކަން ދިނުމުގެ ސަބަބުންނެވެ.

ހިސާބިއްޔާތު ޢިލްމަކީ ކޮބާ؟

ހިސާބިއްޔާތު ޢިލްމުގެ ތާރީފާ ބެހޭގޮތުން ވަރަށް ގިނަ ތާރީފުތަކެއް ފެނެއެވެ. ހުޅަނގުގެ ޢުލޫމުތަކުގައި ހިސާބިއްޔާތުގެ ނަމަކީ މެތެމެޓިކްސް އެވެ. މި ނަން ނެގިފައިވަނީ ގްރީކު ބަހުގެ މެތެމަޓީކާ އިންނެވެ.ޢަރަބިބަހުން ކިޔަނީ (ރިޔާޟިއްޔާތު) އެވެ. ސިކުނޑިން (ބުއްދިއާއި ވިސްނުން) ކުޅޭ ކުޅިވަރުތަކެއް މި ޢިލްމުގައި ހިމެނޭތީ މި ނަން ދެވުނީ ކަމަށް ބެލެވެއެވެ.

  • ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ އިންސާނާގެ ބުއްދިއާއެކު ސީދާކޮށް ނުވަތަ ނުސީދާކޮށް މުޢާމަލާތުކުރާ (ކުރީގެ މަޢުލޫމާތުތައް ފަހުގެ މަޢުލޫމާތުގެ މައްޗަށް ބަރޯސާވާ) ބިނާތަކެކެވެ. މި ޢިލްމު އެކުލެވިގެންވަނީ ޢަދަދުތަކަކާއި ރަމްޒުތަކަކާއެކު މުޢާމަލާތު ކުރާ އަސާސުތަކަކާއި މަފްހޫމުތަކަކުންނެވެ. ހިސާބިއްޔާތު ދިރާސާކުރާ މީހާއަށް އެ ޢިލްމުގައި ލިބިފައިވާ ޤާބިލުކަން މިނާ މިންގަނޑަކީ އެކަށީގެންވާ ދަލީލުތަކުން (މަސްއަލަ) ޙައްލު ކުރަން އެނގުމެވެ.
  • ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ޢަދަދާއި ރަމްޒުތައް ބޭނުންކޮށްގެން މިންތަކާއި، ގުޅުންތައް ދިރާސާކުރުމެވެ. ހިސާބާއި، އަލްޖަބްރާއާއި، ޖޯމެޓްރީއާއި، ޓްރިގްނޮމެޓްރީއާއި ކަލްކިއުލަސްއަކީ ހިސާބިއްޔާތުގެ ގޮފިތަކެކެވެ.
  • ތިންވަނަ ބަޔަކު ބުނާގޮތުގައި ހިސާބިއްޔާތަކީ ފަންނެކެވެ. އެއީ ޢަމަލީ ޢިލްމެއްނޫނެވެ. މި ޢިލްމު ޢަމަލީ ވާނީ ފަލަކާއި ފިޒިކްސް ފަދަ ޢިލްމުތަކާ ގުޅުމުންނެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *