އެމެރިކާއިން އީރާނަށް ބިރުދެއްކުމާއި އީރާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނަމަ މުޅި މެދުއިރުމަތީގެ ހަމަޖެހުން ގެއްލުވައިލައިނެކަމަށް އީރާނުން އިންޒާރުދީފިއެވެ.
އެމެރިކާއާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދިޔަ އީރާންގެ ވަފުދުގެ ވެރިޔާ އަދި އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު އިއްޔެ ވިދާޅުވީ އީރާންގެ ސަލާމަތްތެރިކަން ނުރައްކަލަށް ހުށަހެޅިއްޖެނަމަ އީރާނުން ރައްދުދޭނެ ކަމަށެވެ.
"އަހަރެމެންނަށް ތެޔޮ ނުވިއްކޭ ސަރަހައްދެއްގައި އެހެން ބަޔަކަށް ވެސް ތެލެއް ނުވިއްކޭނެ. އަހަރެމެންގެ ސަލާމަތްތެރިކަން ކަށަވަރު ނުކުރެވޭނަމަ، އެއްވެސް އިންފްރާސްޓްރަކްޗަރެއް ސަލާމަތަކުން ނޯންނާނެ،" ގާލީބާފު (ފޮޓޯ) ވިދާޅުވިއެވެ.
އީރާނުން މި ގޮތަށް އިންޒާރުދިނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދީފިނަމަ އީރާންގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރުދެއްވުމުންނެވެ.
"ޑިޕްލޮމެސީގެ ދޮރު ޓްރަމްޕް އަބަދުވެސް ބަހައްޓަވަނީ ހުޅުވައިލައްވައިފައި. ނަމަވެސް ނަތީޖާއަކާ ކުރިމަތިނުލައި (ހުރުމުޒު) ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދިނުމަށް ފުރުސަތެއް ނުދެއްވާނެ،" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ މީޑިއާ ސެކްރެޓެރީ ކެއަރަލައިން ލެވިޓް ބުންޏެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ރޭ ބުނީ އެ ގައުމުގެ އަސްކަރީ އޮޕަރޭޝަންތަކަކީ ހުރުމުޒުން ދަތުރުކުރުމުގެ މިނިވަންކަން ހިފެހެއްޓުމާއި އީރާނުން އިތުރަށް ހަމަލާނުދޭނެކަން ޔަގީންކުރަން ހިންގާ އޮޕަރޭޝަންތަކެއް ކަމަށެވެ.
އެމެރިކާއިން އީރާނަށް ހަމަލާދޭތާ ޖެހިޖެހިގެން 12 ދުވަސްވީއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ އާއި މިއަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެއީ 92 ޑޮލަރު (1،418ރ.)ގައެވެ. ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ދާއިމީކޮށް ހުއްޓައިލައިނެ ގޮތެއް ކަނޑައަޅަން އެމެރިކާ އާއި އީރާނުން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާގައި ސޮއިކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.
ހަނގުރާމަ ފެށުމަށްފަހު ސީޒްފަޔާއެއް ގާއިމުކޮށްފައި އޮއްވައި، އީރާންގެ ގަވައިދުތަކާ ހިލާފަށް ހުރުމުޒުން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭތީ، އެމެރިކާއިން އީރާނަށް އަލުން ހަމަލާދޭން ފެށުމުން، ސުލްހައިގެ ފަހުމްނާމާ އެމެރިކާއިން މުގުރައިލީ ކަމަށް ބުނެ، އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުންވަނީ ބުނެފައެވެ.



advertisment