ލޮލުން ވަޠަނުގެ މިއަދު އޮހެނީ ނިކަން ހިތި ކަރުނަޔޭ ވޭނީ
ކޮލުން ގާދޫ ރަނގަޅު ގޮތްތައް ދިޔުމުގެ ހިތާމަޔޭ ކުރަނީ
އިހަށްމާޒީވެދިޔަ ތާނގައި ރޮނގުންޢިލްމީ ދަށަސް މީސްކޮޅު
މިހައިރަށްވުރެ ރިވެތި ޚުލުޤުން ޖަރީވެގެނޭ އެދުހު އުޅުނީ
ރިވެތި ޚުލުޤުން ޖަރީވެ ތިބެން ޖެހޭ ދީނަކު މިތާ އުޅުނަސް
ރިވެލިވެސް ޚުލުޤަކުން ނުފެނޭ ކިޔަސް ދީނަށް ކަމަށް އުޅެނީ
ތަފާތު އެތައް ޤަބީލާޔަށް ތަފާތު ގޮތާއި ކުލަކުލަޔަށް
ތަފާތު ކުރެއްވިޔަސް މީހުން ވުމަށް އެކުވެރި އަމުރުވެވުނީ
އެކަން ޙުޖުރާތު ސޫރަތު ތޭރަވަނަ އާޔަތު ބަޔާންވެ އޮތަސް
އެކަންދަނެ ބޯލަނބައި ކިޔަމަންވުމެއް އެއަމުރުފުޅަށް ނުވަނީ
އަދާވާތްތެރިއަކަށް ލިބުނަސް ލިބޭ ދެރަޔަށް އުފާ ނުކުރަން
ހަނދާންކޮށްދެއްވި ނަބަވީ ގިނަ ހަދީސްފުޅުތައް ނުވެސް ދެކެނީ
ލިޔާހައި ނޫހަކާ ފޭސްބުކް ނުވަތަ ޓިކްޓޮކްގެ މަންސަކުގައި
ޚިޔާލަށްވެސް ނުގެނެވޭހައި ހުތުރު ބަދުބަސްތަކޭ ލިޔަނީ
ނަމޫނާ ގައުމަކަށް އިސްލާން މިރާއްޖެ ހަދަންޖެހޭ ނަމަވެސް
ސަމޫދު، ސަދޫމު، ސިފަ ބިމުގައި މިތާނައި މޫލަމުންނެދަނީ
އެފަދަ ގައުމީ ރުކުންތައް މުގުރި ކުނޑިކުނޑިވެދާން ރުހިގެން
އެފަދަ ކަމަކާމެދަށް ވިސްނާ އެކަކުވެސް އަދު މިތާނުވަނީ
ނުހަނު ތޯހިރުވި ވާރޭފެން ވެހޭހިނދު މޫދު ލޮނުގަނޑަކަށް
ނުހަނު އަވަހަށް ލޮނަށް ވާހެން ޅަޖީލު ވެށިން ޚަރާބުވަނީ
ދިނަސް ވޯޓެއްނުދޭ ގައުމަށް ދެނީ ނަފަޔަށެ ލިބޭ ފަރުދީ
މިނަޒަރުން ވިސްނުމެއް އެކަކުގެ ކިބައިގައިވެސް މިއަދު ނުވަނީ
އެހެންވީމާ ނުރޮއި ކިހިނެއް؟ މިގައުމު އަރާމުގައި ނިދަނީ
ރެހެންދީން އިސްނަގައިގެންވެސް އެހީވާން ގައުމު އެދި ގޮވަނީ
