ތިލަފުށީ ބަނދަރުގެ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން މިއަދު ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން، އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ، 14.6 މީޓަރު ފުންމިނުގެ 375 މީޓަރު ދިގު ކީ-ވޯލެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ ފަސް މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެއެވެ.
މި މަޝްރޫޢުގެ ބޭނުމަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިއްމު އެތައް މައްސަލައަކަށް ހައްލުހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަޞީލަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދޭނެއެވެ.
"އެގޮތުން ދުނިޔޭގެ ބަނދަރު ހެދުމަށް ޤާބިލް ކުންފުންޏެއް ކަމަށްވާ، ސީ.އެޗް.އީ.ސީ އާއެކު ވެވުނު މި އެއްބަސްވުމަކީ ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި 11 ނޮވެމްބަރ 2027ގެ ނިޔަލަށް، ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެކެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.
"މީގެ އިތުރުން، މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް 1 ޖޫން 2026 ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކުރެވިފައެވެ. އެގޮތުން 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، ތިން ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުން ހިމެނެއެވެ. މި މަޝްރޫޢު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ ކީ-ވޯލްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަކޮށްގެން 2،000 މީޓަރަށް ވުރެން ދިގު ކީ-ވޯލް ހިމެނޭގޮތަށް ޑޮމެސްޓިކް ޓަރމިނަލްއެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ."
އެމް.ޕީ.އެލް އިން ބުނާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ހިންގުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ، މާލޭ ވިޔަފާރި ބަނދަރުގެ ބިމުގެ ޖާގައަށްވުރެ، 10 ގުނަ ބޮޑު ސަރަހައްދެކެވެ. އެހެންކަމުން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ބަނދަރުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
"މާލޭ ބަނދަރަށް އަންނަ ބައެއް ކޮންޓޭނަރު އުފުލާ އުޅަނދުތަކަކީ މަގަތު ފާލަމަށް ކައިރި ކުރެވޭޭވަރަށްވުރެ ބޮޑެތި އުޅަނދުތަކެވެ. މިފަދަ އުޅަނދުތަކުން މުދާ ބޭލުމާއި ބަރުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ އައުޓަރ އެންކަރޭޖްގައި ބާއްވައިގެންނެވެ. މިއީ، ވަރަށް ގިނަ ވަގުތު ހޭދަވާ އުނދަގޫ އަދި ޚަރަދު ބޮޑު އޮޕަރޭޝަނެކެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި، މާލޭ ވިޔަފާރި ބަނދަރުގެ ކީ-ވޯލްއަށް ވުރެ ތިން ގުނަ ދިގު އިންޓަރނޭޝަނަލް ކީ-ވޯލްއެއް 2027ގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ތަރައްޤީކުރެވޭނެއެވެ. އެހެންކަމުން މިހާރު މާލޭ ބަނދަރުގައި ކުރިއަށް ގެންދާ ކޮންޓޭނަރ ބޯޓުފަހަރުގެ އައުޓަރ އެންކަަރޭޖް އޮޕަރޭޝަންތައް ހުއްޓާލެވޭނެއެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.
"ކޮންޓޭނަރު އުފުލާ ބޯޓުފަހަރުތައް މުދާ ބާލާނީ، އެ އުޅަނދެއްގައި ހުންނަ ކެރޭން ބޭނުންކޮށްގެންނެވެ. މިގޮތަށް މި މަސައްކަތް ކުރާ އިރު ބޯޓުގެ ކެރޭނަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މުދާ ބޭލުމުގެ މަސައްކަތް ހުއްޓި، އޮޕަރޭޝަނަށް ބުރޫ އަރައެވެ. އެހެންނަމަވެސް ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަށް ގެންޓްރީ ކެރޭނާއި މޯބައިލް ހާބަރ ކެރޭން ފަދަ ކޮންޓޭނަރ ބޭލުމަށް ޚާއްސަ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިއީ މުދާ ބޭލުމުގައި މިހާރު ހޭދަވާ ވަގުތު ކުޑަކޮށް ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް މަތި ކުރެވޭނެ ބަދަލުތަކެކެވެ."
މިހާރު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކާގޯ ބޯޓުފަހަރަށް މުދާ އެރުވުމާއި ބޭލުމަށް ގާތްގަނޑަކަށް ހަތް ދުވަހުގެ މުއްދަތެއް ބަނދަރުގައި ހޭދަކުރި ނަމަވެސް، އައު ބަނދަރުގެ ޚިދުމަތް ފެށުމުން މިވަގުތު ގާތްގަނޑަކަށް ދެ ދުވަހުގެ މުއްދަތަށް ކުޑަވެގެންދާނެއެވެ. މިއީ މުދާ އެތެރެކުރާ ފަރާތްތަކާއި ޝިޕިންގ ލައިންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި މީގެއިތުރުން ބަނދަރުގެ ސަރަހައްދުން ޒަމާނީ ވެއަރހައުސްގެ ޚިދުމަތް ލިބި، ކޮންޓެއިނަރ ކްލިއަރަކުރުމުގެ އޮޕަރޭޝަންސްތައް ލުއިފަސޭހަވެގެންދާނެއެވެ.
"ތިލަފުށީ ބަނދަރުގައި ޤާއިމްކުރެވޭ ވަޞީލަތްތަކާއެކު، މިހާރު އަންނަ ބޯޓުފަހަރަށްވުރެ ބޮޑެތި ބޯޓު އަންނަން ފެށުމުން މުދަލުގެ ފްރައިޓް ކުޑަވެ، އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވުމަށް މަގު ފަހިވެގެންދާނެ ކަމެކެވެ."



advertisment

