ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީކޮށް ހުއްޓައިލާނެ ގޮތެއް ކަނޑައަޅަން އެމެރިކާއާއެކު އީރާނުން މި ދިޔަ މަހު ސޮއިކުރި ސުލްހައިގެ ފަހުމްނާމާއަށް އަމަލު ނުކުރާނެ ކަމަށް އީރާނުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އެމެރިކާއިން ކެނޑިނޭޅި އީރާނަށް ހަމަލާދޭތީ ސުލްހައިގެ ފަހުމްނާމާއަށް އަމަލު ނުކުރާނެ ކަމަށް އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ މި ދިޔަ ބުދަ ދުވަހު ނުރަސްމީކޮށް ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ސުލްހައިގެ ފަހުމްނާމާއާ އެމެރިކާއިން ހިލާފުވީ ކަމަށެވެ.
ސުލްހައިގެ ފަހުމްނާމާއަށް އަމަލު ނުކުރާނެ ކަމަށް އީރާނުން ރަސްމީކޮށް އިއުލާންކުރީ އިއްޔެއެވެ. އިއުލާން ކުރީ އީރާންގެ ހާރިޖީ ވަޒީރުގެ ނައިބު އަދި އެމެރިކާއާއެކު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އީރާންގެ ވަފުދުގެ އިސްވެރިޔާ ކަޒަމު ޣަރީބުއާބާދީ (ފޮޓޯ)އެވެ.
"ހަގީގަތުގައި، އަނެއް ފަރާތުން އިހްތިރާމް ނުކުރާ މުއާހަދާއެއްގައި ބަނދެވިގެން އީރާނަކަށް ނޯވެވޭނެ،" އޭނާ ބުންޏެވެ.
ސުލްހައިގެ ފަހުމްނާމާއަށް އަމަލު ނުކުރާނެ ސަބަބުތަކުގެ ތެރޭގައި އީރާނުން ފާހަގަކުރީ އެމެރިކާއިން ފުޅާ ދާއިރާއެއްގައި އީރާނަށް ވައިގެ މަގުން ހަމަލާދިނުމާއި އީރާންގެ ބަނދަރުތަކަށް އަލުން ހުރަސްއެޅުމާއި އީރާންގެ އިންފްރާސްޓްރަކްޗަރާއި އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން ފަދަ ކަންތައްތަކެވެ.
ދުނިޔޭގެ ބާޒާރު ހަފުތާބަންދަށް ބަންދުކޮށްލިއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 88 ޑޮލަރު (1،356ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއި ކުރުމުން 68 ޑޮލަރު (1،048ރ.)އަށް ދަށަށް ދިޔައެވެ.



advertisment