ސޫމާލިޔާގެ ކަނޑުފޭރޭ މީހުން ޔަމަންގެ ކައިރިން ތެޔޮ ޓޭންކަރެއް ހައިޖެކޮށްފިއެވެ.
ޔަމަންގެ ކޯސްޓްގާޑުން އިއްޔެ ބުނީ ޓެންޒޭނިޔާގައި ރަޖިސްޓްރީކޮށްފައިވާ "އަސާނާ" ހައިޖެކްކުރީ ޔަމަންގެ ހަޒްރަމައުތު ޕްރޮވިންސްގެ އައްސޭރިފަށުން 26 ނޯޓިކަލް މޭލު ކައިރިން ކަމަށެވެ.
މިއީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ޝިޕިން ރޫޓުތަކުގެ ތެރޭގައި ހިމެނޭ މި ރޫޓުން އުޅަނދުފަހަރު ހައިޖެކްކުރުން އިތުރުވެފައިވަނިކޮށް އަނެއްކާވެސް ހައިޖެކްކުރުމަށް އިތުރުވި ބޮޅެކެވެ.
އިނގިރޭސި ވިލާތުގެ ކަނޑުތަކާ ބެހޭ އިދާރާއިން ވަނީ "އަސާނާ"އަށް ހަތިޔާރުއެޅި ބަޔަކު އެރިކަން ކަށަވަރުކޮށްދީފައެވެ.
"އަސާނާ"އިން އެހީއަށް އެދި ގޮވައިލި ކޯލަށް ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންގެ އުޅަނދަކުން ޖަވާބުދިނެވެ.
"’ސޫމާލިޔާގެ ކަނޑުފޭރޭ މީހުން ވަނީ 'އަސާނާ' ހައިޖެކްކޮށްފައި. ކަންތައްތައް ވަމުންދާ ގޮތް މި ދަނީ މޮނިޓަކުރަމުން،" ޔަމަންގެ ކޯސްޓް ގާޑުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އިނގިރޭސި ވިލާތުގެ ކަނޑުމަގުގެ ވިޔަފާރީގެ އޮޕަރޭޝަންތަކާ ބެހޭ އިދާރާ، ޔުނައިޓަޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ)އިން ބުނީ "އަސާނާ"އަށް "ހަތިޔާރުއެޅި ގްރޫޕަކުން ހުއްދަ ނެތި އެރިކަމުގެ ރިޕޯޓްތަކެއް ލިބިފައިވާ" ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާއިރު ފަރުވާތެރިވުމަށް އުޅަނދުފަހަރަށް ގޮވައިލިއެވެ.
"އަސާނާ"އަށް ދިން ހަމަލާ އާއި އެ ތެޔޮ ޓޭންކަރު ހައިޖެކްކުރުން މި އައީ ދަހަރެއްހާ ދުވަހަށް ސޫމާލިޔާގެ ކަނޑުފޭރޭ މީހުންގެ ހަމަލާތައް މެދުކެނޑިފައިވަނިކޮށެވެ.
ސޫމާލިޔާގެ ކަނޑުފޭރޭ މީހުން 2005 އާއި 2012 އާ ދޭތެރޭ 1،000 އަށްވުރެ ގިނަ ފަހަރު އުޅަނދުފަހަރަށް ހަމަލާދީފައިވެއެވެ. ރެންސަމްތައް ނުވަތަ ފައިސާ ދެއްކުމުން ދޫކޮށްލާ ގޮތަށް ކުރި ޝަރުތުތަކުގެ އަގު މުޅިއަކު 400 މިލިއަން ޑޮލަރު (6.18 ބިލިއަން ރުފިޔާ)އަށް އެރިއެވެ. ނަތީޖާއެއްގެ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން ފިޔަވަޅު އެޅުމުން 2013 ވަނަ އަހަރަށް އެޅުނުއިރު އުޅަނދުފަހަރު ހައިޖެކްކުރުން ގާތްގަނޑަށް އެއްކޮށް ހުއްޓުނެވެ.
ނަމަވެސް މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުވެ، ހުރުމުޒު ކަނޑުއޮޅި އާއި ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތްތެރިކަމަށް ގައުމުތަކުން ވަސީލަތްތައް ފޯރުކޮށްދޭން ޖެހުމުން ސޫމާލިޔާގެ މަގުފޭރޭ މީހުންގެ ހަރަކާތްތައް ހުއްޓުވަން ދެވޭނެ ވަސީލަތްތައް މަދުވުމުން އެޕްރިލް މަހުން ފެށިގެން ސޫމާލިޔާގެ ކަނޑުފޭރޭ މީހުން އުޅަނދުފަހަރު އަނެއްކާވެސް ހައިޖެކްކުރަން ފެށިއެވެ. ސޫމާލިޔާގެ ކަނޑުފޭރޭ މީހުން އެޕްރިލް މަހުން ފެށިގެން މިހާތަނަށް 18 އުޅަނދު ހައިޖެކްކުރި ކަމަށް ފްރާންސްގެ ކަނޑުގެ ސިފައިން ބުންޏެވެ. އަދި އޭގެ އިތުރުން ތިން އުޅަނދަށް ރެންސަމް ނުދައްކާތީ އެ ތިން އުޅަނދު އަދިވެސް ދޫކޮށްނުލައެވެ.



advertisment