Support Us

ހާލަންޑާ ވައްތަރު މޮޑެލަކަށް ސަމާލުކަން

ނޯވޭގެ ފިރިހެން ފުޓުބޯޅަ ޓީމުގެ ސްޓްރައިކަރު އާލިންގް ހާލަންޑާ ސިފަ ވައްތަރުކަމަށް ރަޝިޔާގެ އަންހެން މޮޑެލް އަނަސްޓާޝިއާ ކޮސްޓްރޮމީނާ ގާތުގައި ކޮސްޓްރޮމީނާގެ އާއިލާ އާއި ރަހްމަތްތެރިން ބުނާތާ އަހަރުތަކެއްވެއްޖެއެވެ. ނަމަވެސް އެ ކަން ކޮސްޓްރޮމީނާ ބަލައިގަތީ މި ފަހަރުގެ ވޯލްޑް ކަޕްގައި ހާލަންޑް ސުޕަސްޓާރަކަށްވުމުންނެވެ.

ހާލަންޑާ ސިފަ ވައްތަރު ކަމަށް ކޮސްޓްރޮމީނާ ގާތުގައި އޭނާގެ އާއިލާ އާއި ރަހްމަތްތެރިން ކުރިން ބުނުމުން ކޮސްޓްރޮމީނާ ހުރީ ދެ ހިޔާލެއްގައެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެ ކަން ބަލައިގެންފައި ކަމަށް އޭނާ ބުންޏެވެ.

"ތެދުތެދަށް ބުނާނަމަ، ފުރަތަމައިނުން، ފުޓުބޯޅަ ކުޅޭ ފިރިހެނަކާ އަހަރެން ވައްތަރުވެދާނެ ކަމަކަށް އަހަރެންނަށް އެއްގޮތަކަށް ވެސް ފަހުމެއް ނުވި. ނަމަވެސް ދެން އަހަރެން އެ ކަން މަޖާ ކަމެއްގެ ގޮތުގައި ބަލައިގަތިން. މިހާރު އަހަރެން މި ހުރީ އެ ކަމާ މުޅިން ހިތްހަމަޖެހިފައި،" ކޮސްޓްރޮމީނާ ބުންޏެވެ.

މި މަހު ކުރީކޮޅު އޭނާ ވަނީ އޭނާގެ ވީޑިއޯއެއް އިންސްޓަގްރާމަށް ލައިފައެވެ. އެ ވީޑިއޯގައި ކޮސްޓްރޮމީނާ ވަނީ ހާލަންޑްގެ ހަށިގަނޑާއި މޫނުމައްޗަށް ގެންނަ ހަރަކާތްތައް ވެސް ކޮސްޓްރޮމީނާގެ ހަށިގަނޑާއި މޫނުމަތިން ދައްކައިލައިފައެވެ.

ވީޑިއޯ ވައިރަލްވެ 6.4 މިލިއަން 'ލައިކް' ލިބުނެވެ.

"އެންމެ ފުރަތަމައިނުން އަހަރެންނަކަށް ނޭނގޭ ވަމުންދިޔަ ގޮތެއް. އަހަރެންނަށް ހީވީ އަހަރެންނަށް ހުވަފެނެއްގައި އުޅެވުނުހެން. ވީޑިއޯ ވައިރަލްވާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިއެއް ނުކުރަން. އެކަމަކު މިހާރު އެ ކަމާ އަހަރެން އުފާކުރަން،" އުމުރުން 24 އަހަރުގެ ކޮސްޓްރޮމީނާ ބުންޏެވެ.

އުމުރުން 25 އަހަރުގެ، އިސްކޮޅުގައި ހަ ފޫޓު ފަސް އިންޗި ހުންނަ ހާލަންޑަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ސޯޝަލް މީޑިއާ ގުގުމައިލި ކުޅުންތެރިޔާއެވެ. އިނގިރޭސި ޕްރިމިއަ ލީގުގެ މެންޗެސްޓާ ސިޓީގެ ކުޅުންތެރިޔާއަށް ސޯޝަލް މީޑިއާގައި މިހާރު 68.8 މިލިއަން ފޮލޮވަރުން ލިބިފައިވެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ހަތް ގޯލު ޖަހައިގެން ހާލަންޑް ވިދައިލިއެވެ. ސޯޅަ ޓީމު ހިމެނޭ ރައުންޑްގައި ވަރުގަދަ ބްރެޒިލާ ދެކޮޅަށް އޭނާ ދެ ލަނޑު ޖެހިއެވެ. ނަމަވެސް ކުއާޓާފައިނަލްގައި 2-1 އިން އިންގްލެންޑް އަތުން ނޯވޭ ބަލިވިއެވެ.

ކޮސްޓްރޮމީނާ ބުނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ "ގުދުރަތީ ގޮތުން" ތާއީދުކުރީ ނޯވޭއަށް ކަމަށެވެ. އަދި ޓޯނަމަންޓުން ނޯވޭ ކެޓުމުން ދެރަވި ކަމަށެވެ.

"އަހަރެން ދިޔައީ ވަރަށް ގަދައަށް ސަޕޯޓްކުރަމުން. ގޮނޑީގައި ވެސް މަޑަކުން ނީނދެވޭ،" މި ފަހަރުގެ ވޯލްޑް ކަޕްގައި ނޯވޭ ކުޅުނު ފަހު މެޗާ ބެހޭ ގޮތުން ކޮސްޓްރޮމީނާ ބުންޏެވެ.

ބައިނަލްއަގުވާމީ ކުޅިވަރުގެ ގިނަ މުބާރާތްތަކުގައި ރަޝިޔާއިން ބައިވެރިވުމަށް މިހާރު ވަނީ ހުރަސްއަޅައިފައެވެ. އެއީ 2022 ގައި ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ހަނގުރާމަ ފެށުމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް ރަޝިޔާއިން ބައިވެރިއެއް ނުވެއެވެ.

"އަހަރެން އުއްމީދުކުރަނީ ހާލަންޑް އަހަރެންގެ ވީޑިއޯ ބަލާނެ ކަމަށް. އަދި ފަހަރެއްގައި އެ ކަމާ ހޭން ފަށާނެ ކަމަށް،" ރަޝިޔާގެ ވެރިރަށް މޮސްކޯގެ މޯޝަން މޮޑެލް މެނޭޖްމަންޓް ކުންފުންޏަށް މޮޑެލްކޮށްދޭ ކޮސްޓްރޮމީނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *