އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި އިއްޔެ އާއި މިއަދު އީރާންގައި 38 މީހުން މަރުވެއްޖެއެވެ.
މަރުވި މީހުންގެ ތެރޭގައި އާއްމުން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ކުޑަކުއްޖަކާއި ތިން އަންހެނުން ހިމެނޭއިރު ސިފައިންގެ މީހަކު މަރުވި ކަމަކަށް އީރާނުން ނުބުނެއެވެ.
"ޒަހަމްވި މީހުންގެ އަދަދު އުޅެނީ 400 އަށްވުރެ މަތީގައި،" އީރާންގެ އޮފިޝަލަކު ބުންޏެވެ.
އޭގެ ތެރޭގައި ނުވަ ކުޑަކުދިންނާއި 22 އަންހެނުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ބިރުދައްކާ ކަމަށް ބުނެ މިއީ އެމެރިކާއިން އީރާނަށް ހަމަލާދޭތާ ޖެހިޖެހިގެން ހަވަނަ ދުވަހެވެ.
އެމެރިކާއިން އެންމެ ފަހުން ދިން ހަމަލާތަކުގައި އީރާންގެ ބަންދަރު އައްބާސް ސިޓީ ކައިރީގައި އޮންނަ ގަޝްމު ޖަޒީރާގައި ހުންނަ ލޮޖިސްޓިކްސް މަރުކަޒުތަކަށް ހަމަލާދީފައިވެއެވެ. އޭގެ އިތުރުން މަދަނީ އިންފްރާސްޓްރަކްޗަރު ކަމަށްވާ ބްރިޖްތަކާއި އެއާޕޯޓްތަކާއި ހަކަތަ އުފައްދާ މަރުކަޒުތަކާއި ރޭލު ސްޓޭޝަނަކަށް ވެސް އެމެރިކާއިން ހަމަލާދިން ކަމަށް އީރާންގެ ދެކުނު ސަރަހައްދުގެ އޮފިޝަލުން ބުންޏެވެ.
"އަހަރެމެން ހަމަލާދިނީ އީރާންގެ އަސްކަރީ ގާބިލުކަން މިހާރަށްވުރެ ވެސް ހަނިކޮށްލަން،" އެމެރިކާގެ އަސްކަރީ އޮފިޝަލަކު ބުންޏެވެ.
ރައްދުގައި އީރާނުން ވަނީ ފުރަތަމަ ފަހަރަށް ސޫރިޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އެއީ މިސައިލާއި ޑްރޯނުންނެވެ. އޭގެ އިތުރުން އުރުދުން، ބަހްރައިން އަދި ކުވައިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި އެމެރިކާގެ ސިފައިންގެ މީހަކު ނުވަތަ ސޫރިޔާ، އުރުދުން، ބަހްރައިން އަދި ކުވައިތުގެ މީހަކު މަރުވި ކަމަކަށް ނުވަތަ ޒަހަމްވި ކަމަކަށް އެއިން ފަރާތަކުން ހާމަކޮށްފައެއްނުވެއެވެ.
އިރާގުން ވަނީ ބަސްރާއިން ތެޔޮ އެކްސްޕޯޓު ކުރުން ކުޑަ ވަގުތުކޮޅަކަށް މެދުކަނޑައިލައިފައެވެ. އެއީ އެ ސަރަހައްދަށް ޑްރޯންއަކުން ހަމަލާދީފައިވާތީއެވެ. ނަމަވެސް އެ ޑްރޯނަކީ ކޮން ގައުމެއްގެ ޑްރޯނެއް ކަމެއް އެއްވެސް ގައުމަކުން އަދި ހާމައެއް ނުކުރެއެވެ.
ރަތް ކަނޑުގެ ބާބުލްމަންދަބު ކަނޑުއޮޅި ބަންދުކޮށްލުމަށް، އީރާނުން ވާގިވެރިވާ ޔަމަންގެ ހޫޘީންނަށް ހިތްވަރު ދީފާނެ ކަމަށް އީރާނުން އިންޒާރުދިނެވެ.
އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ހުރުމުޒުން ހުރަސްކުރާ އުޅަނދުތަކުގެ އަދަދު މިހާރު ވަރަށް މަދުވެއްޖެއެވެ. އިއްޔެ އެ ކަނޑުއޮޅިން ދަތުރުކުރީ އެންމެ ތިން އުޅަނދެވެ. މިއީ މެއި މަހަށްފަހު އެއް ދުވަސް މަތިން ހުރުމުޒުން ދަތުރުކުރި އެންމެ މަދު އަދަދެވެ. އަދި ބުދަ ދުވަހާއި އިއްޔެ އެއްވެސް ތެޔޮ އުފުލާ ބޮޑު އުޅަނދެއް ހުރުމުޒު ހުރަސްކޮށްފައެއް ނުވެއެވެ. އެއީ އެމެރިކާގެ ކަނޑުގެ ސިފައިން ހުރުމުޒު ހުރަސްކުރާ އުޅަނދުފަހަރަށް މިހާރު ރައްކާތެރިކަން ދީފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް މެއެވެ.
އީރާނާއި އެމެރިކާއިން ހަމަލާ ބަދަލުކުރުން ވަރުގަދަވަމުންދާއިރު، ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓައިލަން ސުލްހައިގެ ވާހަކަތަކަށް އެނބުރި ދިއުމުގެ އުއްމީދު މިހާރު ވަނީ ފަނޑުވާން ފަށައިފިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ އާއި މިއަދު ވަނީ އެއް ވަރެއްގައި ހިފެހެއްޓިފައެވެ. އެއީ 84 ޑޮލަރު (1،295ރ.)އެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ދާއިމީކޮށް ހުއްޓައިލާނެ ގޮތެއް ކަނޑައަޅަން މި ދިޔަ މަހު އެމެރިކާ އާއި އީރާނުން ސުލްހައިގެ ފަހުމްނާމާގައި ސޮއި ކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.



advertisment