Support Us

ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުން އިތުރަށް ހަރުދަނާކޮށް، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.

އެމް.ޕީ.އެލް އިން ބުނާގޮތުގައި މި ބަދަލުތަކަކީ އުޅަނދުފަހަރަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ. އެގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ފަސް ދުވަހުގެ މުއްދަތުގެ "ހޯލްޑް" އުވާލުން ހިމެނެއެވެ.

"ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން، "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް "ހޯލްޑް" ކުރުމަށް އޮތް ފުރުސަތު މުޅިން އުވާލެވޭނެއެވެ. ނަމަވެސް، "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދާނެއެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

"މީގެ އިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު އުވައިލެވޭނެއެވެ. މިގޮތުން، އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ، ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައެވެ. އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތެއް މީގެ ފަހުން ނޯންނާނެއެވެ. މި އުސޫލުގެ ބޭނުމަށްޓަކައި "އެއް ދަތުރު" ކަމަށް ބަލާނީ، ނޯތު ހާބަރުގެ ކިއުތަކުން ޖާގަ ދެވި، ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައި ނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުންނެވެ."

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ 21 ޖުލައި ވާ ބުދަ ދުވަހުން ފެށިގެންނެވެ.

"މި ބަދަލުތަކަކީ މާލޭ ނޯތު ހާބަރގެ ހިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، ގެނެވުނު ބަދަލުތަކެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް، އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިޔާޢަތްކޮށް، މާލޭ ނޯތު ހާބަރއިން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.