ފުޓުބޯޅައިގައި ރީނދޫ އަދި ރަތް ކާޑަކީ މިހާރު އާއްމުކޮށް ފެންނަ އެއްޗެއްސެވެ. ނަމަވެސް ދެ ކާޑު ވެސް ތައާރަފުކުރީ ކުޅުމުގައި ހުރި އޮޅުންބޮޅުމާއި އަނިޔާވެރިކަމުގެ ސަބަބުން އެންމެންނަށް ސާފު އިންޒާރުގެ ނިޒާމެއް ބޭނުންވާކަން ހާމަވި ހިސާބުންނެވެ.
ފީފާއިން 1970 ގައި ބޭއްވި ވޯލްޑް ކަޕްގެ ކުރިން ރެފްރީންނަށް ކުޅުންތެރިންނަށް އިންޒާރު ދެވެނީ އަދި ދަނޑުން ފޮނުވައިލެވެނީ ހަމައެކަނި އަނގަބަހުން ބުނެފައެވެ. ކުޅިބަލާ މީހުންނާއި ކޯޗުންނާއި އަދި ކުޅުންތެރިންނަށް ވެސް ގިނަ ފަހަރު، ފަރުވާތެރިވުމަށް ނަސޭހަތް ދިނީ ކޮން ކުޅުންތެރިންނަކަށް ކަމެއް ނޭނގެއެވެ.
"ފަރުވާތެރިވުމަށް ކުޅުންތެރިންނަށް ނަސޭހަތްތެރިވުމަށް އަނގަބަހުން ނޫން ގޮތެއް ރެފްރީންނަކަށް ނޯވޭ،" ވޯލްޑް ކަޕްގެ ތާރީހާ ބެހޭ ގޮތުން "އަ ހިސްޓްރީ އޮފް ދަ ވޯލްޑް ކަޕް" (ލަފުޒީ މާނައިން "ވޯލްޑްކަޕްގެ ތާރީހު")ގެ ނަމުގައި ފޮތެއް ލިޔުނު ކްލަމެންޓޭ ލީޒީ ބުންޏެވެ.
"ގޭމް ކުރިއަށްދާ ވަގުތު ކަންތައްތައް ވަމުންދާ ގޮތް މީހުންނަކަށް އަސްލު ނޭނގޭ،" އޭނާ ބުންޏެވެ.
ކަންތައްތައް ބަދަލުވެގެންދިޔައީ 1966 ގެ ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި އިންގްލެންޑާއި އާޖަންޓީނާގެ ކުރިމަތިލުން ހޫނުވި މެޗުންނެވެ. ޖަރުމަނުގެ ރެފްރީ ރޫޑޮލްފް ކްރައިޓްލިން އާޖަންޓީނާގެ ކެޕްޓަން އަންޓޯނީއޯ ރަޓީން ދަނޑުން ފޮނުވައިލިއެވެ. ނަމަވެސް ދެ މީހުން ވާހަކަދައްކަނީ ދެ ބަހަކުން ކަމަށްވާތީ އެކަކު އަނެކަކަށް ބުނި އެއްޗެއް ނޭނގުމުގެ ސަބަބުން އޮޅުން އަރައި ދަނޑުމަތީގައި ދިގު އަރައިރުންވުމެއް ހިނގިއެވެ.
އެ އޮޅުންބޮޅުން ބަލަން އިނީ އެ ޓޯނަމަންޓްގެ ރެފްރީންގެ އިސް ރެފްރީ ކެން އެސްޓަންއެވެ. ގެއަށް އަނބުރާ ދިޔަ މަގުމަތީގައި ޓްރެފިކް ލައިޓްތަކުން އޭނާއަށް ވިސްނުމެއް އައެވެ.
"އޭނާއަށް ރަތް ކުލަ ފެނުނީ ދަނޑުން ބާލަން ޖެހޭ ފަދަ ސީރިއަސް ކުށެއް ކުޅުންތެރިޔާ ކުރި ކަމެއް ގޮތަށް. ރީނދޫ ކުލަ ފެނުނީ ރަސްމީ އިންޒާރެއް ދޭ ފަދަ ކުށެއް ކުރި ނަމަވެސް ކުޅުންތެރިޔާއަށް ކުޅުން ކުރިއަށްގެންދެވިދާނެ ކުށެއް ކުރި ކަމެއް ގޮތަށް،" "ވޯލްޑް ކަޕް ނަގެޓްސް" ނަމުގައި ފޮތެއް ލިޔުނު ރިޗަޑް ފޯސްޓާ ބުންޏެވެ. "ނަގެޓްސް" އޭނާ މާނަކުރީ ވޯލްޑް ކަޕާ ބެހޭ މުހިންމު ކުދިކުދި މައުލޫމާތާއި ބުއްދިވެރި ކަންތައްތަކުގެ ގޮތުގައެވެ.
އެސްޓަން ހުށަހެޅީ ފަރުވާތެރިވުމަށް ކުޅުންތެރިޔަކަށް އަންގަން ރީނދޫ ކާޑު ދެއްކުމަށެވެ. އަދި ދަނޑުން ފޮނުވައިލަން ރަތް ކާޑު ދެއްކުމަށެވެ. ފީފާއިން ދާދި އަވަހަށް މި ހިޔާލު ބަލައިގަތެވެ.

ދެ ކާޑު ތައާރަފުކުރީ 1970 ގެ ވޯލްޑް ކަޕްގައެވެ. މި ކަމުގެ ސަބަބުން، ޓީވީން ކުލަކޮށް ފެންނާތީ ބެލުންތެރިންނަށް ވެސް ދަނޑުގައި ކަންތައްތައް ހިނގަމުންދާ ގޮތް އެނގުނެވެ. ދެ ކާޑު ވެސް ވެގެންދިޔައީ ކުޅުންތެރިންނަށާއި ދުނިޔޭގެ ކަންކޮޅުތަކުގެ ފޭނުންނަށް ވެސް ފަހުމްވާ ސީދާސާދާ "ވިޝުއަލް ލެންގުއެޖް" ނުވަތަ "ލޮލަށް ފެންނަ ބަހުރުވަ"އަކަށެވެ.
"ދެ ކާޑު ވެސް ވަރަށް ސާފުކޮށް ކަންތައްތައް އަންގައިދިން،" ލީޒީ ބުންޏެވެ.
އެ އަހަރުގެ ވޯލްޑް ކަޕަކީ ކުލަ ޓީވީގައި ވޯލްޑް ކަޕް ދެއްކި ފުރަތަމަ ފަހަރެވެ. ޓީވީ އިޖާދުކުރުމުން ރެފްރީންގެ ނިންމުންތައް އެނގެން ޖެހޭތީ ރަތް ކާޑާއި ރީނދޫ ކާޑު ވެސް ތައާރަފުކުރުން މަޖުބޫރު ކަމަކަށްވި ކަމަށް އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގައި ފުރަތަމަ ރީނދޫ ކާޑެއް ދެއްކީ އެ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި މިހާރުގެ ޖޯޖިއާ (ކުރީގެ ސޮވިއެޓް ޔުނިއަންގެ ބައެއް)ގެ ކާހީ އަސާޓީއަނީއަށެވެ. ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ރަތް ކާޑެއް ދެއްކީ 1974 ގެ ވޯލްޑް ކަޕްގައި ޖަރުމަނާ ދެކޮޅަށް ޗިލީ ކުޅުނު، އެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޗިލީގެ ކާލޮސް ކަސްސެލީއަށެވެ.
މިހާރު ރަތް ކާޑު ދެއްކުމަކީ، ގޯލްތައް ވެސް ބެލުންތެރިންގެ ހަނދާނުގައި ހަރުލައިފައި ހުންނަ ފަދައިން ފޭނުންގެ ހަނދާނުގައި ހަރުލާފައި ހުންނަ މަންޒަރުތަކެވެ. އަދި ކާޑު ދައްކާތީ ރެފްރީންގެ ސަމާލުކަމަށް ފައުލްތައް ގެންނަން ކުޅުންތެރިން ޑައިވްކުރުން ވެސް ވަނީ އިތުރުވެފައެވެ.
ނަމަވެސް ކުޅުމުގެ އަނިޔާވެރިކަން ހުއްޓުވައިލަން ކާޑުތައް އެއީ އެހީއަކަށްވިއެވެ. އެ ގޮތުން 1950 ގެ އަހަރުތަކާއި 1960 ގެ އަހަރުތަކުގައި ނުރައްކާތެރި ޓެކްލް ޖެހުމުގެ ސަބަބުން ކެރިއަރަށް ގެއްލުން ހުރި ވަރުގެ އިންޖަރީތައް ބައެއް ކުޅުންތެރިންނަށް ލިބިފައިވެއެވެ.
"ނަމަވެސް މިހާރު ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ލިއޮނަލް މެސީއަށް އެންމެ މަތީ ފެންވަރުގައި 25 އަހަރު ވެސް ކުޅެވޭ. އެއީ އެ މީހުންގެ އުމުރު 40 ގެ އަހަރުތަކުގެ ކުރީކޮޅަށް އެޅޭއިރު ވެސް. މީގެ 30 އަހަރު ކުރިން އެ ކަން އެ ގޮތަކަށް ނުވީސް. މިހާރު އެ ގޮތަށް ކެރިއަރު ކުރިއަށްގެންދެވެނީ ރީނދޫ އަދި ރަތް ކާޑު ދައްކާތީ،" ލީޒީ ބުންޏެވެ.



advertisment