Support Us

ހުރުމުޒު ކަނޑުއޮޅީގައި އިއްޔެ އުޅަނދުތަކެއް

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާތައް ވަރުގަދަވަނީ

އީރާނާއި އެމެރިކާއާ ދެމެދު ހަމަލާތައް ވަރުގަދަވާން ފަށައިފިއެވެ.

ވޭތުވެދިޔަ ތިން ރޭ ވެސް އެމެރިކާއިން އީރާނަށް ހަމަލާދިނެވެ. އެ ގޮތުން ބަންދަރު އައްބާސް ސިޓީ އާއި ބުޝަހްރު ސިޓީ ކައިރީގައި ހުރި އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާދިނެވެ.

ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އިން އުރުދުންގެ ރައްޔިތުންނަށް ގޮވައިލީ އުރުދުންގައި އެމެރިކާ ސިފައިން ބޭތިއްބުމާ ދެކޮޅުހެދުމަށެވެ.

"އަހަރެމެންނަށް ދެމުންދާ ހަމަލާތަކުގެ ނަތީޖާތައް ދުޝްމިނުންނަށް ފަހުމްވަންދެން ދުޝްމިނުން އަހަރެމެންނަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުން އަހަރެމެން ކުރިއަށްގެންދާނަން،" އައި.އާރް.ޖީ.ސީން ބުންޏެވެ.

އެމެރިކާއިން ބުނީ ހަމަލާތައް ދިނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް އީރާނުން ބިރުދައްކާތީ ކަމަށެވެ.

ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ބުނީ ދެ ތެޔޮ ޓޭންކަރަށް އީރާނުން މިސައިލުން ހަމަލާދިން ކަމަށާއި އިންޑިއާގެ ފަޅުވެރިޔަކު މަރުވި ކަމަށާއި އަށް މީހުން ޒަހަމްވި ކަމަށެވެ.

"ހުރުމުޒު ކަނޑުއޮޅި ހުޅުވައިލައިފައި ބާއްވާނަން. އަދި އެ ކަނޑުއޮޅިން ދަތުރުކުރުމުގެ މިނިވަންކަން ރައްކާތެރިކުރާނަން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ހިމާޔަތުގެ ދަށުން ހުރުމުޒު ހުރަސްކުރާ އުޅަނދުފަހަރުން 20 ޕަސެންޓްގެ ޓްރާންސިޓް ނުވަތަ ހުރަސްކުރުމުގެ ފީއެއް ނަގާނެ ކަމަށެވެ. އެއީ އެމެރިކާގެ ކަނޑުގެ ސިފައިން ދޭ ހިމާޔަތުގެ އޮޕަރޭޝަންތަކުގެ ހަރަދުތަކަށް ހޭދާ ކުރުމަށެވެ.

ހަމަލާތައް ބަދަލުކުރި ނަމަވެސް އެމެރިކާ އާއި އީރާނުން ބުނީ ދެ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުމަށް ދާއިމީ ހައްލެއް ގެންނަން ޑިޕްލޮމެޓިކް ހައްލެއް ބޭނުން ކަމަށެވެ.

ފެބްރުއަރީ މަހު އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީކޮށް ހުއްޓައިލަން މި ދިޔަ މަހު އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގެ ދަށުން ސުލްހައިގެ ވާހަކަތައް ދެން ކުރިއަށްގެންދާނެ ދުވަހެއް ދެ ގައުމުން އަދި ހާމައެއް ނުކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 83 ޑޮލަރު (1،279ރ.)އަށް އަރައިފައި މިއަދު ހުރީ 87 ޑޮލަރު (1،341ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއި ކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *