ލުބްނާންގެ ދެކުނު ސަރަހައްދުން އިސްރާއީލު ސިފައިން ފޭބުމުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން އެމެރިކާއިން އެހީވުމަށްޓަކައި އެމެރިކާގެ ވަފުދެއް ލުބްނާންގައި ވާހަކަތައް ބާއްވައިފިއެވެ.
ވާހަކަތައް ބޭއްވީ ހުކުރު ދުވަހު ލުބްނާންގެ ވެރިރަށް ބައިރޫތަށް އެމެރިކާގެ އަސްކަރީ ވަފުދެއް ފޮނުވައިގެން ކަމަށް އަލް ޖަޒީރާއިން އިއްޔެ ރިޕޯޓްކުރިއެވެ.
އެމެރިކާގެ ވަފުދާ ބައްދަލުކުރީ ލުބްނާންގެ ސިފައިންގެ އިސް އޮފިސަރުންނެވެ.
"އެމެރިކާގެ އަސްކަރީ ވަފުދު އައިސްފި. އެއީ ލުބްނާންގެ ދެކުނު ސަރަހައްދުގައިވާ ދެ ހިސާބުންކުރެ ފުރަތަމަ ހިސާބުން އިސްރާއީލު ސިފައިން ފައިބާނެ ގޮތް ކަނޑައަޅަން،" ލުބްނާންގެ އަސްކަރީ އޮފިޝަލަކު ބުންޏެވެ.
މި ފަދަ ދެ ހިސާބެއް ނުވަތަ ދެ "ޕައިލެޓް ޒޯން" ކަނޑައެޅީ މި ދިޔަ މަހު 26 ގައި އެމެރިކާއިން މެދުވެރިވެގެން، ރަސްމީ ގުޅުމެއް ނޯންނަ ލުބްނާނާއި އިސްރާއީލުން އެއްބަސްވި ސުލްހައިގެ އޮނިގަނޑުގެ ދަށުންނެވެ.
ހުކުރު ދުވަހު ވާހަކަތައް ބޭއްވީ މި އޮނިގަނޑުގެ ދަށުން ލުބްނާންގެ ސިފައިންގެ ބާރުގެ ދަށަށް ޕައިލެޓް ޒޯންތައް ގެންދިއުމާ ގުޅޭ ގޮތުންނެވެ.
ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް އިސްރާއީލުން އަދިވެސް ދަނީ ލުބްނާންގެ ދެކުނު ސަރަހައްދަށް ހަމަލާދެމުންނެވެ. އެންމެ ފަހުން އިއްޔެ ދިން ހަމަލާތަކުގައި ވެސް ލުބްނާންގެ ހަތް މީހުން ޒަހަމްވި ކަމަށް ލުބްނާނުން ބުންޏެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަކީ އީރާނުން ވާގިވެރިވާ، ލުބްނާނުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރަށާއި ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކެއް ކަމަށެވެ. އެއީ އިސްރާއީލުގެ އުތުރު ސަރަހައްދަށް ހިޒްބުﷲއިން ހަމަލާދިނުން ހުއްޓުވައިލުމަށާއި އިސްރާއީލުގެ ސަލާމަތަށްޓަކައި ކަމަށެވެ.
ސުލްހައިގެ އޮނިގަނޑާ ހިޒްބުﷲއިން ވަނީ ދެކޮޅުހަދައިފައެވެ. އެއީ އޭގައި ލުބްނާންގެ ދެކުނު ސަރަހައްދުން އިސްރާއީލު ސިފައިން ބާލާނެ ތާވަލެއް ކަނޑައަޅައިފައި ނެތުމުން ކަމަށް ބުނެފައެވެ.
އިސްރާއީލުން ބުނީ ހިޒްބުﷲއިން ހަތިޔާރުތައް ދޫކޮށްނުލާހާ ހިނދެއްގައި އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި، ހަ މޭލު އެތެރޭގައި ބައިތިއްބާނެ ކަމަށެވެ. ހިޒްބުﷲއިން ބުނީ އެ ޖަމާއަތުން ހަތިޔާރުތައް ދޫކޮށްނުލާނެ ކަމަށެވެ.
ހިޒްބުﷲއާ އިސްރާއީލާ ދެމެދު ނޮވެމްބަރު 2024 ގައި ގާއިމުކުރި، އިސްރާއީލުން އިހްތިރާމްނުކުރާ ސީޒްފަޔާ ހިޒްބުﷲއިން މުގުރައިލީ މި ދިޔަ މާރޗް މަހުއެވެ. އެއީ އެމެރިކާ-އިސްރާއީލު އިއްތިހާދުން މި ދިޔަ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ.
އެއަށްފަހު އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި ލުބްނާންގެ 4،300 އަށްވުރެ ގިނަ މީހުން މަރުވެ، 12،121 މީހުން ޒަހަމްވެފައިވެއެވެ.
އަދި މި ކަމުގެ ސަބަބުން ލުބްނާންގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. ނަމަވެސް މިހާރު ގެދޮރަށް އަނބުރާ ދާން ފަށައިފިއެވެ.
އދ.އިން އިއްޔެ ބުނީ 732،000 މީހުން މިހާރު އެނބުރި ގެދޮރަށް ގޮސްފައިވާ ކަމަށެވެ. މި ދިޔަ ހަފުތާގައި ވަނީ 640،000 މީހުން ގެދޮރަށް އެނބުރި ގޮސްފައެވެ. މިހާރު ގެދޮރަށް ނުގޮސް ތިބީ ގާތްގަނޑަކަށް 430،000 މީހުންނެވެ.
މާރޗްގައި ހަމަލާތައް ބަދަލުކުރަން ފެށި ފަހުން ލުބްނާނާއި އިސްރާއީލުން ފަސް ފަހަރު ވާހަކަތައް ބާއްވައިފައިވެއެވެ. ދެން ވާހަކަތައް ބާއްވަން ހަމަޖައްސައިފައިވަނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ.
ލުބްނާނުން ބުނީ ވާހަކަތަކުގައި ބައިވެރިވުމުގެ ޝަރުތަކަކީ ސުލްހައިގެ އޮނިގަނޑުގައި ބުނާ ލުބްނާންގެ ދެކުނު ސަރަހައްދުގެ ދެ ހިސާބުން އިސްރާއީލު ސިފައިން ބޭލުން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތަކަށް ލުބްނާންގެ ރައީސް ޖޯސެފް އައުން މި މަހު 21 ގައި އެމެރިކާއަށް ދަތުރެއް ކުރައްވަން ހަމަޖައްސައިފައިވެއެވެ. މިއީ އައުން ޓްރަމްޕާ ސީދާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ލުބްނާންގެ މަސްރަހާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ޓްރަމްޕާއެކު މަޝްވަރާކުރައްވަން ހަމަޖައްސަވައިފައިވެއެވެ.
އޭގެ ތެރޭގައި އިސްރާއީލާއެކު ލުބްނާނުން ގާއިމުކުރި ސުލްހައިގެ އޮނިގަނޑާއި ލުބްނާންގެ ދެކުނު ސަރަހައްދުގެ ބައެއް ހިސާބުތަކުން އިސްރާއީލު ސިފައިން ބޭލުމާއި ލުބްނާން ސިފައިން ވަރުގަދަކުރުމާއި އެމެރިކާއިން ލުބްނާނަށް އިގުތިސާދީ އަދި ސަލާމަތީ އެހީ ދިނުމާއި ހިޒްބުﷲއިން ހަތިޔާރު ގެންގުޅުމުގެ މައްސަލަ އާއި މެދުއިރުމަތީގެ ހަމަޖެހުން ހިމެނެއެވެ.



advertisment