މާލޭ ނޯތު ހާބަރުގެ "އޭ" ޒޯންގައި އޮޑިދޯނިފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް މިއަދު ދޭން ފަށައިފިއެވެ.
އެމް.ޕީ.އެލް އިން ބުނީ މިހާރު "އޭ ޒޯން" އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ފެން ފޯރުކޮށްދޭ 16 ޕޮއިންޓް ވަނީ ޤާއިމްކޮށްފައެެވެ.
ނޯތު ހާބަރުގެ ބޮޑުތަކުރުފާނު މަގާވީ ފަރާތުން ފެނާއި ކަރަންޓުގެ ޚިދުމަތެއް މީގެ ކުރިއަކުން ނުލިބެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ.
"އެހެން ނަމަވެސް، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢޫގެ ދެވަނަ ސެގްމަންްޓް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުުވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ޚިދުމަތް ފުޅާކޮށް، "އޭ ޒޯން"ގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަންގަވައިފައެވެ. އެހެންކަމުން، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި "އޭ ޒޯން"ގައި ކަރަންޓާއި ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މި ކުންފުނިން ފެށިއެވެ." އެމް.ޕީ.އެލްގެ ބަޔާނެއްގައި ވެއެވެ.
"ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމް ޤާއިމްކުރުމަށް މާލޭ ނޯތު ހާބަރު އަދި މި ކުންފުނީގެ ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރަމެވެ."



advertisment

