Support Us

ހުރުމުޒު ކަނޑުއޮޅީގައި އުޅަނދުފަހަރު

އީރާން ހަނގުރާމަ ފެށުމުގެ ކުރިން ތެލުގެ އަގު ހުރި ވަރަށްވުރެ އަގު ދަށަށް

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށްވުރެ ތެޔޮ ފީފާއެއްގެ އަގު ދަށަށް ހިނގައްޖެއެވެ.

ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094.82ރ.)ގައެވެ. މިއަދު އަގު ހުރީ 68 ޑޮލަރު (1،048.56ރ.)ގައެވެ.

ތެލުގެ އަގު ދަށަށް ދިޔައީ އީރާނާއެކު ދާއިމީ ސުލްހައެއް އެމެރިކާއަށް ގާއިމު ކުރެވިދާނެކަމުގެ އުއްމީދު އާވުމުން ކަމަށް ދިރާސާވެރިން ބުންޏެވެ. އެއީ އީރާނާއި އެމެރިކާއާ ދެމެދު ގަތަރުގައި ކުރިއަށްދާ ނުސީދާ ވާހަކަތަކަށް ކުރިއެރުން ލިބުމާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުމުންނެވެ.

އީރާނާއި އެމެރިކާގެ ދެމެދުގައި، ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން، ގަތަރުގައި ވަގުތީ ގޮތުން މެދުކަނޑައިލި ނުސީދާ ވާހަކަތައް ކާމިޔާބު ކަމަށް ގަތަރުގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.

"ރަނގަޅު ކުރިއެރުމެއް ލިބިއްޖެ،" ވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރާ ގަތަރުގެ އޮފިޝަލަކު ބުންޏެވެ.

ދިރާސާވެރިން ބުނީ ތެލުގެ އަގު ދަށަށް ދިޔައީ އީރާނާއި އެމެރިކާ-އިސްރާއީލު އިއްތިހާދާ ދެމެދު އޮތް ހަމަނުޖެހުންތައް ހަމައަކަށް އެޅެން ފެށުމުން ތެލުގެ އަގަށް ލައިފައިވާ "ވޯ ރިސްކް ޕްރިމިއަމް" ނުވަތަ ހަނގުރާމަ އާއި ހަމަނުޖެހުމެއް ހިނގައިގެން ގެއްލުމެއް ލިބިދާނެ ކަމަށް ތެލުގެ އަގަށް ލައިފައިވާ އިންޝުއަރެންސް ދަށްވުމުން ކަމަށެވެ.

"ސާފުނުކުރާ ތެލުގެ އަގު ދަށްވުމުން މުޅި ދުނިޔޭގައި އިންފްލޭޝަން (ތަކެއްޗާއި ހިދުމަތުގެ އަގު) ދަށްވުމަށް މަގުފަހިވެގެންދާނެ،" ދިރާސާވެރިއަކު ބުންޏެވެ.

ނަމަވެސް އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވާހަކަތައް ހުއްޓިއްޖެނަމަ ނުވަތަ މެދުއިރުމަތީގެ ހަމަޖެހުން އަނެއްކާވެސް ގެއްލިއްޖެނަމަ ތެލުގެ ބާޒާރަށް ނުރަނގަޅު އަސަރު އަލުންކުރާނެ ކަމަށް ދިރާސާވެރިން ބުންޏެވެ.

އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް އަލުން ކުރިއަށްގެންދަން ހަމަޖައްސައިފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހަމަ އެ ދުވަހު ދިން ހަމަލާގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރ އަލީ ހާމަނާއީ އަންނަ ބުރާސްފަތި ދުވަހު ފަސްދާންލައިފައި ކަމަށް އޮފިޝަލުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *