Support Us

ތައި އެއާވޭސްގެ ކެބިން ކްރޫއެއް ޑްރަގާއެކު ހައްޔަރަށް

ތައިލެންޑްގެ ތައި އެއާވޭސް އެއާލައިންގެ ކެބިން ކްރޫއަކު އޮސްޓްރޭލިއާއަށް ޑްރަގް އެތެރެކުރަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

އޮސްޓްރޭލިއާގެ ފެޑެރަލް ފުލުހުން ކަމަށްވާ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ)އިން ބުނީ ހެރޮއިން ބާވަތުގެ، އޮސްޓްރޭލިއާގެ ބޯޑަރުގައި ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތި އިމްޕޯޓް ކުރުމާއި ގެންގުޅުމުގެ ތުހުމަތުގައި އުމުރުން 26 އަހަރުގެ ތައިލެންޑް އަންހެން މީހާއަށް އެ ދެ ތުހުމަތުންކުރެ ކޮންމެ ތުހުމަތަކަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވުން އެކަށީގެންވާ ކަމަށެވެ.

ކެބިން ކްރޫގެ އައިޑެންޓިޓީ ހާމަކޮށްފައިނުވާއިރު އެ މުއައްސަސާއިން ބުނީ އޭނާ ގެންގުޅުނު 12 ޓޯޓް ދަބަހުގެ ލައިނިންތަކުގައި އެއް ކިލޯއަށްވުރެ ގިނަ ހެރޮއިން ފޮރުވައިފައި ހުއްޓައި ފެނުނު ކަމަށާއި މީގެ މަގުމަތީ އަގަކީ އޮސްޓްރޭލިއާގެ ބައި މިލިއަން ޑޮލަރު (346،592 އެމެރިކާ ޑޮލަރު ނުވަތަ 5.34 މިލިއަން ރުފިޔާ) ކަމަށެވެ.

ކެބިން ކްރޫ ފުރީ ތައިލެންޑްގެ ވެރިރަށް ބެންކޮކުން ޖޫން 25 ގައެވެ. އޭނާ ހައްޔަރުކުރީ ޖެހިގެން އައި ދުވަހު އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ވެރިރަށް މެލްބަންއަށް ފްލައިޓް ޖައްސައި އޭނާގެ ލަގެޖް ޗެކުކުރިތަނާ އޭގެން ޑްރަގް ފެނުމުންނެވެ. އޭނާ މެލްބަން މެޖިސްޓްރޭޓް ކޯޓަށް ގެންދަން ހަމަޖައްސައިފައިވަނީ ސެޕްޓެމްބަރު 14 ގައެވެ.

އޭ.އެފް.ޕީގެ ވަގުތީ ކޮމާންޑަރު ސިމޯން ބުޗަރ ބުނީ އިތުބާރުކުރެވޭ މަގާމުތަކުގައި ތިބޭ މީހުން އެ މަގާމުތަކުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވަން ތަހުގީގީ އިދާރާތަކުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

"ވަޒީފާ އާއި މުޖުތަމައުން ލިބިފައިވާ ގަދަރުގެ ބޭނުންކޮށްގެން ޑްރަގް ޓްރެފިކްކުރަން އެހީވެދޭ ފަރުދުން އެ ކަން ކުރަން ހުއްޓުވަން އޭ.އެފް.ޕީން ކުރަމުންދާ މަސައްކަތުގައި ދެމިހުންނަން،" އޭނާ ބުންޏެވެ.

ތައި އެއާވޭސްއިން ބުނީ އެ އެއާލައިންގެ ގަވައިދުތަކާއި އެ އެއާލައިނުން ދަތުރުކުރާ ގައުމުތަކުގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަން އެ އެއާލައިންގެ މުވައްޒަފުން ކޮންމެ ފްލައިޓަކަށް އެރުމުގެ ކުރިން ހަނދާންކޮށްދޭ ކަމަށެވެ.

އެ އެއާލައިނުން ބުނީ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

"މަސްތުވާތަކެއްޗާއި އެހެނިހެން ގާނޫނާ ހިލާފު ތަކެތި ގެންގުޅުމާއި އިމްޕޯޓް ކުރުމާއި ތަންތަނަށް ގެންދިއުމާއި އަދި އެ ފަދަ ތަކެތި ބޭނުންކުރުން ޕައިލެޓުންނާއި ކެބިން ކްރޫއިންނާއި އެހެނިހެން މުވައްޒަފުންނަށް ވެސް ހަރުކަށިކޮށް މަނާކޮށްފައިވާނީ،" ތައި އެއާވޭސްއިން ބުންޏެވެ.

މި މައްސަލައިގައި އެއާލައިނުން ވަނީ އެތެރޭގެ ތަހުގީގެއް ވެސް ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް