އީރާނާއި އެމެރިކާއާ ދެމެދު ގަތަރުގައި ނުސީދާ ވާހަކަތައް މިހާރު ކުރިއަށްދަނީ ވަރަށް ރަނގަޅަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"މަޝްވަރާތައް ކުރިއަށްދަނީ ވަރަށް ރަނގަޅަށް. ދެ ގައުމުގެ ގުޅުން ދަނީ ރަނގަޅުވަމުން. އީރާންގެ ނިއުކްލިއަ ޕްރޮގްރާމާމެދު ވެސް އީރާނުން ވަރަށް ބޮޑަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފި،" ޓްރަމްޕް (ފޮޓޯ) ވިދާޅުވިއެވެ.
އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުނީ އެމެރިކާގެ މަންދޫބުންނާއި އީރާންގެ މަންދޫބުން ސީދާ ބައްދަލުނުކުރާ ކަމަށާއި ވާހަކަތައް ކުރިއަށްދަނީ ގަތަރުގެ އޮފިޝަލުން މެދުވެރިވެގެން ކަމަށެވެ.
"އަހަރެމެން ގަތަރަށް ފޮނުވީ ތަޖުރިބާކާރުން އެކުލެވޭ ވަފުދެއް. އަހަރެމެން މި ވަގުތު އެންމެ އިސްކަންދަނީ އެމެރިކާއާއެކު ސޮއިކުރި ސުލްހައިގެ ފަހުމްނާމާގައިވާ ކަންތައްތައް ތަންފީޒުކުރަން،" އޭނާ ބުންޏެވެ.
ގަތަރުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ ވާހަކަތަކުގައި މަޝްވަރާކުރަނީ ފްރީޒްކޮށްފައި ހުރި އީރާންގެ އެސެޓްތައް ދޫކޮށްލުމާއި މެދުއިރުމަތީގެ ސަލާމަތްތެރިކަމާއި ހުރުމުޒުން މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުކުރުމާމެދުއެވެ. އެއްބަސްނުވެވޭ މައިގަނޑު ނުކުތާތައް ހުއްޓަސް، ވާހަކަތައް އެބަ ކުރިއަށްދެއެވެ.



advertisment