އެހީ ލިބުމުގެ ދަތިކަމާހުރެ އެތައް މިލިއަން ފަލަސްތީން ރެފިއުޖީން ނުރައްކަލަށް ހުށަހެޅިއްޖެ ކަމަށް އދ.އިން ބުނެފިއެވެ.
އދ.އިން އިއްޔެ ބޭއްވި، ފަލަސްތީން ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ.ގެ އިދާރާ، ޔޫ.އެން ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އަށް ހައިރާތު ހޯދާ ބައްދަލުވުމެއްގައި އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ވިދާޅުވީ ޔޫ.އެންއާރް.ޑަބްލިޔު.އޭއަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ފަލަސްތީން ރެފިޖީންނަށް އެހީ ދިނުމަށް ބޭނުންވާ ކަމަށެވެ.
"މި އަދަދަށް ގައުމުތަކުން ފައިސާ ނުދީފިނަމަ ފަލަސްތީންގެ ރެފިއުޖީންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ނުދެވިދާނެ. ހާލަތު ވަރަށް ސީރިއަސް،" އޭނާ ވިދާޅުވިއެވެ.
ގުޓެރެސް ވިދާޅުވީ ޔޫ.އެން.އާރް.ޑަބްލިޔު.އޭއަށް ހައިރާތު ފައިސާ ގައުމުތަކުން ދިނުން މަދުކޮށްލީ އެ އިދާރާ އާއި ޣައްޒާ ހިންގާ ހަމާސްއާ ގުޅުން ހުރި ކަމަށް، އެއްވެސް ހެއްކެއް ނެތި އިސްރާއީލުން ތުހުމަތުކުރުމުން ކަމަށެވެ. އެ އިދާރާއާ ދެކޮޅަށް ފަތުރާ ދޮގު މައުލޫމާތާއި އެ އިދާރާގެ އަގުވައްޓައިލަން ހިންގާ ކެމްޕޭންތައް އޭނާ ކުށްވެރި ކުރެއްވިއެވެ.
ޔޫ.އެން.އާރް.ޑަބްލިޔު.އޭގެ ކޮމިޝަނަރ-ޖެނެރަލް ފިލީޕް ލަޒަރީނީ ބުނީ މިހާރުން މިހާރަށް އެ އިދާރާއަށް ފަންޑު ނުލިބިއްޖެނަމަ ފަލަސްތީން ރެފިއުޖީންނަށް ބޭނުންވާ ތައުލީމާއި ސިއްހީ ފަރުވާގެ އިތުރުން ކާބޯތަކެތި ވެސް ފޯރުކޮށްނުދެވޭނެ ކަމަށެވެ.
އިސްރާއީލުން ބުނީ ޔޫ.އެން.އާރް.ޑަބްލިޔު.އޭއަށް ހަމާސްގެ ނުފުޒޫ ފޯރައިފައިވާ ކަމަށެވެ. އަދި މިހެންވެ، އެ އިދާރާއަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އިސްރާއީލުން ބުނީ 2023 ގެ އޮކްޓޫބަރު ހަތެއްގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭގެ މަދު މުވައްޒަފުންތަކެއް ބައިވެރިވި ކަމަށެވެ.
އދ.އިން ބުނީ ތުހުމަތު ކުރެވުނު އެ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށާއި ޔޫ.އެން.އާރް.ޑަބްލިޔު.އޭގެ އިންސާނީ އެހީގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދަނީ ވަރަށް ރަނގަޅަށް ބަލަހައްޓައިގެން ކަމަށެވެ.
ޔޫ.އެން.އާރް.ޑަބްލިޔު.އޭއަކީ އިސްރާއީލުގެ ދައުލަތް ގާއިމުކުރުމަށް ފަލަސްތީންގެ 2.6 މިލިއަން ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކޮށްލުމުން އެ ރެފިއުޖީން މިހާރު ތިބި ޣައްޒާ، ހުޅަނގު އައްސޭރި، އިރުމަތީ ގުދުސް، ލުބްނާން، އުރުދުން އަދި ސޫރިޔާގައި ހަރަކާތްތެރިވުމަށް އދ.ގެ އާއްމު މަޖިލީހުން 1949 ގައި އުފެއްދި އިދާރާއެކެވެ.
ފަންޑް ނުލިބުމުގެ ސަބަބުން އެ އިދާރާގެ މަސައްކަތްތައް މިހާރު ވަނީ ހަނިކޮށްލައިފައެވެ. އެ މަސައްކަތްތަކަކީ އެކި ބާވަތުގެ އެހީގެ އިތުރުން ތައުލީމާއި ސިއްހީ ފަރުވާ އާއި އިޖުތިމާއީ ހިދުމަތްތަކާއި ބޯހިޔާވަހިކަން ފަލަސްތީން ރެފިއުޖީންނަށް ފޯރުކޮށްދިނުމެވެ.
ޔޫ.އެން.އާރް.ޑަބްލިޔު.އޭއަށް އެންމެ ގިނައިން ފައިސާ ދިން އެމެރިކާއިން އެހީ ދިނުން މަދުކޮށްލީ ޖެނުއަރީ 2024 ގައެވެ. އެއީ އެ އިދާރާއަށް ހަމާސްގެ ނުފޫޒު ފޯރައިފައިވާ ކަމަށް އިސްރާއީލުންކުރި ތުހުމަތުތަކުގެ ސަބަބުންނެވެ.



advertisment