އަންނަ ސްކޫލް ބަންދުގައި ގައުމީ އެއާލައިން މޯލްޑިވިއަނުން 320 އަށްވުރެ އިތުރު ޑޮމެސްޓިކް ފްލައިޓްތަކެއް އޮޕަރޭޓްކުރަން ނިންމައިފިއެވެ.
އަންނަ ޖުލައި މެދުތެރޭ ފެށޭ ސްކޫލް ޗުއްޓީ ދުވަސްވަރުގެ ޑިމާންޑާ އެއްގޮތަށް މި އަދަދަށް ފްލައިޓް އިތުރުކުރުމުން މޯލްޑިވިއަނުން އޮޕަރޭޓްކުރާ ކޮންމެ ހަ ފްލައިޓަކުން އެއް ފްލައިޓް ވާނީ އެ ޑިމާންޑަށް ކޭޓަރކޮށްދޭ ފްލައިޓަކަށް ކަމަށް، މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް)އިން އިއްޔެ ބުންޏެވެ.
މިހެންވެ، ޖުލައި 10 އިން އޮގަސްޓް ހަތަރަކަށް ޖުމުލަ 2،000 އަށްވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް އޮޕަރޭޓް ކުރާނެއެވެ. މި ކަމުގެ ސަބަބުން 110،000 ފަސިންޖަރުންނަށް އެ މުއްދަތުގައި ދަތުރުކުރެވޭނެ ވަރަށް ސީޓު ކެޕެސިޓީ އިތުރުވާނެއެވެ.
އިތުރަށް އޮޕަރޭޓްކުރަން ހަމަޖެއްސި 320 އަށްވުރެ ގިނަ ޑޮމެސްޓިކް ފްލައިޓުން 18،000 ފަސިންޖަރުންނަށް ސީޓު ކެޕެސިޓީ ލިބުމަށް މަގަފަހިވާނެއެވެ. އެއީ މޯލްޑިވިއަންގެ އާއްމު ނުވަތަ ބޭސް ޝެޑިއުލްއަށް 17 ޕަސެންޓް ސީޓު ކެޕެސިޓީ އިތުރުވުމެކެވެ.
ޑިމާންޑް އިތުރުވާ ރޫޓުތަކަށް ސީޓު ކެޕެސިޓީ ދޭން މޯލްޑިވިއަނުން ބައެއް ރޫޓުތަކަށް އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓު އޮޕަރޭޓްކުރާނެއެވެ. އޭގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީ.އޭ.އެން) އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް (އެޗް.އޭ.ކިއު) ހިމެނެއެވެ. މި ކަމުގެ ސަބަބުން ޑިމާންޑް މަތީ ރޫޓުތަކަށް ސީޓު ކެޕެސިޓީ އިތުރުކުރެވުމުގެ އިތުރުން އާއްމު ޝެޑިއުލް ވެސް އިތުރު އުނދަގުލަކާ ނުލައި ކުރިއަށްގެންދެވޭނެ ކަމަށް އައި.އޭ.އެސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުންޏެވެ.
އެ ކުންފުނިން ބުނީ ފްލައިޓްތައް އިތުރުކުރީ ސްކޫލް ޗުއްޓީގައި އާއިލާތަކާއި ދަރިވަރުންނާއި ޗުއްޓީ ހޭދަކުރާ މީހުން ރާއްޖޭގެ އެތެރޭގެ މަންޒިލްތަކަށް ދަތުރުކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ. އެއީ އެތެރޭގެ އުދުހުންތަކަށް އޮންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ކަމަށެވެ.
އައި.އޭ.އެސްގެ މެނެޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ މޯލްޑިވިއަންގެ ޑޮމެސްޓިކް ވިއުގައިން ރާއްޖޭގެ ކޮމިއުނިޓީތައް ގުޅުވައިދިނުމަށް ކޮންމެހެން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމަށް މަގުފަހިކޮށްދޭ ކަމަށެވެ.
ސްކޫލް ޗުއްޓީ ދުވަސްވަރަކީ ޑިމާންޑް ބޮޑު ދުވަސްވަރަކަށްވާތީ އިތުރު ފްލައިޓްތައް އޮޕަރޭޓްކުރުމުން ފަސޭހަކަމާއެކު މަންޒިލްތަކަށް ދަތުރުވެރިންނަށް ވާސިލުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލް ބުކިންގ އަދި ޓިކެޓިންގއަށް 365 ދުވަސް ކުރިން ވާނީ ހުޅުވައިލައިފައި. އެއީ ކުރީއްސުރެ ފަސިންޖަރުންނަށް އެ މީހުންގެ ދަތުރު ރައިވައިލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން،" އިޔާސް ވިދާޅުވިއެވެ.
"ދަތުރުކުރުމުގެ ޕީކް ދުވަސްވަރު، މިސާލަކަށް، ސްކޫލް ޗުއްޓީގައި، އަހަރެމެންގެ ވިއުގައިގައި އިތުރު ފްލައިޓްތައް ތައާރަފުކުރަން. އެއީ އިތުރުވާ ޑިމާންޑަށް ހިދުމަތް ދިނުމަށާއި ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ފޯރުކޮށްދިނުމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
އައި.އޭ.އެސްއިން ބުނީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން ރަށްރަށުގެ މެދުގައި ގުޅުން ގާއިމުކޮށްދީ އަދި ރައްކާތެރި، އިތުބާރު ކުރެވޭ އަދި ފަސޭހަ ދަތުރުފަތުރުގެ ތަޖުރިބާތައް ފަސިންޖަރުންނަށް ދިނުމުގައި މޯލްޑިވިއަން ސާބިތުކަންމަތީ އޮންނާނެ ކަމަށެވެ.



advertisment

