Support Us

ކީރިތި ޤުރްއާނުން ކުދިން ތަރުބިއްޔަތުކުރުން -1

ދަރިންނަކީ ނިޢުމަތެއް

ދަރިންނަކީ ﷲ އަހަރެމެންނަށް ދެއްވާ ބޮޑު ނިޢުމަތެކެވެ. މިކަން އިސްރާ ސޫރަތުގެ 70 ވަނަ އާޔަތް ފަށާއިރު އެނގެއެވެ. ﷲ ވަޙީކުރައްވަނީ 'ހަމަކަށަވަރުން ތިމަންރަސްކަލާނގެ އާދަމުގެ ދަރިން މާތްކުރެއްވީމެވެ.' ﷲ އިންސާނުންގެ ބަދަލުގައި ވަޙީކުރެއްވީ ދަރިން މިބަހެވެ. ދަރިން މިބަހުން އަންގައިދޭ އެއްކަމަކީ ދަރިން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމާއި އެކަމުގެ ބޮޑުކަމެވެ. މިއިން ލިބޭ މެސެޖަކީ ޢާއިލާއަށް ލިބޭ ކޮންމެ ދަރިޔަކު ﷲ މާތްކުރައްވާފައިވާ ކަމެވެ. އެހެން ކަމުން ގެއަށް ދަރިއަކު އައުމާއެކު އެގެޔަކަށް އެލިބެނީ މާތްކަމެވެ. އެއީ ޝަރަފާއި ކަރާމާތެވެ. އެހެންވެ މާތްކަމާއި ޝަރަފް ގެނެސްދިން ދަރި ބެލުމަކީ އަހަރެމެންގެ އެންމެ އިސް ޒިއްމާއެވެ.

މީހުންނަށް ބޮޑެތި ކާމިޔާބާއި އުފާ ލިބުން އަހަރެމެން އެމީހުންނަށް މުބާރިކުބާދީ ރައްދުކުރުމެވެ. ވަރަށް ގިނަ ނަބިއްޔުންނަށް ދަރިކަލެއް ލިބިވަޑައިގަންނަވާ ޚަބަރުން ﷲ އެބެއިކަލުންނަށް ތަހުނިޔާއާއި މުބާރިކްބާދީގެ އުފާވެރި ޚަބަރު ދެއްވާފައިވެއެވެ. މިކަމުން އެނގެނީ ދަރިއެއްގެ ނިޢުމަތުގެ ބޮޑުކަމެވެ. މަލާއިކަތުން ފޮނުއްވައިގެން ދަރިކަލެއްގެ އުފާވެރި ޚަބަރު އިބުރާހީމް ޢަލައިހިސަލާމަށް ﷲ ދެއްވިއެވެ. އަދި ކާފަ ދަރިލެއްގެ އުފާވެރި ޚަބަރުވެސް އެކަލޭގަފާނަށް ﷲ ދެއްވިއެވެ. މިކަން ހޫދު ސޫރަތުން އެނގެއެވެ. އިބުރާހީމްގެފާނުގެ އަނބިކަނބަލުން މިކަމާ ޢަޖާއިބުވެވަޑައިގަތުމުން ދަރިކަލުންގެ ހުރި ރަޙުމަތުގެ ވާހަކަ މަލާއިކަތުން ދެންނެވިއެވެ. ޒަކަރިއްޔާ ޢަލައިހިސަލާމަށް ޔަޙުޔާގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރުދެއްވިއެވެ.

ފޭލްވި ނުވަތަ ނާކާމިޔާބުވި ގައުމުތަކެއްގެ ވާހަކަ ކީރިތި ޤުރްއާނުގައި ﷲ ގެނެސްދެއްވާފައިވެއެވެ. އޭގެތެރޭގައި ފިރުޢައުނުގެ ގައުމާއި ޔަހޫދީ ގައުމު ހިމެނެއެވެ. ﷲ ފިރުޢައުނުގެ ގައުމު ސިފަކޮށްދެއްވީ އާލު ފިރުޢައުނުގެ ގޮތުގައެވެ. އެއީ ފިރުޢައުނުގެ އާއިލާ ނުވަތަ ދަރިފަސްކޮޅެވެ. އަދި ޔަހޫދީން ސިފަކޮށްދެއްވީ ބަނީ އިސްރާއީލް ނުވަތަ އިސްރާއީލުގެ ދަރިންގެ ގޮތުގައެވެ. މިކަމން ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން މިކަމުން އެނގެއެވެ. އަދި މިކަމުން އަންގައިދޭ އެއްކަމަކީ ފޭލުވުމާއި ދަރިން ތަރުބިއްޔަތުކުރުމާހުރި ގުޅުމެވެ.

ޙައްޖު ޢުމުރާގެ މަތިވެރި އަޅުކަމަށް ނަޒަރު ހިންގާއިރުވެސް ދަރިންނާއި ދަރިން ބެލުމުގެ މުހިންމުކަން އަންގައިދެއެވެ. ޞަފާ މަރުވާގައި ހިނގުމުން ނުވަތަ ދުވުމުން ރަމްޒުކޮށްދެނީ ދަރިކަލަކަށް ބެއްލެވި މައިކަނބަލެއްގެ މަސައްކަތްޕުޅެވެ. ދަރިކަލަކު ބެއްލެވުމަށް މައިކަމަނާ ކުރެއްވި ބުރަ މަސައްކަތްޕުޅެވެ. ޠަވާފުގެ މަތިވެރި އަޅުކަމާވެސް ބެލެނިވެރިކަން ގުޅިފައިވެއެވެ. ﷲ ގެ އަމުރުފުޅަށް އިބުރާހީމް ޢަލައިހިސަލާމް ގެފުޅު ބިނާކުރެއްވީ ދަރިކަލުން އިސްމާޢީލް ބައިވެރިކުރައްވައިގެންނެވެ. އަދި ﷲ އަށް ދުޢާ ދެންނެވީ އެދެބަފައިކަލުންނެވެ. އަދި އެބޭކަލުންގެ ދުޢާ ﷲ އިޖާބަކުރެއްވިއެވެ. އަޟުޙާ ޢީދުގެ ޤުރްބާނީވެސް ގުޅިފައިވަނީ ބެލެނިވެރިކަމާއެވެ. އެންމެ ލޯބިވާ ދެލޯފަދަ ދަރިކަލުން އިސްމާޢީލް ޤުރްބާންކުރައްވަން ޖެހިވަޑައިގަތުމުން ޚުދު އެކަމަށް ދަރިކަލުން އިސްމާޢީލް މަރުހަބާ ވިދާޅުވިއެވެ. ޒަމްޒަމް ފެން ހިމެނެނީވެސް ﷲ މައެއްގެ އެދުމަށް ދަރިއަކަށް ދެއްވި ފެނުގެގޮތުގައެވެ.

ދަރިން ތަރުބިއްޔަތުކުރުމުގައި ބަނީ އިސްރާއީލުގެ ކޮނޑުގައި އެޅުނު ޒިއްމާ ވަރަށްބޮޑެވެ. އެމީހުންގެ ދަރިންނަށް އަބަދުވެސް ކިޔަވައިދޭން ޖެހިފައިއޮތީ ދެން ފޮނުއްވާނެ ނަބިއްޔެއްގެ ވާހަކައެވެ. އަދި އެނަބިއްޔަކު ވަޑައިގަތުމުން އެންމެން އެކަލޭގެފާނަށް ތަބާވެ ބައިއަތު ހިފުމުގެ ވާހަކައެވެ. އެކަމަކު ރަސޫލު ﷲ އާހަމައަށް އާދެވުނުއިރު ޔަހޫދީން ތަރުބިއްޔަތުގެ މަސްއޫލިއްޔަތުގައި މުޅިން ފޭލްވިއެވެ. އެމީހުންނަށް ރަސޫލުﷲ ވީ އެމީހުންގެ މީހެއް ފަދައިންނެވެ. ރަސޫލު ﷲ ގެ ރަސޫލުކަން ތެދުކޮށް އެކަލޭގެފާނަށް ތަބާވުމުގެ ބަދަލުގައި އެމީހުން އެކަލޭގެފާނު ދޮގުކޮށް އެކަލޭގެފާނަށް ތަބާނުވިއެވެ.

ބަނީ އިސްރާއީލެކޭ އެއްފަދައިން ފިރުޢައުނުގެ ގައުމުގެ މީހުންވެސް ކަންކުރީ އެފަދައިންނެވެ. މޫސާ ޢަލައި ސަލާމް ދީނަށް ގޮވައިލެއްވުމުން ފިރުޢައުނުގެ މީހުން އެކަލޭގެފާނު ސިފަކުރީ ސިހުރުހަދާ މީހެއްގެގޮތުގައެވެ. އަދި ރަސޫލުންގެ ވާހަކަ ކުރިން އެމީހުން ނާހާކަމުގައި އެމީހުން ބުންޏެވެ. އެމީހުންގެ ވާހަކަތަކުގެ ދޮގުކަން ޣާފިރު ސޫރަތުން އެނގެއެވެ. މިސޫރަތުގެ 34 ވަނަ އާޔަތުގައި ﷲ އަންގަވަނީ އެމީހުންގެ ގާތަށް މީގެކުރިން ޔޫސުފް ޢަލައިހި ސަލާމް ވަޑައިގަތްކަމަށެވެ.

ދަރިންނަކީ ބޮޑު ނިޢުމަތެއްކަން އިސްރާ ސޫރަތުގެ ހަވަނަ އާޔަތުންވެސް އެނގެއެވެ. ހަމައެގޮތަށް ބަޤަރާ ސޫރަތުގެ 223 ވަނަ އާޔަތަށް ބަލާއިރު ދަރިންނަކީ ﷲ ދެއްވާ އިންވެސްމެންޓެއްކަން އެނގެއެވެ. ތިމާ އުމުރުން ދުވަސްވެ ރިޓަޔަރކުރާ ހިސާބަށް ދިއުމުން ތިމާއަށް އެންމެބޮޑު އުފަލެއް ދޭ އެއްޗަކީ ކާފަމާމަ ދަރިންނެވެ. ދުވަސްވެފައިވާ މީހާއަށް މުދަލާއި ފައިސާއިން ލިބޭނެ ހަގީގީ އުފަލެއް ނޯންނާނެއެވެ. އެކަމަކު އޭނާގެ މުސްކުޅި ހަޔާތް ހޭދަކުރާނޭ ކާފަމާމަ ދަރިންތިބުމަކީ އެމީހަށް ލިބޭނެ އެންމެބޮޑު އުފަލެވެ.

އިންސާނުންގެ މެދުގައި ﷲ ގިނަގުނަ ތަފާތުލެއްވިއެވެ. އަދި ތަފާތުލެއްވުމުގެ ޙިކުމަތްވެސް ﷲ ބަޔާންކޮށްދެއްވިއެވެ. ޙުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތުން އެނގޭގޮތުގައި އަހަރެމެންގެ މެދުގައި ގިނަގުނަ ތަފާތު ލެއްވީ އެއްބަޔަކު އަނެއްބަޔަކު ދެނެގަނެ ތަޢާރަފްވުމަށެވެ. ތަފާތުލެއްވިކަމަށްޓަކައި އެކަމަށް ޝުކުރުވެރިވެ އެކަމަކީ އަހަރެމެން އުފަލެއްކަމުގައި ފާހަގަކުރަންޖެހޭ ކަމެކެވެ. މިއާޔަތުން އިތުރަށް އެނގޭގޮތުގައި ތަޤުވާވެރިންނަށް ﷲ އިތުރަށް މާތްކަން ދެއްވިކަމެވެ.

 

ދަރިން ނިޢުމަތަކަށްވުމުން އަހަރެމެން މައިންބަފައިން ކުރަންޖެހޭ ކަމަކީ އެނިޢުމަތް ބަލައިގަތުމެވެ. އަދި ﷲ މަތިވެރި ކުރެއްވި މިނިޢުމަތަށް ޝުކުރުވެރިވުމެވެ. އެހެނީ ކޮންމެ ދަރިޔަކަށްމެ މިދުނިޔެ ވަގުތީ މަންޒިލަކަށްވުމެވެ. އަންޢާމް ސޫރަތުން މިކަން ﷲ އަހަރެމެންނަށް ހަނދާންކޮށްދެއްވައެވެ. މިސޫރަތުގެ 98 ވަނަ އާޔަތުގައި ﷲ އަންގަވަނީ އެކަލާނގެ އެންމެ ނަފުސަކުން ހެއްދެވި އިންސާނުން މިދުނިޔޭގައި ދުވަސްކޮޅަކު ތިބުމަށްފަހު ބާކީ ބައި ކަށްވަޅުގައި އަހަރެމެން ތިބޭނެކަމަށެވެ. އެހެންކަމުން ވަގުތީ ނުވަތަ ކުރު މުއްދަތުގެ މިވަގުތު ދަރި ނިޢުމަތަށް ޝުކުރުވެ އެކަން ބަލައިގަންނަންޖެހެއެވެ. އަދި މިނިއުމަތަށް އުފާކުރަންޖެހެއެވެ.

އިންސާނާ އެންމެ ނަފުސަކުން އުފެއްދެވި ވާހަކައަށްފަހު ﷲ ދުނިޔޭގައި ލައްވާފައިވާ ގިނަގުނަ ތަފާތު އަންޢާމް ސޫރަތުގެ 99 ވަނަ ﷲ އަހަރެމެންނަށް ހަނދާންކޮށްދެއްވައެވެ. މިތަފާތުތަކުން ޢިބުރަތް ހާސިލުކުރުމަށް އަހަރެމެންނަށް އަންގަވައެވެ. ގަސްގަހާގެހީގައި ތަފާތުލެއްވި ފަދައިން އަހަރެމެންގެ ދަރިންގެ މެދުގައިވެސް އެތަފާތު ލެއްވިކަން އަހަރެމެން ގަބޫލުކުރަންޖެހެއެވެ. ހުރިހާގޮތަކުން އެއްކުއްޖަކު އަނެއް ކުއްޖަކާ ތަފާތެވެ. އެންމެ ފުރަތަމަ އިންސާނާ އާދަމް ޢަލައިހި ސަލާމްގެ ދެ ދަރިކަލުންނާހަމައިން މިތަފާތު އަހަރެމެންނަށް ފެނެއެވެ. ހާބިލްއާއި ގާބީލްގެ ތަފާތު އަހަރެމެންނަށް އެނގެއެވެ.

ކޮންމެ ކުއްޖެއްގެ ކޮންމެ ކަމެއް ﷲ ފުރިހަމައަށް ދެނެވޮޑިގެންވެއެވެ. އެކުދިން މައިމީހާގެ ރަހިމުގައި ގަރުބަ ގަންނަ ހިނދުން ފެށިގެން އޭނާގެ ހުރިހާ ކަމެއް ﷲ ގެ ޢިލްމުފުޅުގައިވެއެވެ. މިކަން ޣާފިރު ސޫރަތުގެ 11 ވަނަ އާޔަތަށް ވިސްނާލުމުންވެސް އެނގެއެވެ. އެހެންވެ ދަރިންގެ މެދުގައިވާ ތަފާތުތަކާހުރެ ޝަކުވާކޮށް އަޅާކިޔާ ނުރުހުން ފާޅުކުރުމަކީ އަހަރެމެން މައިންބަފައިން ކޮށްގެންވާނެ ކަމެއްނޫނެވެ. ދަރިންގެ މިޒާޖާއި ޠަބީޢަތާއި ޝަޚުސިއްޔަތާއި އުމުރު އެކެއް އަނެކާއަށް ތަފާތުވާނެއެވެ. އެއީ ﷲ ގެ ސުއްނަތެވެ. އަދި އެއީ ﷲ އަހަރެމެން އިމްތިހާންކުރައްވާގޮތެވެ. އެހެންވެ އަހަރެމެންގެ މަސްއޫލިއްޔަތަކީ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއްކުރުމެވެ.

އާންމުކޮށް އަހަރެމެން ދަރިން ހޯދަނީ އެކަމަށް ބޭނުންވެގެންނެވެ. އެހެންވެ މައި މީހާ ދަރިއަށް ބަލިވެއިންނަ ހިސާބުން ފެށިގެން މައިންބަފައިން އެދަރިއަށް އިންތިޒާރުކުރެއެވެ. އަދި އޭނާ ދުނިޔެއަށް އައުމާއެކު މައިންބަފައިންގެ އިތުރަށް މުޅި ޢާއިލާއިން އެކަމާ އުފާކުރެއެވެ. އެހެންނަމަވެސް އޭނާގެ އުމުރުން ދުވަސްވާވަރަކަށް އޭނާއަށް ލިބެމުންއައި ލޯތްބާއި އަޅާލުމާއި ސަމާލުކަން ކުޑަވެއެވެ. އެހެން އިބާރާތަކުން ބުނާނަމަ އޭނާގެ ތަރުބިއްޔަތަށް މާބޮޑު ސަމާލުކަމެއް ނުދެވޭތަން އާދެއެވެ. ނަތީޖާއަކީ އަހަރެމެން ހޯދި އެބޮޑު ނިޢުމަތަށް އަހަރެމެންނަށް ޣާފިލުވެވުމެވެ.

ނިޢުމަތެއްގެގޮތުގައި ދަރި ބަލައިގަނެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން އަހަރެމެން މައިންބަފައިން ކުރަންޖެހޭ ކަންކަން ވަރަށްގިނައެވެ. އެގޮތުން އެންމެ ފުރަތަމަ ތިމާގެ ދަރި އެދަރީގެގޮތުގައި ގަބޫލުކޮށް ބަލައިގަންނަންޖެހެއެވެ. މާނަޔަކީ ތިމާގެ ދަރި އެހެން މީހުންގެ ދަރިންނާ އަޅާނުކިޔުމެވެ. ތިމާގެ ދަރި އެހެން ދަރިއަކަށް ހަދަން ނޫޅުމެވެ. އެހެން ދަރިއެއްގެ ކިބައިގައި ހުރި ކަންކަން ތިމާގެ ދަރީގެ ކިބައިގައި ނެތުމުން އެކަމާ ތިމާގެ ދަރިއާ ދުރަށްނުދިއުމެވެ. އެއަށްފަހު ﷲ އަށް ކިޔަމަންތެރި ދަރިންނަށް ތިމާގެ ދަރިން ހެދުމެވެ.

(މައުލޫމާތު: މުފައްޘިރު ނުޢުމާން ޢަލީ ޚާން، ބައްޔިނާ އިންސްޓިޓިއުޓް)