ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމްގެ ތިންވަނަ ބެޗު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ. މި ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު، ޅ.މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.
މިއަދުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ޓްރެއިނިން ޕްރޮގްރާމްގައި ރާއްޖޭގެ 112 ރަށަކުން 288 ފިރިހެން ކެޑޭޓުން، އަދި 64 އަންހެން ކެޑޭޓުން ހިމެނޭހެން ޖުމުލަ 352 ކެޑޭޓުން ބައިވެރިވެއެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ކެޑޭޓުން އިޤްރާރުވުން އޮތެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިން ސެންޓަރުގެ އޮފިޝިއޭޓިން ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން މުޙައްމަދު ޙުޝާމް މޫސާއެވެ. އަދި ކެޑޭޓުންގެ އިޤްރާރު ލައިދެއްވީ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިން ސެންޓަރުގެ ކޮމާންޑިން އޮފިސަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޝާހިދެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއަރ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދޭނެއެވެ.



advertisment