ކޭބަލް ޓީވީ ބައްލަވާ ކިޔުންތެރިންނަށް އެނގިވަޑައިގަންނަވާނެއެވެ. އަވަށްޓެރި އިންޑިޔާއަށް ނިސްބަތްވާ ގިނަ ޗެނަލްތަކުން، ރޭގަނޑުގެ ވަކި ވަގުތަކަށްފަހު، ޢާންމު ޓެލެކާސްޓް ހުއްޓާލާނެއެވެ. އޭގެ ބަދަލުގައި ދައްކާނީ ހުސް އިޝްތިހާރެވެ. ހަށިގަނޑު ހިއްކާ، ލޫޅާފަތިކުރާނެ ބޭސްތަކުގެ އިޝްތިހާރެވެ. ތަލަ މީހުންގެ ބޮލުން އިސްތަށި ފަޅާނެ ތެޔޮތަކުގެ އިޝްތިހާރެވެ. މޫނުން ރުލާއި އޮށާޅަ ފިލުވާ ކްރީމްތަކުގެ އިޝްތިހާރެވެ. އަދި، އާމްދަނީ އިތުރުކޮށް، ޒަވާޖީ ހަޔާތް ބާއްޖަވެރިކޮށްދޭ ހިންދޫ ތަވީދުތަކުގެ އިޝްތިހާރެވެ.
މިތައް ދުވަހުން ނަތީޖާ ނުފެންނަ ނަމަ ފައިސާ އަނބުރާ ހޯދަންވީ ކަމަށް ބުނެއެވެ. އެހާވެސް މުޖައްރިބު އުފެއްދުންތަކެކެވެ. އަދި، ވައްތަރަކުން ޑަޒަނެއް އެއްފަހަރާ ގަތުމުން، ބޮޑު ޑިސްކައުންޓެއް ލިބޭކަމަށެވެ. އޭގެ ތަޖުރިބާކޮށްފައިވާ ކަމަށް ދައުވާކުރާ މީސްމީހުން، ލިބުނު ނަތީޖާވެސް ކިޔައިދެއެވެ. ބަލާ މީހާ ހަމަ އަންތަރީސްކޮށްލައެވެ.
މަދަރުސީ ދައުރުގެ ރަޙްމަތްތެރިއަކު އިހަކަށްދުވަހު ބައްދަލުވިއެވެ. ގިނަ އަހަރުތަކަކަށްފަހުއެވެ. އަޅުގަނޑެކޭ އެއްފަދައިން، އޭނާވެސް ފެނުނީ މެދު ހައްޓަށް ބަރުކަމަށެވެ. އެކި ވާހަކަ ދައްކަމުން، ބަރުދަނުގެ މައުޟޫއަށް ދެވިއްޖެއެވެ. އޭނާ ބުންޏެވެ. ބަނޑު ހިންދަން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް، ކާމިޔާބު ނުވާކަމަށެވެ. އޭނާއަށް މިހާރު ތަޖުރިބާ ނުކުރެވި އޮތީ ކެއުން ކޮންޓްރޯލް ކުރުމާއި ކަސްރަތު ކުރުންކަމަށެވެ. އެހެންކަމުން، ޞިއްޙަތަށް ބަލައިގެން އުޅެން ފަށަން ވިސްނަމުންދާ ކަމަށް ބުންޏެވެ.
އަޅުގަނޑު، ހައިރާންކަމާއެކު، ބުނީމެވެ. ހިކުމާއި ބަނޑު ހިންދުމުގެ ސިއްރަކީ ކެއުން ކޮންޓްރޯލް ކުރުމާއި ކަސްރަތުކުރުން އެކަނި ކަމަށެވެ. އެހެންކަމުން، ތިޔަ ބުނި ކާމިޔާބުނުވި ކަންތައްތަކަކީ ކޮބައިތޯ ސުވާލު އުފެއްދީމެވެ.
އޭނާ ކަރުއެލުވާލައިގެން ހުރެ ކިޔައިދިނެވެ. އިންޑިޔާ ޗެނަލަކުން ދެއްކި އިޝްތިހާރެއްގައި ފެނުނު މާ މޮޅު ބެލްޓެއްގެ ވާހަކައެވެ. ވަރަށް މޮޅު އުފެއްދުމެއް ކަމަށް އިޝްތިހާރުން ބުނި ކަމަށެވެ. އަދި އޭނާއަށް އެކަން ޤަބޫލުކުރެވުނީ ކަމަށެވެ. ކެއުން ބަދަލުކުރަން ނުޖެހޭ މޮޅު ޙައްލެކެވެ. އަދި، ކަސްރަތު ބޭނުން ނުވާ، ފަސޭހަ ޙައްލެއްވެސްމެއެވެ. ކުރަން ޖެހެނީ ހަމަ އެންމެ ކަމެކެވެ. އެ ބެލްޓު އަޅައިގެން ގިނަ ވަގުތު އުޅުމެވެ. އޭގެން އަރާ ހޫނަކުން، މެދުހަށިން ދާހިއްލަނީއެވެ. އޭގެ ސަބަބުން، ބަނޑު ހިނދެނީއެވެ.
އޭނާގެ ތަޖުރިބާ ވަރަށްވެސް ތަފާތެވެ. ބެލްޓު އަޅައިގެން އެތައް ދުވަހެއްވަންދެން އުޅުނެވެ. ބަރުދަން ގުރާމެއްވެސް ލުޔެއް ނުވިއެވެ. އަދި، މެދުހަށިން ސޫތެއްވެސް އުންޏެއް ނުވިއެވެ. ވީހާވެސް ކަމަކީ، ބަނޑާ ދިމާލުން ހަންގަނޑު އެކީ އެނދުމެވެ. ބަނޑުން ހަމެއް ދިޔައީއެވެ. ބެލްޓުން އެރި ހޫނުގެ ސަބަބުން ފިހިގެންނެވެ. އަދި، ވާއެއްޗެއް ވެ ނިމުނު އިރު، އެތި އަނބުރާ ފޮނުވާލާ، ފައިސާ އަނބުރާ ލިބޭނެކަމަށް ބުނެފައި އޮތް މުއްދަތުވެސް ފަހަނައަޅާ ދިޔައީ ކަމަށް މާޔޫސްކަމާއެކު އޭނާ ބުންޏެވެ.
ހަޤީޤީ މައުޟޫއުއަށް ޖެހިލާނަމެވެ. ހެޔޮ ނަސޭހަތެކެވެ. އަގުހުރި ފިލާވަޅެކެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫން ދެއްތޯއެވެ. ފެންނަ ކޮންމެ އެއްޗެއް ގަންނަން ހެޔޮ ނުވާނެއެވެ. އަދި، މީހަކު ދައްކާހާ ވާހަކައެއް، ވިސްނުމެއްނެތި ޤަބޫލުކުރުން ބުއްދިވެރި ކަމަކަށް ނުވާނެއެވެ. ހެއްލުމަކީ ގެއްލުމެކެވެ.
މަޝްހޫރު އިނގިރޭސި މުހާވިރާ ބަހެއް އޮވެއެވެ. "އިފް އިޓް އިސް ޓޫ ގުޑް ޓު ބީ ޓްރޫ، އިޓް ޔޫޝުއަލީ އިސް" އެވެ. ވަރަށް މޮޅެތި ހުށަހެޅުން އަންނާނެއެވެ. ޚިޔާލު ލިބޭނެއެވެ. ތަޞައްވުރު ހުށަހެޅޭނެއެވެ. އަމިއްލަ ބުއްދީގެ ތަރާދުން މިނެކިރާލާށެވެ. ޤަބޫލުކުރަން ދަތި ނުވަތަ ދެކޮޅު ނުޖެއްސޭ ފަދަ ހުށަހެޅުމެއް، ޚިޔާލެއް ނުވަތް ތަޞައްވުރެއް ނަމަ، އެކަމަކާ ދުރުހެލިވާށެވެ. އެހެނީ، އެއީ ގިނަ ފަހަރު އޮޅުވާލުމެވެ. ދޮގެވެ. މަކަރެވެ. ފުލޯކެވެ. އަނދުނެވެ. ބިލާހެވެ.
އަޅުގަނޑުމެން (ޕީ.ޕީ.އެމް) ގެ ނިމިދިޔަ ސަރުކާރު ބަދަލުކުރުމަށް، މިއަދު ވެރިކަން ކުރާ ޕާޓީ (އެމް.ޑީ.ޕީ) އިން މަސައްކަތްކުރި ދުވަސްވަރަށް އެނބުރިލާނަމެވެ. ނިމިދިޔަ 2018 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރެވެ. އެވެރިން ވިއްކަމުންދިޔައީ "ޖަޒީރާ" ނަމަކަށްކިޔާ ފަލްސަފާއެކެވެ. އަބަދުމެ އިވެނީ "ޖަޒީރާވަންތަކަން" މިއިބާރާތެވެ. "ޖަޒީރާ ދިރިއުޅުން" މިއިބާރާތެވެ.
އެމް.ޑީ.ޕީ އަށް މަރުދޭ ރައްޓެއްސެއް ގާތުގައި އެއްދުވަހު އަހާލީމެވެ. ތިޔަ ބުނާ މޮޅު "ޖަޒީރާ" ނިކަން އަޅުގަނޑަށް ވިސްނާދީބަލާށެވެ. އޮޅުންފިލުވާދީބަލާށެވެ. އަޅުގަނޑު ކުރި ސާދާ މިސުވާލަށް އޭނާއަށް އެދެވޭ ޖަވާބެއް ނުދެވުނެވެ. ބުނީ ހަމަ އެންމެ އެއްޗެކެވެ. އެއީ، އަޅުގަނޑުމެން ވަކާލާތުކުރާ "ކޮންކްރީޓް ތަރައްޤީ"ގެ އިދިކޮޅު ކަމަށެވެ. އެއަށްވުރެ މޮޅު އެއްޗެއް ކަމަށެވެ.
ބުނެލަން ހިތަށް އެރިއެވެ. "ކޮންކްރީޓް ތަރައްޤީ" އަކީ ހަޤީޤަތުގައި އަޅުގަނޑުމެންގެ ތަޞައްވުރެއް ނޫނެވެ. އެއީ އަޅުގަނޑުމެން ބުނަމުންދިޔަ އެއްޗެއްވެސް ނޫނެވެ. އެއީ، ޚުދު އެމް.ޑީ.ޕީ އިން ބުނަމުންދިޔަ އެއްޗެކެވެ. އަޅުގަނޑުމެންގެ ތަޞައްވުރު އެމް.ޑީ.ޕީ އިން ސިފަކުރި ގޮތެވެ. އެހެން ނަމަވެސް، އިތުރު އެއްޗެއް ނުބުނެ، ބަހުސަކަށް ނުގޮސް، މުޢާމަލާތު ނިންމާލީއެވެ. އަޅުގަނޑުގެ މަޤްސަދު ޙާޞިލުވެއްޖެކަމަށް ދެކިގެންނެވެ.
ލިބުނު ކުޑަ މަޢްލޫމާތުކޮޅުގެ އަލީގައި، އަމިއްލަ ހިތުގައި އެވެރިންގެ ޖަޒީރާ ތަސްވީރު ކުރަހާލީމެވެ. ޖަޒީރާ ދިރިއުޅުމޭ މިކިޔާ އެއްޗެއް އޮންނާނެ ގޮތް، އަޅުގަނޑަށް ސިފަކުރެވުނުގޮތެވެ. އަޅުގަނޑުގެ ހިތަށް ފެނުނު އެއްޗެއް، އުނިކުރުމެއް ނެތި، ޙިއްޞާކޮށްލާނަމެވެ. ފެނުނީ ހަނޑަސްބުރި ނުވަތަ ފޯ-ގިއަރ ޓޮއިލެޓެވެ. ރުއްގަލުބޭހެވެ. މަގޫފަތާއި ކާއްޓެވެ. ފަންރިޔަލެވެ. ސީސޯޓާއި ޑަބަލްބޯ ފައިވާނެވެ. ފަތްޖެހި އެނދެވެ. ފަން ފުޅަފާއި އުވައެވެ. ޗަކަ ގަނޑުތަކެވެ.
ކެމްޕޭނުގައި އެމް.ޑީ.ޕީ އިން ދެއްކި ހިތްގައިމު، ޤުދުރަތީ ރީތި ފަޅުރަށުގެ މަންޒަރު އަޅުގަނޑަކަށް ސިފައެއް ނުވިއެވެ. އެވެރިންގެ ޕޯސްޓަރުތަކުގައި ހުރި ތަސްވީރު އަޅުގަނޑަށް ސިފައެއް ނުވިއެވެ. އަޅުގަނޑަށް ފެނުނީ އެވޭލާ ޒަމާނުގައި، ކާބަފައިންގެ ދިރިއުޅުމާ ގުޅުންހުރި އެކި ދަލީލުތަކެވެ. ޒަމާނީ ތަރައްޤީގެ އެއްވެސް ކުލަވަރެއް ނުފެނުނެވެ. މި ސާސްކަފު ކީއްކުރަންތޯ، މިދިޔަ ޤަރުނުގެ ފަހުކޮޅުގެ ދަލީލުތަކެއްވެސް ނުފެނުނެވެ.
ނަމަވެސް، އިޢްތިރާފްވާން ޖެހޭ މުހިންމު އެއް ކަމެއް އެބައޮތެވެ. އަޅުގަނޑަށް މިހުށަހެޅުން ބަލައިނުގަނެވުނަސް، ޖަޒީރާ ޤަބޫލުކުރި އަދި ބަލައިގަތް މީހުން މަދެއްނޫން ދެއްތޯއެވެ. އެހެންކަމުން، އަޅުގަނޑު ދެކޭގޮތުގައި، އެވެރިން މޮޅީއެވެ. ކުޅަދާނައީއެވެ. ޗާލާކީކަންވެސް އިންތިހާއަށް ބޮޑީއެވެ. އެއީ ކޮން އެއްޗެއްކަން ބުނެދޭން ނޭނގުނަސް، އެ އޮންނަނީ ވަށްކޮށްތޯ ނުވަތަ ހަތަރެސްކަނަށްތޯ ކިޔާދޭން ނޭނގުނަސް، ބަޔަކު އެތިބީ ޖަޒީރާ ހިތުން ރުހުމުން ޤަބޫލުކޮށްގެން ވިއްޔާއެވެ. ހޭލުންތެރި، ތަންދޮރު ދަންނަ ބަޔަކަށް "ޖަޒީރާ" ވިއްކުމަކީ އާދައިގެ ކަމެއް ނޫންތާއެވެ.
ބައެއްގެ ހުރި ހުނަރެއް ފާހަގަކުރަންވާނެ ދެއްތޯއެވެ. އެމް.ޑީ.ޕީ އަކީ މާކެޓިންގްއަށް މޮޅު ބައެކެވެ. އެޕާޓީގެ ވެރިންނަކީ ޕަބްލިކް ރިލޭޝަން ދަންނަ ބައެކެވެ. އަދި، އެބޭފުޅުންނަށް އެހީވާ ބަޔަކީ ސޭލްސްމަންޝިޕް ފަރިތަ ބައެކެވެ.
އެމް.ޑީ.ޕީ އިން ޖަޒީރާ އިޚްތިޔާރުކުރި ސަބަބާމެދުވެސް އަޅުގަނޑު ފުންކޮށް ވިސްނާލީމެވެ. ޖަޒީރާ (އަދި އެ އެއްޗެއް ނުވަތަ ކަމަކާ އަންނި ނަޝީދާ ކުޑަވެސް ގުޅުމެއްވާ އެއްޗެއް ނުވަތަ ކަމެއްވިޔަސް) ބަލައިނުގަންނަ މީހެއްގެ ޚިޔާލުވެސް އައްސަވާށެވެ. އަޅުގަނޑާ ސިޔާސީ ޚިޔާލު ތަވާތު ބޭފުޅުންނަށްވެސް ފަހަރުގައި މުހިންމު ވެދާނެކަމަށް ފެނެއެވެ. ވީމާ، ދަންނަވާލާނަމެވެ.

ރައީސް ޔާމީން، އެމަނިކުފާނުގެ ރިޔާސީ ތަޞައްވުރު ކުރެއްސެވީ އުމްރާނީ ތަރައްޤީގެ ގަލަމުންނެވެ. ކަނޑު ހުރަސްކޮށް އެޅި ބުރިޖެވެ. ޒަމާނީ ބައިނަލްއަޤްވާމީ އެއަރޕޯޓެވެ. ފަންސަވީސް ބުރީގެ މޮޅު ހަސްފަތާލެވެ. ހިތްގައިމު ތާރުއެޅި މަގުތަކެވެ. އެފަދަ އެތައް ކަމެކެވެ. އުންމީދަކަށްވީ، ރާއްޖޭގެ އިޤްތިޞާދު އާ ފަންގިފިލާއަކަށް އުފުލާލުމެވެ. އަދި، ލިބޭ އިތުރު އާމްދަނީގެ ތެރެއިން އިޖްތިމާއީ ފޭރާން ހެޔޮވަރުކުރުމެވެ. އެމަނިކުފާނުގެ މި ހުށަހެޅުމުގެ ބިންގާއަކީ، ޤައުމުގެ ޤާބިލިއްޔަތުކަން ނުވަތަ 'ޕޮޓެންޝަލް' އާ ހަމައަށް އަދި ވާޞިލު ނުވެވޭކަމާއި، ރާއްޖެއަކީވެސް ފުދުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެވިދާނެ ވަޞީލަތް ހުރި، އެއްވަނަ ދުނިޔޭގެ ޤައުމުތަކާ ފައިހަމަކުރެވޭނެ ހުނަރު ހުރި ޤައުމެއްކަން ޤަބޫލުކުރުމެވެ.
ސިޔާސީ މިންގަނޑުން ބަލާނަމަ، މި ވިސްނުމާއި ފިކުރު އަދި ހުށަހެޅުމާއި ތަޞައްވުރާ ވާދަކުރެވޭނީ، އެއަށްވުރެ ފުރިހަމަ، އެއަށްވުރެ އުންމީދީ އަދި އެއަށްވުރެ ފުޅާ ފަލްސަފާއެއް އިޚްތިޔާރުކޮށްގެންނެވެ. ރައީސް ޔާމީނާށްވުރެ މޮޅަށް، ބޮޑަށް، އުހަށް، ދުރަށް ނުވަތަ އަވަހަށް ކަން ކުރާނެކަމުގެ ޢަޒުމުގައި އަދި އުންމީދުގައި ނުކުތުމެވެ. އެގޮތް އެމް.ޑީ.ޕީ އަށް އޮތެވެ. ނަމަވެސް، އެވެރިން މިސްރާބުޖެހީ މުޅިން އެހެން ދިމާއަކަށެވެ.
ޢާންމު ސިޔާސީ ވިސްނުމުގައި ކުރިއަށްދިއުމުގައި އެމް.ޑީ.ޕީ އަށް މައްސަލައެއް ދިމާވީއެވެ. ތަރައްޤީގެ މަގުގައި ރައީސް ޔާމީނަށްވުރެ އެމް.ޑީ.ޕީ ކުޅަދާނަވެދާނެ ކަމަށް ރައްޔިތުން ޤަބޫލެއް ނުކުރެއެވެ. އެމަނިކުފާނުގެ ކުރިން އެމް.ޑީ.ޕީގެ ވެރިކަމެއް ތަޖުރިބާ ކުރެވުނެވެ. އޮއްޓަރުހުރި އެއްވެސް ކަމެއް ނުކުރެވި، އެ ސަރުކާރު ދިޔައީ ފަނުފުލުންނެވެ. ތަރައްޤީގެ މައިދާނުގައި ރައީސް ޔާމީނާ ވާދައަށް ނުކުތުމުގެ ނަތީޖާ އެމް.ޑީ.ޕީ އަށް އަންދާޒާ ކުރެވުނީއެވެ. ވީމާ، އިޚްތިޔާރު ކުރީ އެހެން ގޮތެކެވެ. އާ ގޮތެކެވެ. ބޭނުންކުރީ އާދަޔާޚިލާފު އުކުޅެކެވެ. އާ އުކުޅެކެވެ.
އެންމެ ބޮޑު ޝައުޤުވެރިކަމެއް ހުންނަ ދާއިރާއަށްވީތީ، ކުޅިވަރުގެ ތެރެއިން ވަރަށް ގިނައިން މިސާލު ޖަހަމެވެ. އެފަދަ ދެ މިސާލެއް ހުމަނާލާނަމެވެ. ސަތޭކަ މީޓަރުގެ ދުވުމުގެ ރޭހެއް ކާމިޔާބުކުރަން ބޭނުންނަމަ، އެކަން ކުރާނީ ކޮންގޮތަކުންތޯ، އަޅުގަނޑު ވަރަށް ގިނައިން އަހަމެވެ. އެއްގޮތަކީ، ބުރަ މަސައްކަތްކޮށް، ރެޔާދުވާލު ފަރިތަކޮށްގެން، ޤައުމުގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދާ ވާދަކުރެވޭނެ ފެންވަރަށް ތައްޔާރުވުމެވެ. އަނެއް ގޮތަކީ، ސާޢިދުއަށް ރޭހުގައި ބައިވެރިނުވެވޭގޮތް ހެދުމަށްފަހު، އަމިއްލަ ހާލައިގެން ނޫޅެވޭ ފަދަ ފޮއް މީހަކާ ވާދައަށް ދުވަން ނުކުތުމެވެ.
ދެވަނަ މިސާލެއްވެސް ދަންނަވާނަމެވެ. މަޝްހޫރު ގޯލްކީޕަރު އިމްރާން މުޙައްމަދު ކޮޅަށް ޕެނަލްޓީއެއް ވައްދާލާނީ ކޮން ގޮތަކުންތޯއެވެ؟ އެއް ގޮތަކީ، ގޯލުގެ ކަނަށް، ބާރަށް އަދި އަމާޒުކޮށް ބޯޅަ ފޮނުވާލަން މެދުނުކެނޑި ތަމްރީނުވުމެވެ. މިކަމުގައިވެސް ދެވަނަ ގޮތެއް އެބައޮތެވެ. ފުޅާމިނުގައި ހަ މީޓަރު ހުންނަ ގޯލު، ވިހި ތިރީސް މީޓަރަށް ފުޅާކޮށްލާނީއެވެ. ކުޅަދާނައަސް، އިމްރާނަކަށްވެސް ބޯޅަ ގޯލަށް ވަނަނުދީ މަތަކުރަން ފަސޭހައެއް ނުވާނެ ދެއްތޯއެވެ.
އެމް.ޑީ.ޕީ އިން އިންތިޚާބުގައި ކަންކުރީ އެފަދަ ގޮތަކަށެވެ. އަލިއަޅުވާލަން މިއުޅެނީ ވޯޓު އޮޅުވާލކަމުގެ ތުޙުމަތަކަށް ނޫނެވެ. އެކަންވެސް ހިނގިކަމަށް ޤަބޫލުކުރާނެ ޖާގަ އެބައޮތެވެ. ނަމަވެސް، މި ލިޔުމުގައި މި އިޝާރާތްކުރަނީ، ރައްޔިތުންގެ ވިސްނުން އެމް.ޑީ.ޕީ އިން ބަދަލުކޮށްލިގޮތަށެވެ. ރޭހުގެ ފެންވަރު، ފިކުރީގޮތުން، ދަށްކޮށްލިގޮތެވެ. ގޯލުގެ ފުޅާމިން، ފިކުރީގޮތުން، ބޮޑުކޮށްލިގޮތެވެ.
ތަރައްޤީއަކީ މުހިންމު އެއްޗެއްތޯ ސުވާލު އުފެއްދީއެވެ. ތަރައްޤީއަކީ ކޮބައިކަމާމެދުވެސް ސުވާލު އުފެއްދީއެވެ. ބަނދަރު، ނަރުދަމާ، ތޮށި، އިމާރާތްތައް، މަގުތައް ފަދަ އުމްރާނީ ވަޞީލަތްތަކަށް އެދުން މަޑުޖައްސާލުމަށް ހިތްވަރުދިނީއެވެ. ހަޤީޤީ ކުރިއެރުމަކީ ތިމާއަށް ލިބިފައިވާ މިންވަރުން ފުއްދާލުން ކަމަށް ވަކާލާތުކުރީއެވެ.
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން، ރާއްޖެ ކުރިއަރާ ގޮސް، މެދު ފަންތީގެ ޤައުމުތަކުގެ އެންމެ ކުރީ ސަފުން އޮތީ ޖާގަ ލިބިފައެވެ. އާމްދަނީ ބޮލަކަށް ޖެހޭ ނިސްބަތް 6000 ޑޮލަރުން 10000 ޑޮލަރަށް އޮތީ އިތުރުކުރެވިފައެވެ.
މުހިންމެއް ނޫން ދެއްތޯއެވެ. ޖަޒީރާގައި އެއީ ތަރައްޤީއެއް ނޫނެވެ. އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ފަޤީރު، ބަނޑުހައިހޫނުކަންމަތީ ގިނަ ބަޔަކު އުޅޭ ޤައުމުތަކުގެ ގިންތިއަށް އެނބުރި ދިއުން އެއީ ޖަޒީރާވަންތަ ދިރިއުޅުމުގައި މައްސަލައެއް ނޫން ދެއްތޯއެވެ. އާމްދަނީ 10000 ޑޮލަރުން އަނބުރާ 4000 ޑޮލަރަށް ވެއްޓުންވެސް އެއީ އުފާކުރަންޖެހޭ ފަދަ ކަމެކެވެ. އެއީ، ޖަޒީރާ ފަލްސަފާފައި ހަޤީޤީ ތަރައްޤީއެވެ.
ކޮންކްރީޓު ކީއްކުރަންތޯ އުވައިގެ ކަންފުޅެއްވެސް ނޯންނާނެއެވެ. އެހިސާބުން އެއޮތީ ދެމެހެއްޓެނިވި ތަރައްޤީ ލިބިފައެވެ. އަދި، އޭގެ އެންމެ ބޮޑު ދަލީލުވެސް ދަންނަވާލާނަމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، ފުދުންތެރިކަމާއެކު ދިރިއުޅުމުގެ ބަދަލުގައި، އެހީއަށް އެދި ސަލާންޖަހައިގެން، ބަޔަކު ދަށުވެގެން އުޅެން ޖެހުމުން، ޖަޒީރާ މެނިފެސްޓޯ މިހިރަ ދަނީ އެންމެ މަތީ ދަރަޖައަށް ތަންފީޒުވަމުން ނޫންތޯއެވެ. އަދި، މިކަމާ އުފާކޮށް، ފަޚުރުވެރިވާ ބަޔަކުވެސް ހަމަ މަދެއް ނޫނެވެ.
އެމް.ޑީ.ޕީ އާ ދިމާއަށް އިނގިލި ދިއްކުރަނީއެއް ނޫނެވެ. އަދި ވަކިން، ރައްޔިތުންނާ ދިމާއަށް އިނގިލި ދިއްކުރަނީއެއް ނުމެނޫނެވެ. އިނގިލި ދިއްކުރެވޭކަށް ނެތެވެ. އިނގިލި ދިއްކުރުމުގެ މާނަ އިނގޭތީއެވެ. އެއް އިނގިލި ދިއްކުރުމުން، އަތުގެ އިތުރު ތިން އިގިލި ދިއްކުރެވޭނީ ތިމާއާ ދިމާއަށް ވީމައެވެ. މިއީ، އަޅުގަނޑުމެންގެ ކުށެވެ. ޕީ.ޕީ.އެމްގެ ކޮށިކަމެވެ. މިހިސާބަށް އަންނަ އިރު، އެމް.ޑީ.ޕީ އޮންނަންވާނީ ދަސްވެފައެވެ. އިންތިޚާބެއްގައި، އެވެރިން ކޮށްފައި ނުކުރާނެކަމެއް ނޯންނާނެކަން އޮންނަންވާނީ ތަޖުރިބާކުރެވިފައެވެ. ސަރުކާރު ހޯދަން ދައްކާފައި ނުދައްކާނެ ވާހަކައެއްވެސް ނޯންނާނެކަން އޮންނަންވާނީ ވިސްނިފައެވެ.
މި ލިޔުމުގެ ބޭނުމަކީ، މިއަދު މި ދިމާވެފައިވާ މައްސަލަ، ޖެހިފައިވާ ދަންތުރަ، ލިބިފައިވާ ކޮޅުކެހީގެ ތެރެއިން ފިލާވަޅު ނެގުމެވެ. އަލުން ކަށިޖެހިޔަ ނުދިނުމަށެވެ.
އޮތީ އެންމެ އެދުމެކެވެ. އެންމެ އިލްތިމާސެކެވެ. އެންމެ އާދޭހެކެވެ. ޕީ.ޕީ.އެމް ކަމުނުދަންޏާ، އެމް.ޑީ.ޕީ އިޚްތިޔާރު ކުރައްވާށެވެ. ނަމަވެސް، އެވެރިންވެސް ވިއްކަންވާނީ މިއަދު އޮތް އެއްޗަކަށްވުރެ ހަޤީޤަތުގައިވެސް ރަނގަޅު އެއްޗެކެވެ. މިއަދު އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތެކެވެ.
އުންމީދު ކަނޑާލުމަކީ ހެޔޮގޮތެއް ނޫނެވެ. އަމާޒު ތިރިކުރުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ތަޞައްވުރު ކުޑަކުރުމަކީ ފައިދާހުރި ގޮތެއް ނޫނެވެ.

2 Responses
Mundhu ge vaahaka barudhan ebahuri????????????
Iburathun furifaivaa mazmooneh