ވަދާޢު ކިޔައިފިޔޭ އަހަރެއް ނިދައިފައި ގަދަނިދީ ތިއްބާ!
އަދާކުރުމަށް ޖެހޭ ވާޖިބުތަކަށް ޣާފިލުވެފައި ތިއްބާ!
ވިރޭގަނޑު ފެންފޮދެއް ފަދައިން ޙަޔާތްވިރި ހުސްވެދާ ދިއުމުން
ދިރޭ އެއްޗެއް ބަރީޢަނުވާ އުޞޫލަށް ހޭނުލާ ތިއްބާ!
ޖަހާހައި ފަތްފަތާ ފަންފަން ރުކާގަސްގަހުގެ ވެރިދާ މޮޅު
ގަހާގެހި ދޭ ފިލާވަޅުތައް ބަލާނުމެލައި ކުޅެން ތިއްބާ!
ވެގެން އީމާން ތިބޭނަމަވެސް ޢަމަލު އިދިކީލިކޮށްލައިގެން
ނެގެންހުރި ދުނިޔެވީ ފައިދާ ފަހާދުވުމަށް މިތާ ތިއްބާ!
އިރަށް ދޮންކުލަ އެރީމާދެން ވެއަތުވެދުވަސް ދަނީކަންއެނގި
ބިރަށް އެކަމުގެ ހިތާމަކުރަން ޖެހޭކަންވެސް ނުދަނެ ތިއްބާ!
ސަފުން މީހެއްގެ ޙުރުމަތްވެސް ނުދަނެ ގަދަ ދައްކަދައްކާ ހުރެ
ކަފުނުގެތެރޭ ކުރާދަތުރެއް އޮތޭވެސް ހީނުކޮށް ތިއްބާ!
ސަލާމަތް ވާނެތޯ؟ އެގޮތުގެ މަތީހުރެ މަރުވެދާ މީހުން
ހަލާކުގެ ނަރަކަ ފިޔަވައި ފަހެ، ތަނެއް ހަމަ ޙައްޤު ވާނޭބާ!
