Support Us

މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން މަތީ ދެމިހުންނާނަން: ރައީސުލްޖުމްހޫރިއްޔާ 

މޫސުމީ ބަދަލުތަކާ ދެކޮޅަށް، އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރެއްވުން މަތީ ދެމިހުންނަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވަނީ އިންސާނިއްޔަތުގެ މުސްތަޤުބަލާއި ތިމާވެށީގެ ދުޅަހެޔޮކަމާ އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިންމުކަން، ދިވެހިން ރަނގަޅަށް ދަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ސޯލާ ސިޓީ މަޝްރޫޢާއި، ކާރިސާތަކަށް ތައްޔާރުވުމާއި، ދުރާލާ އިންޒާރުދޭ ނިޒާމުތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަށް ހޭނުމަށާއި މާހައުލީނިޒާމު ރައްކާތެރިކުރުމަށް ޖަމަޢީ ފެންވަރުގައި މަސައްކަތްކުރުން ފަދަ، އުންމީދީ، މޫސުމީ ފިޔަވަޅުތައް ރާއްޖެއިން އަޅަމުންގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި، ވަކި ވަކި ފަރުދުންނަށާއި، މާހައުލީނިޒާމުތަކަށާއި، ޤުދުރަތީ ވަސީލަތްތަކަށް، އަސަރުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވަނީ، މި ބަދަލުތަކަށް ހޭނުމަށާއި، ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، ދެމެހެއްޓެނިވިކަން އިސްކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން އެކުގައި ކުރާ މަސައްކަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ތިމާވެށި ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް މިހާރަށްވުރެ ރައްކާތެރި އަދި ފުދުންތެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކުރުމަށާއި، މަސްއޫލިއްޔަތުތައް ހިއްސާކުރުމަށާއި، އެކުގައި މަސައްކަތްކުރުމަށް ހުރިހާ މަސްލަހަތުވެރިންނަށް އިލްތިމާސްކުރައްވަމުންނެވެ.

މީގެ އިތުރުން، މީސްމީޑިއާގައި ދަ ފީޑް އެމް.ވީ އިން ހިއްސާކުރި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތިމާވެށި ހިމާޔަތްކުރުމަކީ ޤައުމީ މަސްއޫލިއްޔަތެއް ކަމުގައި ބަލައިގަތުމަށް، އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ. އެގޮތުން، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެ، ގަސްއިންދުމުގެ އެކި ހަރަކާތްތައް ހިންގުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ތިމާވެށީގެ ރައްކާތެރިކަމާ ގުޅުންހުރި ހަރަކާތްތަކުގައި ޒުވާނުން އިސްނަގައި، ފެހި ރާއްޖެއެއްގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *