ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރުން ތިން އަހަރު ތެރޭ 100 ވަނަ ކުއްޖާ އުފަންވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ސެންޓަރުގެ ތަޖުރިބާކާރު ޓީމުން ކުރާ މަސައްކަތަށް އާންމުންގެ އިތުބާރު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމުގައި ޓްރީ ޓޮޕުން ބުނެފިއެވެ.
ޓްރީ ޓޮޕުން ބުނީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާދިނުމުގައި ހޯދައިފައިވާ ކުރިއެރުންތަކާއި، އުންމީދު ކުރާ އާއިލާތަކަށް ހޯދައިދީފައިވާ އާ އުންމީދުތަކާ އެކު 29މެއި 2023 ގައި ހުޅުވުނު އެ ސެންޓަރަކީ ދަރިމައިވުމުގެ ސިއްހަތަށް އިންގިލާބީ ބަދަލުތަކެއް ގެނައި ތަނެއް ކަމަށެވެ. މިއީ ރާއްޖޭގައި އައި.ވީ.އެފްގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ސެންޓަރެވެ. މީގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް، އަމިއްލަ ގައުމުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.
"ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ސެންޓަރުން ވަނީ ތާރީޚީ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން، ރާއްޖޭގައި އައި.ވީ.އެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދަރިއަކު އުފަންވުމާއި، މިހާތަނަށް މި ސެންޓަރުގެ އެހީގައި 100 ވަނަ ކުއްޖާ އުފަންވުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މިއީ މި ސެންޓަރުގެ ތަޖުރިބާކާރު ޓީމުން ކުރާ މަސައްކަތަށް އާންމުންގެ އިތުބާރު އޮތްކަން ހާމަކޮށްދޭ ކަމެކެވެ." ޓްރީ ޓޮޕުން ބުނެއެވެ.
"މި ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި އައި.ވީ.އެފް، އައި.ޔޫ.އައި، ދަރިމައިވުމުގެ މައްސަލަތައް ދެނެގަތުމަށް ކުރާ ޓެސްޓުތަކާއި، ފަރުވާގެ ޕްލޭން އެކުލަވައިލުމުގެ އިތުރުން ދަރިމައިވުމުގެ ސިއްހަތާ ގުޅޭ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ."
ޓްރީ ޓޮޕް ފާޓިލިޓީ ސެންޓަރުގައި މަސައްކަތްކުރަނީ މި ދާއިރާގެ ތަޖުރިބާކާރު ސްޕެޝަލިސްޓުން ކަމަށްވާ ޑރ. އަނީތާ ގޯރު، ޑރ. ޒަކިއްޔާ އަހުމަދު އަދި ޑރ. ވަރްޝާ ރެންގަރާޖެވެ. މި ޑޮކްޓަރުންގެ ތަޖުރިބާގެ އެހީގައި ގިނަ ބަޔަކު ދަނީ ކާމިޔާބުކަމާއެކު ދަރިމައިވުމުގެ ފަރުވާ ހޯދަމުންނެވެ.
ތިން ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ "ފްރީ ފާޓިލިޓީ ކޮންސަލްޓޭޝަން" ނުވަތަ ދަރިމައިވުމާ ގުޅޭގޮތުން ހިލޭ ލަފާދޭ ކެމްޕޭނެއް ފަށައިފައެވެ. މި ކެމްޕޭނުގެ މަގުސަދަކީ ދަރިމައިވުމުގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، މައްސަލައެއް އުޅޭނަމަ ވީހާވެސް އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދުމަށް ހިތްވަރު ދިނުމެވެ.
"މި ފުރުސަތުގެ ދަށުން 13 ޖޫން އިން 17 ޖޫނާ ދެމެދު ފާޓިލިޓީ ސްޕެޝަލިސްޓަކަށއ ހިލޭ ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 4 ޖޫން އިން ފެށިގެން އޮންލައިން ފޯމެއް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ. މި ކެމްޕޭނުގެ ދަށުން ޖުމްލަ 130 މީހަކަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހިލޭ ޚިދުމަތުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކޮންސަލްޓޭޝަނާއި އެއާ ގުޅޭ ފޮލޯ-އަޕް އެޕޮއިންޓްމަންޓް އެކަންޏެވެ. ނަމަވެސް، ޑޮކްޓަރު އިރުޝާދު ދެއްވާ އިތުރު ޓެސްޓުތަކާއި، ސްކޭން، ބޭސް އަދި އެހެނިހެން ޕްރޮސީޖާތަކަށް ހޮސްޕިޓަލުގެ އާންމު ރޭޓުން ފީ ނަގާނެއެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން އާސަންދަ ނުވަތަ އެހެން އެއްވެސް އިންޝުއަރެންސެއް ބޭނުން ނުކުރެވޭނެއެވެ."
"ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކޮށް، އެންމެ ފަހުގެ ވަސީލަތްތަކާއެކު އާއިލާތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ދެމިތިބުމެވެ."



advertisment

