ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލް (މަގަތު ފާލަން) އަދި އެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ކުރުމަށް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
އެމް.ޕީ.އެލް ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރު ކެޕްޓަން ހުސެއިން ޝަފީގެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން، މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއެވެ.
ކީ ވޯލް ތަރައްޤީކުރުމާއި 6،775 އަކަ މީޓަރުގެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ 120 ދުވަސް ތެރޭ ފުރިހަމަކުރާ ގޮތަށެވެ.
މި މަޝްރޫޢުގައި ހިމެނޭ ކްލިއަރަންސް ސަރަހައްދުގެ ކީވޯލް ތަރައްޤީކުރުމުގެ އަގަކީ 818 މިލިއަން ރުފިޔާއެވެ. އަދި، ކީވޯލާއި، ސަރަހައްދު ޕޭވްކުރުމާއި އެކަމާ ގުޅުންހުރި ހުރިހާ މަސައްކަތާއެކު، މި މަޝްރޫޢު ފުރިހަމަކުރުމަށް 154 މިލިއަން ރުފިޔާ ހޭދާވާނެ ކަމަށް އެމް.ޕީ.އެލް އިން ބުނެއެވެ.
"މިއީ ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ ކްލިއަރަންސްގެ އޮޕަރޭޝަންސްތަކަށް މި ވަގުތު ތަރައްޤީކުރާ ސަރަހައްދެކެވެ. އެހެން ނަމަވެސް، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފުރިހަމަވުމުން، މި ސަރަހައްދު ބޭނުންކުރާނީ އެމް.ޕީ.އެލްގެ އުޅަނދުތަކަށް ޚާއްސަ ކުރެވޭ "ސަރވިސް ކީ" އެއްގެ ގޮތުގައެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.
"ކްލިއަރަންސް އޮޕަރޭޝަންސްތަކަށް މި ސަރަހައްދު ބޭނުންކުރެވެން ފެށުމުން، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓަރމިނަލުން ކަނޑުމަގުން މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސްގެ ބޮޑު ބައެއް މި ސަރަހައްދަށް ބަދަލުކުރެވޭނެއެވެ. މިއީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި މިހާރު ފޯރުކޮށްދެމުންދާ ކްލިއަރަންސްގެ ޚިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ބޮޑު ލުއިކަމެކެވެ."
އެމް.ޕީ.އެލް އިން ބުނާގޮތުގައި ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ބަނދަރުގެ އެކި މަސައްކަތްތައް އެ ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.
"މި ކުންފުނީގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުށި ބަނދަރު ޚިދުމަތަށް ހުޅުވާލައި، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އައު ބަނދަރަށް ބަދަލުކުރުމެވެ. އެގޮތުން، ތިލަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އަށް މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ހަމައަށް އައިސްފައެވެ."



advertisment

