Support Us

ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

އަންނަން އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މުނާސަބަތުގައި މިއަދު ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުންފަތާއި، ދުންފަތުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކުގެ އިތުރުން، އޭގެ ސަބަބުން ކުރިމަތިކުރުވާ އިޖްތިމާޢީ އަދި އިގްތިޞާދީ މައްސަލަތަކަކީ، ޢާންމު ޞިއްޙަތަށާއި ޤައުމުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ. އަދި ދުންފަތުގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމަށާއި، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެތަކެތި ޒުވާނުންނަށް މާކެޓްކުރުމަށް ބޭނުންކުރާ އުކުޅުތަކާއި ދެކޮޅަށް ސަރުކާރުތަކުން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވާލައްވައިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުންފަތާއި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރުމުގައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ތަންފީޒުކޮށްފައިވާ ކަމަށެވެ. އެގޮތުން، އީ-ސިގިރޭޓު މަނާކުރުމާއި، ޓޮބޭކޯ-ފްރީ ޖެނެރޭޝަނަލް ބޭނެއް 2025ގައި ތަންފީޒުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، "ޓޮބޭކޯ-ފްރީ ދިވެހިރާއްޖެ" އެއް ޤާއިމްކުރުމަށް، ޓޮބޭކޯ ސެސޭޝަން ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ޤާނޫނުތައް އިތުރަށް ފުޅާކުރެވިފައި ވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފްލޭވަރޑް ނިކޮޓީން ޕައުޗާއި އޭއައި ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މިހާރު ފުޅާވެފައިވާކަމަށް ވިދާޅުވެ، މިކަންކަމަށް އިތުރަށް ސަމާލުވެ، އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުންފަތް ކޮންޓްރޯލްކުރުމަށް އެކުލަވައިލައިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި، ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް، މީސްމީޑިއާގައި މެސެޖެއް ޙިއްސާ ކުރެއްވިއެވެ. އެކަމަނާގެ ޕޯސްޓްގައި، ދުންފަތުން ރައްކާތެރިވުމުގައި ތަޢުލީމާއި، ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތަކާއި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *