Support Us

"ސްމައިލީ ކްލިނިކް"

(މިފަހަރުވެސް އަޅުގަނޑު ދަންނަވަން އޮތް ވާހަކަ ދަންނަވާނީ ވާހަކައެއްގެ ފޭރާމެއް ލައްވައިފައެވެ. ވިދާޅުވެލައްވާށެވެ!)

ތަނަކަށް ލިބިފައިވާ ތަރައްޤީއާއި، ތަހުޒީބުގެ މަގުން އެތާކަށް ލިބިފައިވާ މަތިވެރިކަމާއި، ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނައިލެވޭ ޤައުމުތަކުގައިވެސް ހުންނަ އެންމެހައި މޮޅެއް ތަނުން ލިބިދެވޭނެ ކަމުގެ ދަލީލަކަށް ވަނީ އެތަނެއްގެ ބޭރު އޮފީހަށް ވަންނަ އިރު އެފެންނަ މަންޒަރުން ކަމަށް ވަންޏާ، އެ ތަނަކީ މިދެންނެވި ހުރިހައި މިންގަނޑަކުންވެސް ހަމަ އެންމެ މަތީ ފެންވަރުގެ ތަނެކެވެ. ތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ދައްކައިދެނީ ތަނުން ލިބެން ހުރި ޚިދުމަތްތައް އެންމެނަށް ދައްކަން  މީސްމީޑިޔާގައްޔާއި ވެބްސައިޓުތަކުގައްޔާއި ޓީވީން އެ ދައްކާ އިޝްތިހާރުތަކުން ކަމަށް ވަންޏާ، ތަނަކީ އެ ރޮނގުން ދުނިޔޭގެ އެންމެ މަތީ ފަންތީގައި ގުނައިލެވޭ އެއް ތާކަށް ވާނެކަން ކަށަވަރެވެ. ތަނަށް ޒިޔާރަތްކުރާ މީހުން މަޑުކޮށްލަން ހަދައިފައި އެހެރަ މޮޅު ބޭރު މާލަން ފަރުމާކޮށް، އެތަނުގައި ބަހައްޓައިފައި އެހުރި ފަރުނީޗަރު ހައްދައި، އެންމެ މިޒަމާނުގެ ޓެކްނޯލޮޖީގެ އާލާތްތައް ހަރުކޮށް ހަދައިފައި ވަނީ ހަމަ އެ ފެންވަރާއި ފަންވަރު ފިސާރި ރަނގަޅަށް ދައްކައިލެވޭނޭ މަގުން މެއެވެ.

އަޅުގަނޑު އެ ތަނެއްގެ ވާހަކަ މިދައްކާ ތަނަކީ ދަތުގެ ފަރުވާ ދެއްވަން ރާއްޖެ ވަޑައިގެން ތިއްބަވާ އެންމެ މަތީ ފެންވަރުގެ ދެތިން ޑޮކްޓަރުންގެ ކުލިނިކެކޭ ދެންނެވީމައި އެއީ ހަމައެކަނި މިސާލެއްގެ ގޮތުން ދެންނެވި އެއްްޗެއް ކަމަށް ބައްލަވައިފައި ކުރިޔަށް ގެންދަވާށެވެ. އަދި މިދަންނަވާ ޚިޔާލީ ކުލިނިކުގެ ބޭރުގައި ހަރުކޮށްފައި އެެހެރަ އެންމެ މިޒަމާނުގެ އިލެކްޓްރޯނިކް ބޯޑުގައި ލިޔެފައި އެ އޮންނަ "ސްމައިލީ ކްލިިނިކް" އަކީވެސް ޚިޔާލީ ނަމެއް ކަމަށް ބައްލަވައިދެއްވާށެވެ.

އަޅުގަނޑުގެ ރައްޓެހި ތުއްތުހަސަނަކީ ކާށިވެސް ކެވޭނީ ދަތްހުރި ދުވަހު ކަމަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޤަބޫލު ކުރާ މީހެކެވެ. މެދު ފަންތީގެ އާދައިގެ މީހަކަށްވުރެ ކުޑަ ތަންކޮޅެއް ތަނަވަސް، ތަކެއްޗާއި ޚިދުމަތުގެ އަގަކީ އެ ތަކެއްޗާއި ޚިދުމަތުގެ ފެންވަރު ދައްކައިދޭ ތެދުވެރި މިންގަނޑެއް ކަމަށް ހެޔޮ ހިތުން ޤަބޫލުކުރާ ޒާތުގެ ސާދާ ހިތެއްގެ ވެރިޔެއް މެއެވެ. އެހެންކަމާއެކު، އެއް ދުވަހު ހެނދުނު ހޭލިއިރު ކަނާއަތް ފަރާތު ތިރީ ކޮލުދަތެއްގައި އާދަޔާ ޚިލާފު ރިހުމެއް ހުރީތީ، އޭނާ ނިންމީ އޭގެ ކުރީ ރޭ އޭނާ ޓީވީ ބަލަން އިންދައި ފެނުނު އިޢުލާނެއްގައި ބުނި "ހަތަރު ދުވަހަށް ރާއްޖެ ވަޑައިގެން އުޅުއްވާ، އިޓަލީގެ މޮޅު ދަތުގެ ޑޮކްޓަރު، ޑރ. ވީ.ސެންތިލް ކިޔުމާރ" އަރިހުން އެޕޮއިންޓުމަންޓެއް ހޯދާށެވެ.

ޢާންމު މަގުތަކުން ދަތުރުކޮށްގެން އެޕޮއިންޓުމަންޓެއް ލިބުން ތަންކޮޅެއް ދަތިވެދާނެތީ، ތުއްތުހަސަނު ނިންމީ، އޭނާ ވަރަށް ގިނަ މައްސަލަ ޙައްލުކުރާ ގޮތަށް، ރައްޓެއްސަކާ ގުޅައިލައިގެން އެޕޮއިންޓްމަންޓެއް ހޯދައިލާށެވެ. އަދި އެ ނިންމުމާ އެއްގޮތަށް ޢަމަލު ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އިސާހިތަކު އެޕޮއިންޓުމަންޓު ލިބިއްޖެއެވެ. އަދި ޑޮކްޓަރަށް ދައްކަން ދޭންޖެހޭ އަށް ސަތޭކަ ރުފިޔާ އޮންލައިންކޮށް ދެއްކުމާއެކު، ހަމަ އެދުވަހުގެ މެންދުރު ފަހު 3:44 އަށް އެޕޮއިންޓުމަންޓު ހަމަޖެހުނު ވާހަކަ އޭނާގެ ފޯނަށް އެސް.އެމް.އެސް މެދުވެރިކޮށް އައެވެ. ވައިބަރުންނާއި ވަޓްސްއެޕުންވެސް ލިބުނެވެ.

ގަޑިން 3:30 ހިނގިރު ތުއްތުހަސަނު ހުރީ ކުލިނިކުގެ ދޮރުމަތީގައެވެ. އެޕޮއިންޓުމަންޓުގެ ވަގުތުގެ 14 މިނެޓު ކުރީން ހާޒިރު އެވީ، ޔޫރަޕު މީހުންނަކީ ގަޑިޔަށް ކަމޭ ހިތާ ބައެއްކަމަށް ބައެއް ރައްޓެހިން ބުނެފައި އޮންނާތީއެވެ.

ކުލިނިކުގެ ބޭރުގައި އެހެރަ މޮޅު ކުލަ ބިއްލޫރިޔާއި، ޖާދޫއެއްކަހަލަ ނަންބޯޑާއި، މި ހުރިހައި އެއްޗެއްގެ ފެންވަރު ދެކެ، ކުޑަކޮށް ޙައިރާންވެސް ވެފައި ހުރެގެން ތުއްތުހަސަނު ކުލިނިކަށް ވަދެއްޖެއެވެ. އަދި  ތަނުގެ އެތެރޭގެ ފުރިހަމަކަން ފެނިފައި އެ ޙައިރާންކަމުގެ ތެރެޔަށް ޢަޖައިބުގެ އެތިކޮޅެއްވެސް ލައިގެން އެތާ ހުރި ކޮށިގަނޑެއް ކައިރިޔަށް ޖެހިލައިފައ، އެތެރޭގައި އިން ފަތްމިންޏެއް ކަހަލަ ޒުވާން އަންހެނަކަށް އިވޭވަރަށް ސަލާން ގޮވައިލިއެވެ.

"އައްސަލާމް ޢަލައިކުމް. އަޅުގަނޑު މި އައީ  އިޓަލީގެ މޮޅު ދަތުގެ ޑޮކްޓަރު، ޑރ. ވީ.ސެންތިލް ކިޔުމާރ އަރިހުން އެޕޮއިންޓުމަންޓެއް ހޯދައިގެން މިއަަދުގެ 3:44 އަށް. ކިހިނެއްތޯ ހަދަންވީ؟" ތުއްތުހަސަނު ބުނެލިއެވެ.

"ހޫނ! ޑޮކްޓަރަށް ދައްކަން ދޯ؟" ފަތްމިނި ސަލާން ބަލައި ނުގަންނަކަން ފާހަގަވާ ވަރަށްވުރެ ތުއްތުހަސަނު ހުރީ ތަނުގެ ހައިބަތު ފެނިފައި އާޝޯޚު ވާގޮތްވެސް ވެފައެވެ. "ތިހިރަ ތަނުން ސޯފާ ގޮނޑިއެއްގައި އިށީނދޭ! ތިހިރަ އިސްކިރީނަށް އަރާނެ ނަންބަރު ޖެހުނީމަ. އަން ނަންބަރު!"

ފަތްމިނި ތުއްތުހަސަނަށް ދިއްކޮށްލި ކަރުދާސްކޮޅެއްގައި "14″ މިހެން ލިޔެފައި އޮތެވެ. ވަކި ގަޑިޔަކަށް އެޕޮއިންޓުމަންޓެއް ހޯދައިގެން މިހައި ފެންވަރު މޮޅު ތާކަށް އަންނަ މީހަކު ނަންބަރެއް ނަގައިގެން މަޑުކުރަން ޖެހޭ ހަމައެއް ތުއްތުހަސަނަށް ނުވިސްނޭތީ، ފަތްމިންޏަށް އޮޅުނީ ކަމަށް ހީކޮށް އޭނާ އެ ވާހަކަ ބުނެލަން ބޭނުންވިއެވެ.

"ބައްލަވަ! އަޅުގަނޑު މި އައީ ކުރީބައިގައި އެޕޮއިންޓުމަންޓެއް ހައްދައިގެން! އެ ޕޮއިންޓުމަންޓު އޮތީ 3:44 ގައި ކަމަށް އަޅުގަނޑަށް ފޯނުންނާއި ވައިބަރުންވެސް މި ތަނުން އަންގަވައިފައި އެބަ އޮތް." ތުއްތުހަސަނު ބުނެލިއެވެ.

"އެނގެޔޭ! ތި ގަޑިޔަކީ މިތަނަށް އައިސް ނަންބަރު ނަގަން ޖެހޭ ގަޑި. ޑޮކްޓަރު ބައްލަވާނީ ނަންބަރު ގަވައިދުން. ޑޮކްޓަރު އަދި ނާދޭ. އައިސް ބަލަން ފެށީމާ ތިހިރަ އިސްކިރީނަށް އަރާނެ. ނަންބަރު އަރާއިރު މިތާ ނެތިއްޔާ އެހިސާބުން ތިބޭޅާ ކެންސަލް. ލާރި ނުލިބޭނެ އިނގޭ، އެހެން ހަދައިފިއްޔާ." ފަތްމިނީގެ ބަސްމަގު އެހައި ރަނގަޅު ނޫންކަން ތުއްތުހަސަނަށް ފާހަގަވާން ފެށީ އެ ހިސާބުންނެވެ.

އިށިންތާ ގިނަ އިރެއް ނުވަނީސް ފަހަރަކު މީހަކު، ފަހަރަކު މީހަކު، ހަމަ އެގަޑިޔަށް އައިސް ތަންފުރައިލައިފިއެވެ. އެއްކަލަ ކުލަ ރީތި، މަޑު، ގޮދަޑިޖެހި ގޮނޑިޔެކޭ ކުޑަވަރެއްގެ އަދަބެކޭ އެއްވަރުވެސް ވެއްޖެއެވެ. ނުދަންނަ ބަޔަކާ ޖެހި ފިތި ބާރުވެގެން އިންނަން ޖެހުނީމައެވެ. ތުއްތުހަސަނު އެތަނަށް ވަންއިރު ތަނުގައި ޖަހައިލައިފައި ހުރި މަޑު މިޔުޒިކުގެ އަޑުވެސް އެހެން އަޑު ތަކެއްގެ ތެރެޔަށް ޣަރަޤު ވެއްޖެއެވެ. އެކަކު އަނެކަކަށް ދަންނަ ދެމީހަކު އެކަކު އަނެކަކާ ތަންކޮޅެއް ދުރުގައި ތިބެގެން ދިރިއުޅުމުގެ ތަޖުރިބާ ޙިއްޞާ ކުރާ އަޑެވެ. ބިދޭސީޔަކު ހެޑުފޯނު ކަންފަތަށް ޖަހައިގެން އިނދެ ރަށަށް ފޯނުކޮށްގެން އެ މީހުންގެ ރަށުގައި އެކަކު އަނެކަކަށް ފޯނުބޫތުން ފޯނުކޮށްގެން ވާހަކަ ދައްކާ ބާރުމިނުގައި ވާހަކަދައްކާ އަޑެެވެ. ތަރުބިއްޔަތަށް ޖެހިފައިވާ، ހިފިނުހެރެގެން އުޅޭ ޒާތުގެ ކުޑަ ދެ ކުއްޖަކު ކޮންމެވެސް ބޭރު ބަހަކުން އެއް ކުއްޖަކު އަނެއް ކުއްޖަކާ ދިމާޔަށް އެއްޗިހިތަކެއް ގޮވަމުން މުޅިތަން ކުޑަޔަށްލައި ދުވާ އަޑެވެ. ހަރުކުލައިގެ ދެތިން މީހަކު ވައްކަމާއި، ޓެކުމާއި، ފޭރުމާއި، އާޑަ ފުރައްސާރަކުރުމާއި، ޣީބަބުނުމާއި، ކަނޑައެޅިގެން ޖެއްސުންކުރުމާއި، މި ހުރިހައި ކަމެއްގައި ސިޔާސީ ކުލައެއްގެ ހެޔޮ ފޭރާމެއް އަޅުވައިގެން، އެތަނަށް އެކީގައި ވަދެ ތިބުން އެކަށީގެންވާ މައިން ދަރިންނަށް އިވޭ ވަރަށް ވާހަކަ ދައްކައިލާ އަޑެވެ. ތުއްތުހަސަނު ހަމަ އަޑެއްވެސް އިއްވައިނުލައި، ޒާތަކަށް ސިހިފައި އިނދެއްޖެއެވެ.

ކުއްލިޔަކަށް ކުލިނިކު ތެރެޔަށް ބޭރުން ވަދެގެން އެ އައީ ޒުވާންފުރައިން ދެވަންފުރަޔަށް ދަތުރުފަށައިފައިވާ ޢުމުރެއްގެ ފިރިހެނެކެވެ. ބަލާބެލުމަށް އެއީ ދިވެއްސެއް ނޫނެވެ. އެކަމަކު އިސްކޮޅާއި ރޫފަޔާއި ހަމުގެ ކުލަޔަށް ބަލާއިރު، އެއީ އަވަށްޓެރި ޤައުމެއްގެ ރައްޔިތެއް ކަމަށް ފެނެއެވެ. އެމީހަކު ވަންގޮތަށް ވަދެ ނަންބަރެއް ނަގަން މަޑުނުކޮށް، އެތާ ހުރި ދޮރަކުން އެތެރެޔަށް ވަދެގެން ހިނގައްޖެއެވެ. ތުއްތުހަސަނު ހީކުރީ އެއީ ޑޮކްޓަރެއް ކަމަށެވެ.

"އަނެއްކާ މިއަދުވެސް އެ ގެއްލުނީ އަހަރުމެންގެ ތިން ގަޑިއިރު!" ތުއްތުހަސަނު ގާތުގައި އިށީނދެގެން އިން މީހަކު ބުނެލިއެވެ.

"އެ ޑޮކްޓަރު ދުރުވީމަ ތޯ؟" ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ތުއްތުހަސަނަށް އަހައިލެވުނެވެ.

"ޑޮކްޓަރެކޭ؟ ކޮންތާކު! އެއީ އެހެރަ އަނެއް ގައުމުގެ ބެންކު މެނޭޖަރު. ދަތުގެ ޑޮކްޓަރާ އޭނާޔާ އެއީ ދެބެންގެ ދެދަރި ދެމީހުންނޯ. ދެ މީހުން އެކީ ކޮފީ ބޮއި، އަނގަމަޖާކޮށް ހަދާ ނިމުނީމާ ނަންބަރު އަރަން ފަށާނީ." އެމީހާ ބުނެދިނެވެ.

"އެކަމަކު އިޓަލީގެ މޮޅު ދަތުގެ ޑޮކްޓަރާ ތިޔަ މެނޭޖަރާ ކިހިނެއްތޯ ތިމާގެ ވާނީ؟ ޑޮކްޓަރު އެއީ އިޓަލީގެ ބޭކަލެއް ނޫންތޯ؟" ތުއްތުހަސަނަށް ބުނެވުނެވެ.

"ޑޮކްޓަރަކީ އިޓަލީ މީހަކާ އިނދެގެން އެތަނަށް ހިޖުރަކޮށްގެން އުޅޭ މީހެއް. އެއީ އަދި އިޓަލީ ރައްޔިތެއް ނޫން." މަޢުލޫމާތު ހުރި މީހާ ބުނެލިއެވެ.

ތުއްތުހަސަނު ގަޑި ބަލައިލިއެވެ. އެެއިރު ގަޑިން ފަހެއް ޖަހައި ބޮޑުވެއްޖެއެވެ. ދުވަހުގެ އެންެމެ އުފެއްދުންތެރި ވަގުތުކޮޅުގެ ތެރެއިން ދޮޅުގަޑިޔެއްގައި އިރު އިސްރާފުވެގެން ދިޔައިރު އެއްކަލަ އިސްކިރީނަކަށް އަދި ނަންބަރެއް އަރާކަށް ނުފަށައެވެ. އަނެއްކާ މިވީ ބެންކު މެނޭޖަރަށް ވަގުތު ދޭށެވެ.

ދަތަކާ ދަތެކެވެ. ތަދަކާ ތަދެކެވެ. ތުއްތުހަސަނު ނިންމީ އެހިސާބުން އޭނާ ދެއްކި ފައިސާ އަނބުރައި ހޯދައިގެން އެތަނުން ނިކުމެގެން ތަންކޮޅެއް އާދައިގެ، ދޭސީ ، އެހެން ތާކަށް ދާށެވެ. އެހެންކަމުން އޭނާ ފަތްމިނި އިން ކޮށިގަނޑު ކައިރިޔަށް ޖެހިލިއެވެ.

"ބައްލަވަ، އަޅުގަނޑަށް ރީފަންޑެއް ދެއްވާ! މިތަނުގެ ފެންވަރާއި ޚިދުމަތްދެއްވަން އުޅުއްވާ ގޮތް އަޅުގަނޑަކަށް ކަމަކު ނުދޭ. އެހެންކަމުން އަޅުގަނޑު ދެއްކި ފައިސާ އަނބުރާ ދެއްވާ!" ތުއްތުހަސަނު ބުނެލިއެވެ.

"މިތަނަށް ދައްކާ ފައިސާ ރިފަންޑު ކޮށްދިނުމަކީ މިތަނުގެ އިންޓަރނަލް ފައިނޭންޝަލް ޕޮލިސީއާ ޚިލާފުކަމެއް. އެހެންވީމާ…. ނުލިބޭނެ!" ފަތްމިނި ބުނެލިއެވެ.

"އެކަމަކު ޤާނޫނުން އަޅުގަނޑަށް ލިބިފައި އޮންނަ ޙައްޤެއް ނޫންތޯ އެ ފައިސާ އަނބުރާ ލިބުމަކީ؟" ތުއްތުހަސަނު އަހައިލިއެވެ.

"ތިޔެއް މަށަކަށް ނޭނގެ! އެނގޭކަށް ނުޖެހޭ، ދޯ؟ ކަލޭ ގާނޫނު ކިޔަވައިދީ ކޮންމެވެސް އެހެން ތަނެއްގައި. މިތާނގައި އޮންނާނީ މިތާނގެ އިންޓަރނަލް ޕޮލިސީ. ޑޮކްޓަރަށް ދައްކަން ބޭނުން ނޫނިއްޔާ މަ ކަލޭ ގަދަކަމުން މިތާ ނުހިފަހައްޓަނީ، ދޯ؟" ފަތްމިނި ބުނެލިއެވެ.

ތުއްތުހަސަނު "ސްމައިލީ ކްލިނިކް"އިން ނިކުމެގެން ދިޔައީ ހިނިތުންވުމަކާ އެކީގައެއް ނޫނެވެ. ހިތް ހަމަޖެހިގެނެއްވެސް ނޫނެވެ.

…..

ވާހަކައެއްގެ ސިފައިގައި އަޅުގަނޑު މިދެންނެވީ އެއް މައްސަލަޔެއްތޯއެވެ؟ ނުވަތަ އެތަކެއް މައްސަލަ އެއް ތާކަށް ޖަމާވެގެން ދިމާވެފައިވާ ބޮޑު އެއް މައްސަލައިގެ ވާހަކަ ތޯއެވެ؟ މި ދެންނެވި ކަހަލަ ކަންކަމަކީ ރާއްޖޭގެ އެއްވެސް ތަނެއްގައި، އެއްވެސް ދާއިރާއެއްގައި، ނުވަތަ އެއް ތަނަށްވުރެ ގިނަ ތަންތާނގައި ނުވަތަ އެއް ދާއިރާޔަށްވުރެ ގިނަ ދާއިރާގައި ހިނގާ ކަހަލަ ކަންކަން ތޯއެވެ؟ އެހެންކަމަށް ވަންޏާ، އެއީ އިޞްލާޙު ކުރަން ޖެހޭ ކަންކަން ތޯއެވެ؟ ނުވަތަ އަޅައިނުލައި ދޫކޮށްލަން ޖެހޭ، އާދައިގެ، ކުދިކުދި ކަންކަން ތޯއެވެ؟ އަޅުގަނޑު ވަކި ނިންމުމެއް އަދި ނުނިންމާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
54

One Response

  1. ވަހީދުގެ ލިޔުންތަކަކީ ލިޔުންތެރިކަމުގެ ގޮތުންވެސް މުއްސަނދި، ކިޔާހިތުން ކިޔާލެވޭ ލިޔުންތަކެއް. އިނގިރޭސިއަށް އެހާ މޮޅު ބޭފުޅަކު، ދިވެހިބަހުން މިފެންވަރަށް ލިޔުއްވާތީ ހައިރާންކަމެއްވެސް އިހްސާސް ކުރަމުން މަރުހަބާއާއި ޝުކުރެއްވެސް ރައްދުކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *